މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ކިންގްސް ކެޕިޓަލްގެ ފައިސާ ހިފެހެއްޓީ ގޯސްކޮށް، ބަދަލަށް އެދެވޭނެ: ސިވިލް ކޯޓު

ބީއެމްއެލް އިން ކިންގްސް ކެޕިޓަލްގެ އެކައުންޓު ޑީއެކްޓިވޭޓު ކުރީ، އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ލައިސަންސް ނުނަގާ އެ ކުންފުނިން އޮންލައިން ޓްރޭޑިން ވިޔަފާރި ކުރުން ގާނޫނާ ހިލާފު ކަމަށް ބުނެ
24 ޖެނުއަރީ 2023

ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ އެކައުންޓު ބޭންކުން ހިފެހެއްޓީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލް އިން ކިންގްސް ކެޕިޓަލްގެ އެކައުންޓު ޑީއެކްޓިވޭޓު ކުރީ، އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި ލައިސަންސް ނުނަގާ އެ ކުންފުނިން އޮންލައިން ޓްރޭޑިން ވިޔަފާރި ކުރުން ގާނޫނާ ހިލާފު ކަމަށް ބުނެ އެވެ. ވަގުތީ ގޮތުން އެކައުންޓު ހިފެހެއްޓުމަށް ފަހު، ބޭންކުން ވަނީ 14 ދުވަސް ފަހުން އެ އެކައުންޓު ބަންދުކޮށްފަ އެވެ.

ކިންގްސްގެ ދައުވާ - ކިންގްސްއިިން މި މައްސަލަ ކޯޓަށް ހުށަހަޅަމުން ބުނީ ބޭންކުން މިގޮތަށް ކަންކުރީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. ކިންގްސް އިން ކޯޓުގައި އެދުނީ:

  • މަގުބޫލު ގާނޫނީ ސަބަބެއް ނުވަތަ ކޯޓު އަމުރެއް ނެތި އެކައުންޓު ޑީއެކްޓިވޭޓު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދޭން

  • އޮންލައިން ޓްރޭޑިންއަކީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ވިޔަފާރިއެއް ނޫން ކަމަށް ކަނޑައަޅައިދޭން

  • މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ކުންފުނި ރިޕޯޓު ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިދޭން

  • އެކައުންޓު ޑީއެކްޓިވޭޓު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައިދޭން

ބީއެމްއެލްގެ ބަސް - ކޯޓުގައި ރައްދު ދެމުން ބީއެމްއެލްއިން ވަނީ މުޅި ދައުވާއަށް އިންކާރުކޮށްފަ އެވެ. ބީއެމްއެލް އިން އެދުނީ ކިންގްސް އިން ކުރީ އެއްވެސް ބުރަދަނެއް ނެތް ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. ނަމަވެސް، ކޯޓުން ބުރަވީ ކިންގްސްގެ ކޮޅަށެވެ.

ޕޮންޒީ ސްކީމުގެ މައްސަލައިގައި އަލްހާން ފަހުމީ ޕޮލިހަށް ހާޒިރުވުމަށް ފަހު ނުކުމެގެން ދަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފަނޑިޔާރުގެ ބަސް - ސިވިލް ކޯޓުުގެ ގާޒީ މަރިޔަމް ވަހީދުގެ ހުކުމުގައި ފާހަގަކުރެއްވި ގޮތުގައި، މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކައުންޓުތައް ހިފެހެއްޓޭނީ ކޯޓު އަމުރެއް އޮވެގެންނެވެ. މި މައްސަލައިގައި އެފަދަ އަމުރެއް ނެރެފައި ނުވާތީ ބީއެމްއެލްއަށް އެކައުންޓް ޑީއެކްޓިވޭޓް ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

"ކޯޓު އަމުރަކާ ނުލައި ކިންގްސް ކެޕިޓަލްގެ ހޯލްޑިންސްގެ [ބޭންކް އެކައުންޓު] ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ އިން ވަގުތީ ގޮތުން ޑީއެކްޓިވޭޓުކޮށް، އެކައުންޓުގައިވާ ފައިސާ ހިފެހެއްޓޭނެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތެވެ،" ހުކުމުގައިވެ އެވެ.

އޭގެ އިތުރުން ގާޒީ ވަނީ، ބީއެމްއެލް އިން ކޮންޓްރެކްޓާ ހިލާފުވެފައިވާތީ ގެއްލުމުގެ ބަދަލު ނަގައިދޭން ވެސް ހުށަހެޅޭނެ ކަމަށް ނިންމަވާފަ އެވެ. ނަމަވެސް، ކިންގްސް އިން ހުށަހެޅި އަނެއް ދެ ނުކުތާއާ ގުޅިގެން ޝަރީއަތުން ގޮތް ނިންމަން ޖެހޭ ކަމެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

ގުޅުން ހުރި ކަމެއް - ފުލުހުން ދާދި ފަހުން އަލްހާނުގެ އޮފީހާއި ދިރިއުޅޭ ގެ ބަލައިފާސްކުރި އެވެ. ކޯޓު އަމުރަކާ އެކީ ހިންގި އޮޕަރޭޝަނާ ބެހޭގޮތުން މާ ގިނަ މައުލޫމާތުތަކެއް ނުދީ ފުލުހުން ކަށަވަރުކޮށްދިނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ބަލައިފާސްކުރި ކަން އެކަންޏެވެ. 

އެނގުން މުހިއްމު - ޕޮންޒީ ސްކީމުގެ މައްސަލަ ތަހުގީގު ކުރަމުންދާތާ އަހަރެއް ވާން ގާތްވެފައިވާއިރު، މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް އަދި ދައުވާއެއް ނުކުރެ އެވެ.

 

އިތުރު އާޓިކަލް

އިތުރު އާޓިކަލް