އެންސިސްގެ ދަޅުމަސް ބަންދުކުރާ ފެކްޓަރީ 9 ޑިސެމްބަރު 2021 ގައި ހުޅުއްވައިދެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެތަން ބައްލަވާލައްވަނީ

އެންސިސް ފެކްޓަރީ: ދެ އަހަރު، ގޮންޖެހުން ބޮޑު، އެކަމަކު އުއްމީދުގައި

މިހާތަނަށް އެ ފެކްޓަރީން ވަނީ ހަތަރު ވައްތަރެއްގެ މަސް ދަޅު ބާޒާރަށް ނެރެފައި. އޭގެ ތެރޭގައި ވަޅޯމަހާއި ގިތެޔޮމިރުސް ސޯސްގައި ހިމެނޭ މަސް ދަޅު ވެސް
10 ޑިސެމްބަރު 2021

މީގެ ދެ އަހަރު ކުރިން، 9 ޑިސެމްބަރު 2019 ގައި، ހުޅުމާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި އެންސިސް ފިޝަރީޒް އިން މަސްވެރިކަމުގެ ދާއިރާ އިން އާ ފިޔަވަޅެއް ކުރިއަށް އެޅި އެވެ. ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ، ބޮޑެތި އުއްމީދުތަކާ އެކު، އެ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން އެންސިސް އިން ހުޅުވި އިރު ޗައިނާގެ ވޫހާންގައި ކޮވިޑް-19ގެ ފުރަތަމަ ބަލިމީހުން މަރާ ހަނގުރާމަކުރަނީ އެވެ. އަދި އެއް ބަޔަކު އޭރު ވެސް މަރުވެއްޖެ އެވެ.

އެކަމަކު އެއީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފާނެ ބަލިމަޑުކަމެއްކަމުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ. އެހެންކަމުން އެންސިސްގެ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)ގެ އިންވެސްޓްމަންޓަށް ލޮޅުމެއް އަރާފާނެކަމަށް، މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދަށް ވެސް ލަފާކުރެއްވިފައެއް ނުވެ އެވެ.

ފެކްޓަރީ ހުޅުވި އެވެ. ދިވެހި އެތައް ސަތޭކަ މުވައްޒަފުން ވަޒީފާއަށް ނުކުތެވެ. ޕާޓްޓައިމްކޮށްނާއި ފުލްޓައިމްކޮށެވެ. އެހެން އޮފީހެއްގައި އުޅެފައި، ނުވަތަ ގޭތެރޭގެ މަސައްކަތްތަކަށް ފަހު ލިބޭ ހުސް ވަގުތު ވެސް، ފެކްޓަރީއަށް ނުކުމެ، އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްވި އެވެ.

އެކަމަކު އެންމެ ދެ މަސް ތެރޭގައި، ކޮވިޑް-19 އިން، ދުނިޔެ ބަންދުކުރަން ފެށި އެވެ. ޔޫރަޕްގައި ކޮވިޑްގެ ފުރަތަމަ ރާޅާ އެކު މަސް މާރުކޭޓްތައް ހުއްޓުނެވެ. އޭގެ ދުވަސްގަނޑެއް ފަހުން ރާއްޖެ އެވެ.

"ކޮވިޑް ލައިގަތީމާ ވަރަށް ގިނަ ގޮންޖެހުންތައް ދިމާވި،" ވާހިދު ވާހަކަ ފެއްޓެވި އެވެ.

"ހާއްސަކޮށް މާލެ އޭރިޔާ ލޮކްޑައުން ވީމަ ފެކްޓަރީގެ މަސައްކަތަށް ދިމާވި ދަތިތައް ގިނަ. ފެކްޓަރީއަށް ގެންނަން ޖެހޭ ހާއްސަ މުވައްޒަފުން، ބޭނުންވާ ސާމާނު ގެނައުން، މިއީ ހައްތަހާ ވެސް ދިމާވި ގޮންޖެހުންތައް."

ރާއްޖޭގައި ހުރިހާ އެއްޗެއް އަގުބޮޑު އިރު އިންޓަނޭޝަނަލީ އަޅުގަނޑުމެންނަށް ވަރަށް ޗެލެންޖިން ވާދަކުރަން. އެކަމަކު މަސައްކަތް އެބަ ކުރެވޭ.

އަބްދުލް ވާހިދު، މެނޭޖިން ޑިރެކްޓަރު، އެންސިސް ފިޝަރީޒް

އެވަރުގެ ބޮޑު އިންވެސްޓްމަންޓެއްގެ ފުރަތަމަކޮޅު އެކަހަލަ ގޮންޖެހުންތަކެއް ހުރިހާ ދިމާލަކުން ކުރިމަތިވުމަކީ ހިޔާލަށް ވެސް ނުގެނެވޭވަރުގެ ކަންބޮޑުވުމަކަށް ވާނެ އެވެ. އެކަމަކު އުއްމީދާ އެކު އެޅި އާ ފިޔަވަޅު ފަހަތަށް ނުޖެހި ކުރިއަށް ދާން އެންސިސްއިން ކުރި މަސައްކަތް މިއަދު ވަރަށް ކާމިޔާބެވެ. މިދިއަ ދެ އަހަރުގެ ތެރޭގައި އެ ފެކްޓަރީން ބާޒާރަށް ނެރޭ އުފެއްދުންތަކުން، އެ ކާމިޔާބީގެ މިސާލުތައް ފެނެ އެވެ. އެކި ރަހައިގެ ދަޅުމަހެވެ. އެކި ސައިޒުގެ މަސް ޕެކެޓްތަކެވެ. ބޭރުން ހޯދި އަދި ހޯދަމުން އަންނަ އާ މާކެޓްތަކެވެ.

މިހާރު ވެސް ހަ ވައްތަރެއްގެ ދަޅު މަސް އެންސިސް އިން ވަނީ ބާޒާރަށް ނެރެފަ އެވެ. އޭގެ ތެރޭގައި ވަޅޯމަސް ހިމެނޭ އުފެއްދުމެއް ވެސް ހިމެނެ އެވެ.

ވަޅޯމަސް ދަޅުގައި ބަންދުކޮށްފައި

އެންސިސްއިން ބުނާ ގޮތުގައި ވަޅޯމަހުގެ މި އުފެއްދުމަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑު

ދަޅުމަސް ގިތެޔޮމިރުސް ސޯސްގައި

ދިވެހިންނަކީ ކުޅިކޮށް ކާން ބޭނުންވާ ބަޔަކަށް ވާތީ ގިތެޔޮމިރުސް ސޯސްގައި ބަންދުކޮށްފައި ހުރި މި ދަޅު މަހަށް ވެސް ޑިމާންޑް ބޮޑު

ކަނޑުމަސް ތެލުގައި

މިއީ ރާއްޖޭގައި ކުރިން ވެސް ދަޅުގައި މަސް ބަންދުކުރާ އެންމެ އާންމު ގޮތް. މިއީ ވެސް މާކެޓަށް އެންސިސްއިން އިތުރުކޮށްދިން އުފެއްދުމެއް

ކަންނެލި ބަނޑު

ކަނޑު މަހާއި ކަންނެލީގެ ބަނޑަކީ ވެސް ދިވެހިންގެ ކެއުމުގެ ބައެއް. އެންސިސް އިން އަންނަނީ ކަންނެލި ބަނޑު ތެލުގައި ބަންދުކުރަމުން

ތަފާތު ރަހަތަކަށް ޑިމާންޑް ބޮޑު

ދަޅުގައި ވަޅޯމަސް ބަންދުކޮށްގެން ނެރުމުގެ ތަޖުރިބާ އެންސިސްއަށް ރަނގަޅެވެ. ހަމައެހެން ގިތެޔޮމިރުހުގެ ރަހަ ހިމަނައިގެން މާކެޓްކުރި މަސް ދަޅު ވެސް ވީ، ވާހިދު ވިދާޅުވި ގޮތުގައި، ކާމިޔާބު އުފެއްދުމަކަށެވެ.

ވަޅޯމަހުން އެއްޗެއް ތައްޔާރުކުރަންޏާ އިތުރު މަސައްކަތެއް ބަދިގޭގައި ކުރަން ޖެހެ އެވެ. އެ މަސް ސާފުކުރުމެވެ. ކޮށުމެވެ. އެކަމަކު ދަޅުގައި ރަނގަޅަށް ބަންދުކުރުމުން އެވަގުތުތައް ސަލާމަތްކުރެވެ އެވެ.

"މި ގޮތަށް ދަޅުގައި ހުރީމަ ވަރަށް ފަސޭހައިން ކައިލެވޭ. އިތުރު މަސައްކަތެއް ކުރާކަށް ނުޖެހޭ،" ވާހިދު ވިދާޅުވި އެވެ.

"ގިތެޔޮމިރުސް ސޯސް ވެސް އޭގެ ޒާތުގައި ވަރަށް ރަނގަޅު. އެންމެން ވެސް ވަރަށް އަވެދިނެތި އުޅޭ އިރު މިކަހަލަ އުފެއްދުމުން އަސްލު ފަސޭހަތަކެއް އެ ލިބެނީ."

އޭނާ ވިދާޅުވި ގޮތުގައި ފެކްޓަރީގެ ސަބަބުން މިހާރު ވެސް ރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއް ލިބިއްޖެ އެވެ. އެގޮތުން އެންސިސް ފެކްޓަރީ ހުޅުވި ފަހުން ރާއްޖެއަށް ބޭރުން ދަޅު މަސް ނުގެންނަކަން އޭނާ ފާހަގަކުރެއްވި އެވެ. އެންސިސް ފެކްޓަރީ އާއި ރާއްޖޭގައި ހިންގާ އަނެއް ދެ ފެކްޓަރީން ދިވެހިންނާއި ޓޫރިޒަމް މާކެޓަށް ބޭނުންވާ ވަރަށް ދަޅު މަސް އުފެއްދެ އެވެ.

"މި ފެކްޓަރީއާ އެކު ވަރަށް ބޮޑަށް ބަދަލުކޮށްލެވުނު ކަމެއް އެއީ. ރާއްޖޭގެ މާކެޓަށް މި ވިއްކަނީ ވަރަށް ހެޔޮ އަގެއްގައި،" ވާހިދު ވިދާޅުވި އެވެ.

"ބޭރުން ދަޅު މަސް އެކްސްޕޯޓްކޮށްގެން އެ އަގުގައި ނުއެއް ވިއްކޭނެ. އެހެންވެ ރާއްޖެއަށް މިހާރު ދަޅު މަސް އިމްޕޯޓެއް ނުކުރާނެ. މިއީ ވަރަށް ބޮޑު ކަމެއް."

އެކަމަކު ރާއްޖޭގައި އުފެއްދުން ހަރަދު ބޮޑު

ފެކްޓަރީގެ އުފެއްދުންތައް ބޭރަށް އަންނަނީ މާކެޓްކުރަމުންނެވެ. އަދި އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ދެ އެވެ. އެކަމަކު މިހާ ހިސާބުން އެހެން މައްސަލައެއް ދިމާވެ އެވެ: ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަގު ބޮޑުވުމެވެ. އޭގެ މާނައަކީ ދަޅުގައި މަސް ބަންދުކުރާ އެހެން ގައުމުތަކުން އެކަމަށް ކުރާ ހަރަދަށް ވުރެ މާ ބޮޑު ހޭދައެއް ރާއްޖޭގައި ކުރަން ޖެހުމެވެ.

ހުރިހާ އެއްޗެއް އެތެރެކުރަން ޖެހެނީ ބޭރުންނެވެ. ވަކި ކަހަލަ ވަޒީފާތަކަށް ދިވެހިންނެއް ނުލިބެ އެވެ. ތެލުގެ ހަރަދު ބޮޑެވެ. ދެން މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އެވެ: ޔޫރަޕިއަން ޔޫނިއަނުން ރާއްޖޭގެ މަހަށް ނަގާ 20 ޕަސެންޓްގެ ޑިއުޓީ އެވެ.

"ވަރަށް ވާދަވެރި މާކެޓެއްގައި އަޅުގަނޑުމެން [ދިވެހި އުފެއްދުންތައް] މި ކޮމްޕީޓްކުރަން ޖެހެނީ. މިސާލަކަށް އެހެން ގައުމުތަކުގައި އެބަ ލިބޭ ވަރަށް ބޮޑެތި އިނާޔަތްތައް، ސަޕޯޓް، އުފެއްދުންތެރިކަން މަތިކުރަން،" ވާހިދު ވިދާޅުވި އެވެ.

އޭގެ މާނައަކީ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން މަސް ކުންފުނިތަކަށް މާލީ އެހީތެރިކަން ދިނުމެއް ނޫނެވެ. ނަމަވެސް އިންޑަސްޓްރިއަލް މަސައްކަތަކަށް ވުމާއި ވަޒީފާ އުފެދޭ މިންވަރާއި ރާއްޖެއަށް މަސް ފޯރުކޮށްދޭ ދިނުމާއި މުޅި އިގުތިސާދަށް އެއިން ލިބޭ ފައިދާތަކަށް ބަލާ ނަމަ، ސަރުކާރުގެ މުޅި ސިޔާސަތު ވަށައި ޖެހެން ޖެހެ އެވެ. އެއީ ފެކްޓަރީ ހިންގާ ބިމު ކުލި ކަމަށް ވިޔަސް، އިންވެސްޓްމަންޓަށް ބަލައި، އެބިމުގެ މުއްދަތު ދިގުކުރުން ކަމަށް ވިޔަސް، އަދި ތެލަށް ނަގާ ޑިއުޓީން އިނާޔަތެއް ދިނުން ކަމަށް ވިޔަސް، އެ ހިމެނޭނީ، އެހެން ގައުމުތަކޭ އެއްގޮތަށް ސަރުކާރުން ދޭ އެހީގެ ތެރޭގަ އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން މިއަދު ބޭއްވި ޝުއޫރު ފާޅުކުރުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: ސަރުކާރުގެ އެހީތެރިކަން މަސްވެރިކަމުގެ ހުރިހާ ދިމާލަކަށް ވެސް ބޭނުންވޭ (ފޮޓޯ/ ރައީސް އޮފީސް)

"އުފެއްދުންތެރިކަން އެ ހުންނަ ގައުމުތަކުގައި އުފައްދާ ފަރާތްތަކަށް އިނާޔަތްތައް ދީގެން މާކެޓްގައި ވާދަކުރެވެނީ،" ބޭރު ގައުމުތަކުގެ ތަޖުރިބާއަށް ބައްލަވަމުން، ވާހިދު ވިދާޅުވި އެވެ.

"ރާއްޖޭގައި ހުރިހާ އެއްޗެއް އަގުބޮޑު އިރު އިންޓަނޭޝަނަލީ އަޅުގަނޑުމެންނަށް ވަރަށް ޗެލެންޖިން ވާދަކުރަން. އެކަމަކު މަސައްކަތް އެބަ ކުރެވޭ."

މަސްވެރިންގެ ދުވަހު މަސްވެރިންގެ ޝަކުވާ ވެސް އެބަ ހުއްޓެވެ. އެމީހުންގެ ނަޒަރުގައި މަހަށް އެކަށީގެންވާ އަގެއް، ގިނަ ފަހަރަކަށް ނުލިބެ އެވެ. އެ ޝަކުވާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ، މަސްދޯނިފަހަރަށް ވަޑައިގެން އަޑުއައްސަވައިފަ އެވެ. އަދި ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބޭނުމަކީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމެވެ. އުފެއްދުންތައް އިތުރުކުރުމެވެ. ރަނގަޅު އަގު ވެސް ލިބުމެވެ. ހަމައެއާ އެކު ސިނާއަތަށް ޖުމްލަކޮށް ސަރުކާރުން އެހީތެރިވުމެވެ. ނުވަތަ އިތުރަށް އެހީތެރިވެދީގެން ކުރިއެރުވިދާނެ ކަންކަން ދެނެގަނެ، އެގޮތަށް މިސްރާބު ބަދަލުކޮށްލުމެވެ.

އެންސިސް އާއި މަސްވެރިކަމުގެ ދިވެހި އެހެން ކުންފުނިތަކަށް ދުނިޔޭގެ ވާދަވެރިންނާ އެއް ހަމައެއްގައި ވާދަކުރެވޭނީ އޭރުންނެވެ.

 

އިތުރު އާޓިކަލް

އިތުރު އާޓިކަލް