އަލްހާން ފަހުމީ ކިންގްސް ލޯންޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

އަލްހާނުގެ ކުންފުނީގެ ފައިސާ ހިފެހެއްޓީ ގޯސްކޮށް ކަމަށް ކުރި ހުކުމް ބޭންކުން އިސްތިއުނާފުކުރަނީ

ބީއެމްއެލް އިން ބުނީ ދަށު ކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަންކަމަށް ހައި ކޯޓުން ރިއާޔަތްކޮށް، އިންސާފުވެރި ނިންމުމަކަށް ވާސިލުވެވޭނެ ކަމަށް
25 ޖެނުއަރީ 2023

އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ރަޖިސްޓްރީނުކޮށް އޮންލައިން ޓްރޭޑިން ވިޔަފާރި ކުރި މައްސަލައިގައި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓު ބަންދުކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފު ކުރަން ބީއެމްއެލް އިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގައި ބީއެމްއެލްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުުން ވަނީ މައްސަލަ ކިންގްސް ކޮޅަށް ނިންމާފަ އެވެ. ސަބަބެއް ކަމަށް ގާޒީ ފާހަގަކުރެއްވީ، ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކުން ޝައްކު ކުރެވޭ މުއާމަލާތެއް ހިންގި ނަމަވެސް، ކޯޓު އަމުރެއް ނެތި އެކައުންޓު ނުހިފެހެއްޓޭނެ ކަމަށެވެ.

ބުނީ ކީކޭ؟ - މި މައްސަލަ އިސްތިއުނާފު ކުރާ ސަބަބެއް ކަމަށް ބީއެމްއެލް އިން ބުނީ ދަށު ކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަންކަމަށް ހައި ކޯޓޫން ރިއާޔަތްކުރައްވާ އިންސާފުވެރި ނިންމުމަށް އަންނާނެ ކަމަށް ގަބޫލުކުރާތީ ކަމަށެވެ.

"ސިވިލް ކޯޓުން ނިންމެވި ނިންމެވުމުގައި ރިއާޔަތްކުރައްވާފައިނުވާ ޝަރުއީ އަދި ގާނޫނީ ނުކުތާތަކަށް، އިސްތިއުނާފީ މަރުހަލާގައި ކޯޓުން ރިއާޔަތްކުރައްވައި އިންސާފުވެރި ނިންމެވުމެއް ކޯޓުން ނިންމަވާނެ ކަމަށް މި ބޭންކުން ގަބޫލުކުރަމެވެ،" ބީއެމްއެލް އިން މީޑިއާތަކާ ހިއްސާކުރި މެެސެޖެއްގައި ބުންޏެވެ.

އަލްހާން މިދިޔަ މޭ މަހު ޕޮލިހަށް ހާޒިރުވުމަށް ފަހު ނުކުމެގެން ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތަފްސީލް - ސިވިލް ކޯޓުން ކުރި ހުކުމުގައި ފާހަގަކުރި ގޮތުގައި، މި މައްސަލައިގައި ބޭންކުން އަމަލުކުރި ގޮތް ދިފާއުކުރި ނަމަވެސް ގާނޫނާއި ގަވާއިދުތަށް އޮންނަ ގޮތުން ބޭންކުން ބޭނުންކުރީ ލިބިފައި ނުވާ ބާރެކެވެ. އެގޮތުން، ހުކުމުގައިވާ ގޮތުގައި:

  • އެކަން ކުރަން އޮންނަ އިޖުރާއަތަކީ ކަމާ ބޭހޭ އިދާރާއަށް (އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އަށް) ހުށަހެޅުމަށް ފަހު އެ އިދާރާ އިން ތަހުގީގީ އިދާރާތަކަށް ހުށަހަޅައިގެން ކޯޓު އަމުރެެއް ހޯދުން

  • އެ ނޫން ހާލަތެއްގައި އެކައުންޓު ބަންދުކުރުމުގެ އެއްވެސް ބާރެއް ނޯންނާނެ

އެކައުންޓް ބަންދުކުރުން ގާނޫނާ ހިލާފު ކަމަށް ކަނޑައެޅުމުގެ އިތުރަށް، ބީއެމްއެލް އިން ކޮންޓްރެކްޓާ ހިލާފުވެފައިވާތީ ކިންގްސްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދޭން ހުށަހެޅޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެނގުން މުހިންމު - ބީއެމްއެލް އިން ކިންގްސް ކެޕިޓަލްގެ އެކައުންޓު ހިފެހެއްޓީ، ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގުމުގެ ތުހުމަތު އެ ކުންފުނީގެ މައްޗަށް ކުރެވިފައި ވަނިކޮށެވެ.

މި މައްސަލައިގެ ތަހުގީގު ދިގުލައިގެންގޮސްފައިވާ އިރު، ދާދި ފަހުން ފުލުހުން ވަނީ ކިންގްސްގެ މައި ހިއްސާދާރު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ގެޔާއި އޮފީސް ބަލައިފާސްކޮށް، އޭނާގެ ފޯނު ހިފަހައްޓާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް