ބީއެމްއެލްގެ ކާޑެއް ބޭނުންކޮށްގެން އޮންލައިން ޓްރާންސެކްޝަނެއް ހަދަނީ. (ފޮޓޯ/ބީއެމްއެލް)

ސައިބަކްރައިމް

ރާއްޖޭގެ އެތައް ބައެއްގެ ޒާތީ މައުލޫމާތު ވަނީ އިންޓަނެޓުގައި ލީކުވެފައި؛ ސަމާލުވޭ: ފުލުހުން

ސައިބާ ކްރައިމްތައް އިތުރުވަމުން ދާތީ ފުލުހުން ވަނީ އެފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމުން ސަލާމަތްވުމަށް އަޅާނެ ފިޔަވަޅުތައް ތަފްސީލުކޮށް ކިޔައިދީފައި
23 ފެބްރުއަރީ 2023
1

އިންޓަނެޓުގައި ރާއްޖޭގެ އެތައް ބައެއްގެ ޒާތީ މައުލޫމާތު ލީކުވެފައިވާ ކަމަށް ބުނެ، އެ ކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންޓަނެޓް ބޭންކިންގެ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށް ފަހު ތަފާތު ގޮތްގޮތަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މައްސަލަތަކެއް ހުށަހަޅަމުންދާތީ މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މުއައްސަސާއަށް އެންމެ ގިނައިން ހުށަހަޅަނީ:

  • އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށް ފަހު، އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފާ ކުރުމުގެ މައްސަލަތައް

  • އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއުއާރު ސްކޭން މެދުވެރިކޮށް މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސް އާއި ތަފާތު މުދާ ގަތުމުގެ މައްސަލަތައް

ތަފްސީލް - ފުލުހުން ބުނީ އެފަދަ މައްސަލަތަކުގައި މީހުންގެ ލޮގްއިން މައުލޫމާތު ލިބިފައި ހުންނަ ގޮތްތައް ތަހުގީގުތަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން:

  • އެކި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ ނަމުގައި އޮޅުވާލައިގެން އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ ޕިޝިން ލިންކުތަކަށް ވަދެ، އެ މައުލޫމާތުތައް ހިއްސާކުރުމަށް އެދޭ 

  • މި ގޮތަށް ފޮނުވާ ލިންކުގެ ބޭނުމަކީ އީމެއިލް އެޑްރެސް ހޯދުން؛ ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އެދޭ

  • އެ މައުލޫމާތު ފުރިހަމަކޮށްފި ނަމަ، އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާ ފަރާތްތަކަށް އެނގިގެން ދޭ

"މިސާލަކަށް، އެޗްޑީސީގެ ފަރާތުން ޕޯޓަލް އަޕްޑޭޓް ކުރުމަށް ނުވަތަ އެ ނޫން ވެސް ސަބަބަކާ ހުރެ ކަމަށް ބުނެ ފޮނުވާ ލިންކަށް ފިތާލުމުން، އެ ލިންކު ހުޅުވާލާއިރު އެއީ އެޗްޑީސީގެ ވެބްސައިޓު ކަމަށް ގަބޫލުކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުރެ އެވެ. އަދި ލިންކަށް ފިތާލުމުން ހުޅުވޭ ވެބްސައިޓަކީ ސައްހަ ނޫން ސައިޓެއްކަން ދެނެގަންނާނެ ގޮތް ގިނަ މީހުންނަށް ނޭނގި އަދި އެ ވެބްސައިޓަކީ ސައްހަ ވެބްސައިޓެއް ކަމަށް އިތުބާރުކޮށް، ލޮގްއިން ކުރަން ބޭނުންކުރާ މައުލޫމާތު ދެވިފައި ހުންނަކަން ފާހަގަކުރެވިފައިވެ އެވެ،" ފުލުހުން ބުންޏެވެ.

އެނގުން މުހިއްމު - ބީއެމްއެލްގެ އެކައުންޓުތަކުން ވަގު މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ ކަސްޓަމަރުންގެ ފާޑުކިޔުން ވަނީ އެ ބޭންކަށް އަމާޒުވެފަ އެވެ. އެގޮތުން:

  • އެ ބޭންކުން ބުނީ ބައެއް ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އާންމުވެފައިވާ ކަމަށާއި އެކަން ހިނގާފައިވަނީ ބައިނަލްއަގުވާމީ މާޗަންޓުންގެ ފަރާތުން ކަމަށް 

  • މައުލޫމާތު ލީކުވެފައިވާ ކާޑުތައް ބްލޮކުކޮށް، ހިލޭ އާ ކާޑު ހައްދައިދޭނެ ކަމަށް ވެސް ބުނި 

  • ބީއެމްއެލްއިން ވަނީ އެ ބޭންކުގެ މޯބައިލް ބޭންކިން އެޕްލިކޭޝަނުގައި ހިމެނޭ ކިޔުއާރު ކޯޑް ފީޗާ ބޭނުންކޮށްގެން ކުރެވޭނީ ގިނަވެގެން 750ރ.ގެ މުއާމަލާތްތައް ކަމަށް ކަނޑައަޅާފައި

އިންޓަނެޓު މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތު ހޯދަން ފަސޭހަވަނީ، ފުލުހުން ބުނާ ގޮތުގައި، އިންޓަނެޓް ބޭންކިން ރަޖިސްޓްރީކުރުމަށް ބޭންކަށް ދީފައިވާ އީމެއިލް އެޑްރެސް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެކައުންޓްތައް ހެދުމާއި އީކޮމާސް ވެބްސައިޓުތަކުގައި ރަޖިސްޓްރީކުރުމުގައި އެއް އީމެއިލް އެޑްރެސް ބޭނުންކުރާތީ އެވެ.

ފުލުހުން ބުނީ އޮންލައިން ހިދުމަތްތަކުގައި ރަޖިސްޓްރީކުރާއިރު ގިނަ ފަހަރު އީމެއިލް އެޑްރެސް އަދި ޕާސްވޯޑް ޖަހަން ޖެހުމުން، އެ ހިދުމަތްތަކުގައި ވެސް އަސްލު އީމެއިލްގެ ޕާސްވޯޑް ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

"ހުރިހާ ސާވިސްއެއްގައި އެއް ޕާސްވޯޑް ޖަހާފައި ހުންނަ ކަމާ އަދި ބޭނުންކުރާ އީމެއިލް އެޑްރެސް ވެސް އެ އީމެއިލް ސާވިސް އިން ދީފައި ހުންނަ ސެކިއުރިޓީ ފީޗާސް އެކްޓިވޭޓްކޮށް، ރައްކާތެރިކަމުގެ ގޮތުން އެޅެން ހުންނަ ފިޔަވަޅުތައް ސެކިއުރިޓީ ސެޓިންސް ކޮންފިގާކޮށްފައި ނުހުންނަކަން ފާހަގަކުރެވެ އެވެ،" ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ބައެއް މައްސަލަތަކުގައި އީމެއިލް އެކައުންޓުގެ ޕާސްވޯޑް މެނޭޖާގައި އިންޓަނެޓް ބޭންކިން ޔޫސާ ނޭމާއި ޕާސްވޯޑް ސޭވްކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މުއައްސަސާއިން ބުނީ، އަމިއްލަ ކޮމްޕިއުޓަރު ނުވަތަ ފޯނު ނޫން އެހެން ޑިވައިސްތަކުން އިންޓަނެޓް ބޭންކިން އަދި އީމެއިލްއަށް ވަދެ، އެފަދަ ޑިވައިސްތަކުގެ ބްރޯޒާގައި ޕާސްވޯޑް ސޭވްކޮށްފައި ހުންނަ ކަމަށެވެ.

ޑޭޓާ ލީކުވެފައިވޭތޯ ބަލާނީ ކިހިނެއް؟

ފުލުހުން ބުނީ ފޭސްބުކް ޓުވިޓާ އަދި އިންސްޓަގްރާމް ފަދަ އާންމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ލޮގިން މައުލޫމާތުތައް މިހާރު ވެސް އިންޓަނެޓްގައި ލީކުވެފައިވާ ކަމަށެވެ. އެ ގޮތަށް މައުލޫމާތު ލީކުވިޔަސް އެއީ ކިހިނެއް ހިނގާ ކަމެއްކަން ގިނަ މީހުންނަށް ނޭނގި އެފަދަ އެޕްލިކޭޝަންތައް ބޭނުންކުރަމުން ދާއިރު، ޕާސްވޯޑް ބަދަލުނުކޮށް ހުންނަކަން ވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ވަނީ، ބައިނަލްއަގުވާމީ އެއްވެސް ޑޭޓާ ބްރީޗެއްގައި އީމެއިލް އެޑްރެސް އަދި ޕާސްވޯޑް އިންޓަނެޓްގައި ލީކުވެފައިވޭތޯ ބެލުމަށް ވެބްސައިޓެއް ވެސް ހިއްސާކޮށްފަ އެވެ.

އިންތިޒާމްވެގެން އެ ފަދަ އަމަލުތައް ހިންގާ މީހުން ހޯދުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކޮށްފައިވާކަން ފާހަގަކޮށް އެ މުއައްސަސާއިން އިލްތިމާސްކޮށްފައިވަނީ:

  • އިންޓަނެޓްގެ ހިދުމަތްތައް ހޯދައި ލިބިގަތުމުގައި ބޭނުންކުރާ އީމެއިލް އެޑްރެސް އަދި ޕާސްވޯޑުތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް 

  • ޓޫ-ފެކްޓާ އޮތެންޓިކޭޝަން ފީޗާ ބޭނުންކުރުމަށް 

  • ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމަށް 

  • އެއް ޕާސްވޯޑެއް ގިނަ އެކައުންޓްތަކުގައި ބޭނުން ނުކުރުމަށް

ގުޅުންހުރި ކަމެއް - ސައިބާސްޕޭސްގައި ކުރާ ކުށްތައް ރާއްޖޭގައި އިތުރުވަމުންދާތީ އާއި އެފަދަ ކުށްތައް ކުރާ ފަރާތްތަކުން އެ ކުށުގެ އަމަލުތައް ހިންގަމުންދާ ގޮތް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުން ދާތީ، އެކަން ހުއްޓުވުމަށް ސަރުކާރުން ވަނީ މިފަހުން ތިން ގާނޫނެއް އިސްލާހުކުރުމަށް މަޖިލީހަށް ހުށަހަޅާފަ އެވެ.

ކޮމެންޓް (1)

ނަގުދު

23 ފެބްރުއަރީ 2023
އެކޮޅުން ގޮވަނީ ނަގުދުފައިސާ ލިމިޓްކުރަން. އަނެއްކޮޅުން މިބުނަނީ ޒާތީ ހުރިހާ މައުލޫމާތެއް އިންޓަނެޓަށް ލީކުވެއްޖޭ އެކައުންޓްތަކުން ފައިސާ ގެއްލެނީއޭ. ވާނުވާއެއް އިގޭބާ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް