ރިޝްފާ: ކޯޓު އަމުރެއްގެ ދަށުން ފޯނުގެ ޕާސްވޯޑު ވެސް ފުލުހުންނާ ހިއްސާކުރި ކަމަށް އޭނާ ބުނި.

ފުލުހުން

ރިޝްފާގެ ޒާތީ ފޮޓޯތަކެއް ފުލުހުންގެ ތެރެއިން ލީކުވިކަމުގެ ތުހުމަތު

ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮންނަ ކަމަށް ފުލުހުން ބުނޭ

ފިލްމީ ތަރި އާމިނަތު ރިޝްފާގެ ޒާތީ ފޮޓޯތަކަކާއި ވީޑިއޯތަކެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާ ކަމަށް އޭނާ ތުހުމަތުކޮށްފި އެވެ. ނަމަވެސް، ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ނޮވެމްބަރު މަހު ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގައި ޕާޓީ ޑްރަގާ އެކު ޕާޓީ ކުރަން ތިބި ކަމުގެ ތުހުމަތުގައި ރިޝްފާ އާއި އިތުރު ބަޔަކު ފުލުހުން ހައްޔަރު ކުރި އެވެ.

ތަފްސީލް - އެ މައްސަލައިގެ ތަހުގީގަށް ރިޝްފާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި ފޯނުގައި ހުރި އޭނާގެ ޒާތީ ފޮޓޯތަކެއް ލީކުވެފައިވާ ކަމަށް ރިޝްފާ ވަނީ އިއްޔެ ސޯޝަލް މީޑިއާގައި ބުނެފަ އެވެ.

ރިޝްފާ ބުނީ:

  • އެ މައްސަލައާ ގުޅިގެން އޭނާގެ ފޯނު ހިފެހެއްޓީ ނޮވެމްބަރު މަހު 

  • ޑިސެމްބަރު މަހާ ހަމައަށް އޭނާގެ ފޯނު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި 

  • ކޯޓު އަމުރެއްގެ ދަށުން ފޯނުގެ ޕާސްވޯޑު ވެސް ފުލުހުންނާ ހިއްސާކުރި 

  • ފޯނުގެ އެކްސެސް އޮތީ ފޮރެންސިކް ޑިޕާޓުމެންޓުގައި މަސައްކަތް ކުރާ ތިން ފުލުހެއްގެ އަތުގައި

ބުނީ ކީކޭ؟ - ރިޝްފާ ބުނީ އެ ފޯނުގައި ހުރި ފޮޓޯތަކާއި ވީޑިއޯތައް އާންމުވެފައިވާ ކަމަށެވެ. އޭނާގެ ފޯނުގެ އެކްސެސް ފުލުހުންނަށް ދިނީ މައްސަލާގައި އެއްބާރުލުން ދޭން ބޭނުންވީތީ ކަމަށާއި ނަމަވެސް ރައްޔިތުން ހިމާޔަތްކުރުމަށް ހުވާކޮށްގެން ތިބި ބައެއްގެ ފަރާތުން އެފަދަ ނާތަހުޒީބު ކަމެއް ވީތީ އެކަމާ ހައިރާންވެ، ހިތާމަކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިކަމާ ޒިންމާވާނީ ކާކު؟ ޔުނީފޯމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ 'ވިޔާނުދާ' ބަޔަކަށް އިތުބާރު ކުރާނީ ކިހިނެއް؟ އަހަރެންގެ އަބުރު ކަތިލެވޭ ގޮތަށް މިކަން ކުރި ބަޔަކު ހޯދައި އިންސާފު ހޯދަން ކޯޓަށް ވެސް ދާނަން،" ރިޝްފާ ބުންޏެވެ.

ފުލުހުންގެ ބަސް - ރިޝްފާގެ އެ ވާހަކަތަކާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެނެވޭ ތަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި އަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ.

"ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ހިދުމަތަށް އޮވޭ. ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބުކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށް،" ފުލުހުން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް