މެންބަރު ހުސައިން ވަހީދުގެ ކަށުނަމާދުގައި ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް ނަޝީދު ބައިވެެރިވެވަޑައިގަންނަވަނީ. (ޓްވިޓާ ފޮޓޯ/ އަހްމަދު އަންވަރު)
މެންބަރު ހުސައިން ވަހީދުގެ ޖަނާޒާ ބާއްވައިފި
ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭގެ ވަގުތެއްގައި އަވާހަރަވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދުގެ ޖަނާޒާ މިއަދު ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - މެންބަރު ހުސައިން ވަހީދު އޭޑީކޭ ހޮސްޕިޓަލުގައި އަވަހާރަވެފައި ވަނީ، ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އޭނާގެ ކަށުނަމާދު އޮތީ މިއަދު މެންދުރުފަހު އިސްލާމީ މަރުކަޒުގަ އެވެ.
އެ ކަށުނަމާދާއި އާސަހަރާގައި އޭނާ ވަޅުލުމުގައި ވެސް، ހުސައިން ވަހީދު ނިސްވަތްވެވަޑައިގަންނަވާ އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
މަޖިލީހުގެ ތައުޒިޔާ
ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ދައުލަތުގެ އިސް ވެރިންނާއި މަޖިލީހުގެ މެންބަރުންގެ އިތުރުން، ގިނަ އަދަދެއްގެ އާއްމުން ވެސް އަންނަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ. ހުސައިން ވަހީދު ވަނީ 17 ވަނަ މަޖިލީހުގައި ވެސް ކޮމަންޑޫ ދާއިރާ ތަމްސީލުކުރައްވާފަ އެވެ.
މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ހުސައިން ވަހީދުގެ އާއިލާއަށް ތައުޒިޔާކިޔައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކޮށްފައިވެ އެވެ. މަޖިލީހުގެ ރައީސް ސިފަކުރައްވާ ގޮތުގައި، ބަޔާނުގައިވާ ގޮތުން، ހުސައިން ވަހީދަކީ އިހުލާސްތެރި ބައިވެރިއެކެވެ.
"މެންބަރު ހުސައިން ވަހީދަކީ، ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރަސީއަށް އަނބުރާލުމުގައި ބޮޑު ދައުރެއް އަދާކުރެއްވި އިހްލާސްތެރި ބައިވެރިއެއް، އެމްޑީޕީގެ ވަރުގަދަ ތަނބެއް،" ނަޝީދާ ހަވާލާދީ ބަޔާނުގައި ބުނެފައިވެ އެވެ.
ހުސައިން ވަހީދު އަވަހާރަވުން މަޖިލީހުން ސިފަކޮށްފައި ވަނީ، ރާއްޖެއަށާއި ރައްޔިތުންނަށް ލިބުނު ނިކަމެތި ކަމެއްގެ ގޮތުގަ އެވެ.