މި ފަހުން ހިންގި ސްކޭމްތަކެއްގެ ދަލުގައި ގިނަ ބަޔަކު ޖެހި، ބޮޑެތި އަދަދުތަކުން ފައިސާ ގެއްލިފައި އެބަހުރި

މަކަރާއި ހީލަތް

ސްކޭމްގެ ދަލުގައި ގިނަ ބަޔަކު ޖެހުނީ ބަރަހަނާ މަންޒަރު ހިމެނޭ ކަމަށް ބުނާ ލިންކަށް ފިތައިގެން

މަޝްހޫރު ނުވަތަ ހައި ޕްރޮފައިލް މީހުންގެ ޒާތީ ފޮޓޯތަކާއި ވީޑިއޯތައް އާންމުވާ ދުވަސްވަރުތަކުގައި ސްކޭމްގެ ލަނޑު ލިބޭ މީހުންގެ އަދަދު ވެސް ގިނަވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ޔަގީންކޮށްދޭ
24 ފެބްރުއަރީ 2023
3

މަކަރާއި ހީލަތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންތަކެއްގެ އިންޓަނެޓް ބޭންކިން މައުލޫމާތު ހޯދަން ހިންގާ ސްކޭމްގެ ދަލުގައި މި ފަހުން ގިނަ ބަޔަކު ޖެހުނީ ބަރަހަނާ މަންޒަރު ހިމެނޭ ކަމަށް ބުނެ ފޮނުވި ލިންކުތަކަކަށް ވަދެގެންކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

މައްސަލައިގެ ފެށުން - ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުން ވަގު މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ ކަސްޓަމަރުންގެ ފާޑުކިޔުން ބޭންކަށް ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި، ރާއްޖޭގައި ހިންގާފައިވާ މުއާމަލާތްތަކާއި ރާއްޖޭން ބޭރުގެ ވެބްސައިޓުތަކުން ހިންގާފައިވާ މުއާމަލާތްތައް ވެސް ހިމެނެ އެވެ.

ތަފްސީލު - އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، ބީއެމްއެލްއަށް ހުށަހެޅި މި ފަދަ މައްސަލަތަކާ ގުޅިގެން އެ ބޭންކުން ބެލި ބެލުމުންނާއި ފުލުހުން ކުރި ތަހުގީގުތަކަށް ފާހަގަކުރެވިފައި ވަނީ، މި ފަހުން ހިންގި ސްކޭމްތަކުގައި ޖެހުނު ގިނަ މީހުންނަށް ލަނޑު ލިބުނީ އެކި ބާވަތްތަކުގެ ލިންކުތަކަށް ވަނުމުންނެވެ. އޭގެ ތެރޭގައި ގިނައީ ވަރަށް ފަހުން އާންމުވި ދިވެހި ފިލްމީ ފަންނާނެއްގެ ބަރަހަނާ ފޮޓޯތަކެއް ހިމެނޭ ކަމަށް ބުނެ ފޮނުވި ލިންކުތަކެއް ކަމަށްވެ އެވެ.

ނަން ނުޖަހަން ޝަރުތުކޮށް އެ ފަރާތުން 'ދައުރު'އަށް ކިޔައިދިން ދިން ގޮތުގައި، މި ދުވަސްވަރު ސްކޭމްތަކުގެ ޝިކާރައަކަށްވީ މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން ހުރިހާ މީހުންނަކީ ވެސް އެކި ކަހަލަ ލިންކުތަކަށް ފިތައިގެން ލަނޑު ލިބުނު މީހުންނެވެ. އޭނާ ބުނި ގޮތުގައި:

  • ބަރަހަނާ މަންޒަރު ބަލަން އުޅުމުގެ ތެރޭގައި ސްކޭމް ވުމަކީ އާ ކަމެއް ނޫން

  • މީގެ ކުރިން އާންމުވި ހައި ޕްރޮފައިލް މީހުންނާއި ފަންނާނުންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ކަމަށް ބުނެ ފޮނުވި ލިންކުތަކަކަށް ފިތައިގެން ވެސް ގިނަ ބަޔަކު ސްކޭމްތަކުގެ ޝިކާރައަކަށްވި

  • އޭގެ ތެރޭގައި ޓިކްޓޮކް ފަންނާނެއްގެ ބަރަހަނާ މަންޒަރުތަކަކާއި ސިޔާސީ އިސް ފަރާތެއްގެ ބަރަހަނާ ފޮޓޯތަކެއް އާންމުވި ކަމަށް އަޑުފެތުރުނު ދުވަސްވަރު ހިމެނޭ

  • މި ދުވަސްވަރު ފާހަގަވި ސްކޭމްތަކުގެ ތެރެއިން ދެ މައްސަލަ ފިޔަވައި އެހެން ހުރިހާ މައްސަލައެއްގެ ވެސް އަސްލަކީ ގޮތް ނޭނގޭ ލިންކުތަކަށް ފިއްތުން

  • އަނެއް ދެ ކޭސްގެ ތެރެއިން އެއް ކޭސްއަކީ އީ-ސިމް ކްލޯންކޮށްގެން، އެ ނަންބަރަށް އޯޓީޕީ ކޯޑެއް ފޮނުވައިގެން ހިންގި ކަމެއް؛ ދެން ހުރި މީހާ ސްކޭމްގައި ޖެހުނީ، އޭނާގެ އެކައުންޓްތަކުގެ މައުލޫމާތު ދަރިފުޅުގެ ފޯނުގައި ހުއްޓައި ދަރިފުޅުގެ ފޯނަށް އެކްސެސް ވެގެން

އެ ފަރާތުން ބުނީ، ބޭންކުން ބެލި ބެލުމުންނާއި ކަމާ ބެހޭ ފަރާތްތަކުގެ ތަހުގީގުތަކުން މިހާތަނަށް ހާމަވެފައި ވަނީ، މަޝްހޫރު ނުވަތަ ހައި ޕްރޮފައިލް މީހުންގެ ޒާތީ ފޮޓޯތަކާއި ވީޑިއޯތައް އާންމުވާ ދުވަސްވަރުތަކުގައި ސްކޭމްގެ ލަނޑު ލިބޭ މީހުންގެ އަދަދު ވެސް ގިނަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ގުޅުންހުރި ކަމެއް - މިދިޔަ ހަފްތާގެ ތެރޭގައި ފިލްމީ ތަރި އާމިނަތު ރިޝްފާގެ ޒާތީ ފޮޓޯތަކަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި، އެ ފޮޓޯތައް ލީކުވީ ފުލުހުންގެ ތެރެއިން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ފުލުހުން އެކަން ދޮގުކުރެ އެވެ.

މަޝްހޫރު މީހުންގެ ޒާތީ ފޮޓޯތަކާއި މަންޒަރުތައް އެކި އަގު ކަނޑައަޅައިގެން ވިއްކަން ޖަހާފައި ހުންނަ ކަމަށް ވެސް ބުނާއިރު، ފައިސާ ދައްކަން އޮންނަ އެންމެ އާންމު ގޮތަކީ ބީއެމްއެލް ޓްރާންސްފާ ކަމަށްވެ އެވެ. އޭގެ އިތުރުން، މިފަދަ ލިންކުތައް މެދުވެރިކޮށް މީހުންގެ އީމެއިލްގެ ލޮގިން ހޯދުން ފަދަ އުކުޅުތައް ވެސް ސްކޭމް ހިންގާ މީހުން ބޭނުންކުރެ އެވެ.

އެކަން އެގޮތަށް ހިންގާކަން އިއްޔެ ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެތައް ދިވެހިންގެ ޒާތީ މައުލޫމާތު އިންޓަނެޓުގައި ލީކުވެފައިވާ ކަމަށެވެ. އަދި ސްކޭމްކުރާ މީހުން، އެކި ލޮގިންތަކުގެ މައުލޫމާތު ހޯދަން ބޭނުންކުރާ އުކުޅުތަކުގެ ތެރެއިން ފުލުހުންނަށް ފާހަގަވެފައިވާ ކަންކަން ވެސް ހިއްސާކުރި އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (3)

ސކކސޖސ

25 ފެބްރުއަރީ 2023
ބީއެމްއެލް ދިފާއުކުރޭ ދެން ތިހެން ކިޔައިގެން
0 0

އަދްހަން

24 ފެބްރުއަރީ 2023
ތިޔަ ލިސްޓުގައި ހިމަނާލަން ޖެހޭ ކަމެއް އެބައޮތް. އެއީ އެކި ތަންތަނަށް ފައިސާ ދައްކާ އިރު ލިންކަށް ފިތައިގެން ކާޑު ނަމްބަރު ޖަހަން ޖެހުން. އޭޑީކޭ، އުރީދޫ ފަދަ ތަންތަނުން އެގޮތަށް ޕޭމަންޓު ހެދުމަށް އެބަބުނޭ. މިއީ ފޯނުން ކުރުން ރައްކާތެރި ގޮތެއް ނޫން. ސަބަބަކީ ފޯނުގެ ބުރައުޒަރުތަކުގެ ރައްކާތެރިކަން ކުޑަވުމާއި ފޯނަށް ނޭނގި އެޅިފައި ހުންނަ ފްރީ ގޭމުތަކުން ފޯނަށް ޖާސޫސުކުރުމާއި ކީލޮގު ކުރުމުގެ ފުރުސަތު ބޮޑުވުން.
4 0

ފަރުހާނު

24 ފެބްރުއަރީ 2023
@އަދްހަން ބީއެމްއެލްއިން ހަބަރު ޖަހުވާފަ ކޮމެންޓްވެސް ކުރަނީ؟ ތިޔަހަރީ މިނިވަން ނޫސްވެރިކަމަށް ކައްތިރި ޖަހައިދީފަ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް