ރިޒްފާގެ ކުޑަކުދިންގެ ވާހަކަތައް މަގުބޫލުވަނީ

ރިޒްފާ ވަނީ މުހިއްމު މެސެޖެއް ދޭ ތިން ފޮތެއް ނެރެފައި އަދި ދިިވެހިރާއްޖެއާ ގުޅޭ ހާއްސަ ގޭމެއް ވެސް އުފެއްދި
1 ނޮވެމްބަރު 2021
2

އަވަދިނެތިކޮށް ދެ ކުދިން ގޮވައިގެން އުޅޭ މަންމަ ރިޒްފާ ރިޒާއާ ބައްދަލުކުރީ މާލޭގެ ހިތްގައިމު އެއް ކެފޭއިންނެވެ. ރިޒްފާ އަތުގައި ތިން ދަބަހެއް އޮތެވެ. ބަންދަށް ފަހު ސްކޫލް ހުޅުވުމުގެ ކުރިން އަދި އެއް ފަހަރު މޫދަށް އެރިލުމަށް ކެތް މަދުވެފައި ތިބި ކުދިން ގޮވައިގެން މޫދަށް ދާ ސަމާނާ އެކު ކުދިން ގޮވައިގެން އޭނާ އަހަންނާ ބައްދަލުކުރަން އަޔެވެ. އަދި ބޯޓަކަށް ޑެލިވަރީއަކަށް ތައްޔާރުކޮށްފައި އޮތް އޭނާ ލިޔެފައިވާ ފޮތްތަކެވެ. ދެން އޮތީ އޭނާގެ އަމިއްލަ އަތްދަބަހެވެ.

ވަރަށް ބިޒީ މަންމައެއް ކަން އެނގެ އެވެ.

ރިފްޒާ އަކީ ކުރެހުންތެރިއެކެވެ. އަދި މިހާރު ލިއުންތެރިއެއް ވެސް މެ އެވެ. އޭނާ ލިޔެފައިވާ ތިން ފޮތަކާއި ދިވެހިވަންތަ ގޭމެއް މިހާރު އޭނާގެ އިންސްޓަގްރާމް ފިހާރަ "ޕޫޝީ" ބުކްސް އިން ލިބެން ހުންނާނެ އެވެ. ދެ ދަރިންގެ ވަނަން އެއްކޮށްލައިގެން ނަން ދީ، ހުޅުވި އިންސްޓަގްރާމް ޕޭޖްގެ އިތުރުން މާލޭގެ ފޮތް ފިހާރަތަކުން ވެސް ކުޑަކުދިންގެ އެ ވާހަކަތަކާއި ގޭމް ލިބެން އެބަ ހުއްޓެވެ.

ފުލްޓައިމް މަންމަ އަކަށް ވުމުގެ ކުރިން ރިޒްފާ މަސައްކަތް ކުރީ ސޯޝަލް ވޯކަރެއްގެ ގޮތުގައި ޖެންޑާ މިނިސްޓްރީ އާއި އެންޖީއޯއެއްގަ އެވެ. ސައިކޮލޮޖީ ދާއިރާއިން ވަނީ ޑިގްރީ ނަގައިފަ އެވެ.

ލިޔުންތެރިޔާ ފާތިމަތު ރިޒްފާ ރިޒާ (ދައުރުފޮޓޯ/ އަނާމް އަޒްމީލް)

ލިޔުންތެރިކަމާއި ކުރެހުމުން އަޖުމަ ބަލައިލަން ނެރުނު ފުރަތަމަ ފޮތަކީ ފޫޅު ދިގު ހަންޑި އެވެ. ކުޑައިރު އަޑުއިވޭ ފުލޯކު މި ވާހަކަ އޭނާ ބޭނުންވީ ތަފާތު ގޮތަަކަށް ގެނެސްދޭށެވެ. މި ޖީލުގެ ކުދިންގެ ޝައުގުވެރިކަން ދަމައިގަންނަ ގޮތަށެވެ. ކުރެހުން ވެސް ތަފާތެވެ. އަމިއްލައަށް އޭނާ ދަސްކުރި ހުނަރެކެވެ. ރިޒްފާ ބުނާ ގޮތުގައި ފޮތް ލިޔުމުގައި އޭނާ އެންމެ ބޮޑަށް ޝައުގުވެރިވީ ވެސް ކުރެހުމުގެ ބަޔަށެވެ.

"ކުރެހުމަކީ އަސްލު ފޮތް ހެދުމުގައި އަޅުގަނޑަށް އެންމެ ޝައުގުވެރި މަރުހަލާ. ކްރިއޭޓިވް ކަންކަމަށް އަބަދުވެސް ލޯބި ކުރަން. އެހެންވެ، އެކި ކަހަލަ ޓިއުޓޯރިއަލްތައް ބަލައިގެން ކުރަހަން ދަސްކުރުމަކީ ވަރަށް އުފާވެރި ތަޖުރިބާއެއް،" ރިޒްފާ ބުންޏެވެ.

ފޮތުން އޭނާ ކުދިންނަށް ކިޔައިދޭން ބޭނުންވީ ލޮނުމިރުސް ލާ ފޫޅު ކަނޑާލުމުގެ ބަދަލުގައި ރަހުމަތްތެރިކަމާއި އޯގާތެރިކަމެވެ. ހަމްދަރުދީ އެވެ. މި ރީތި ސިފަތަކެވެ. ރިޒްފާ ބުނާ ގޮތުން އޭނާ ދޭން ބޭނުންވި މެސެޖަކީ 'ރަހުމަތްތެރިކަމާއި އޯގާތެރިކަމުގެ މުހިއްމު ކަމެ'ވެ. އެހެންކަމުން ފޮތުގައި ލޮނުމިރުހާއި ފޫޅު ކަނޑާލާ އަނިޔާއެއް ނުހިމެނެ އެވެ.

"ކުދިން ކުދިން" މުހިންމު މެސެޖެއް

އީބުކެއް ގޮތަށް ނެރުނު ރިޒްފާގެ ފޮތެއް(ދައުރުފޮޓޯ އަނާމް އަޒްމީލް)
ކުދިންނަށް ކިޔައިދެނީ ބަލާބެލުމަށް ތަފާތަސް އެންމެންގެ އިހްސާސްތައް އެއްގޮތްކަން

ދެވަނަ ފޮތަކީ މިދިޔަ ލޮކްޑައުން ތެރޭގައި އީބުކެއްގެ ގޮތަށް ދޫކޮށްލި 'ކުދިން ކުދިން' ފޮތެވެ. އެތައް ކުދިންނެއް އޭނާގެ ފޮތްތައް މިހާރު ވަނީ ކިޔައިފަ އެވެ. މިފޮތަށް ކުދިންގެ ހިތްޖެހި އަދި އެއިން ދޭ މެސެޖު މުހިއްމު ވުމުން ގިނަ ބެލެނިވެރިންގެ އެދުމާ އެކު ގައުމީ ޔުނިވާސިޓީގެ ފޮތް މައުރަޒުގައި ޗާޕްކޮށްގެން ފޮތް ނެރުނެވެ. އެއީ މައުރަޒުގައި މަގުބޫލު އެންމެ މަގުބޫލު އެއް ފޮތެވެ.

"ޑައުންލޯޑް ކުރި މީހުންގެ އަދަދެއް ނުއެއް އެނގޭ. އެކަމަކު އެތައް ހާސް ކުދިން އެ ފޮތް ކީކަމަށް ފޮތުގެ 'ރީޑާ ކައުންޓް' އިން ފެނުނީމަ ވަރަށް އުފާވި. ވަރަށް ގިނަ ބެލެނިވެރިން އެފޮތް ކަމުގޮސްގެން އަޅުގަނޑު ގާތުގައި ބުނި ފޮތް ޕްރިންޓް ފޮތެއް ގޮތުގައި ނެރެން،" ރިޒްފާ ބުންޏެވެ.

މިއީ އަހަރުމެންގެ މުޖުތަމައަށް މުހިންމު ފޮތެކެވެ. ފޮތުގެ ހިޔާލު އުފެދިގެން އަައި ގޮތާ މެދު ރިޒްފާ ބުނީ "އަހަރުމެންގެ މުޖުތަމައުގައި ގިނަ ގޮތްގޮތުން އެންމެން އެއްގޮތް ގައުމެއް ކަމަށް ވިޔަސް އެކަކު އަނެކަކާ ތަފާތު ކުރާ ކަމަށެ"ވެ.

ނަސްލުގެ ގޮތުން ނުވަތަ ދީނާއި ސަގާފަތުގެ ގޮތުން އަހަރެމެންނާ ތަފާތު މީހުންނާ މެދު ދެކޭ ގޮތް އަމްދުން ވަރަށް ގޯސް ކަމަށް އޭނާ ބުންޏެވެ. އަސްލު ކުދިންނަށް ބުނެދޭން އޭނާ ބޭނުންވީ 'އިންސާނަކަށް ވީތީ އެންމެނަށް ވެސް ލިބެން ޖެހޭ ހައްގުތަކެއް ހުންނަކަމެ'ވެ.

ރިޒްފާ އޭނާ ލިޔުނު ފޮތްތަކާ ބެހޭ ގޮތުން "ދައުރު" އަށް މައުލޫމާތު ދެނީ (ދައުރުފޮޓޯ އަނާމް އަޒްމީލް)

"ރާއްޖޭގައި ޒަމާނުންސުރެ ހިނގާ ކަމެއް ކަޅު/ދޮން ތަފާތު ކުރުން. ނޫނީ މީހެއްގެ ހަސަބާއި ނަސަބަށް ބަލާފައި އެމީހަކާ މެދު އަމަލުކުރާ ގޮތް ތަފާތު ކުރުން. ދެން މިޒަމާނަށް ބަލާއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރާކަން މިއީ އެންމެން ދަންނަ ކަންކަން،" ރިޒްފާ ބުންޏެވެ.

"އެކަހަލަ ކަންކަމަކީ ކުޑަ އިރުއްސުރެ އަހަރުމެން ގައިގައި އަށަގެންފައިވާ ކަންކަން ކަމަށް ގަބޫލުކުރެވޭތީ، މިހާރު ބޮޑުވަމުން އަންނަ ކުދިންނަށް މި މެސެޖު ރައްދުކޮށްދިނުމުގެ ގޮތުން މިފޮތް ހަދަން ހިޔާލު ލިބުނީ." 

އޭނާ ދެކޭ ގޮތުގައި ފޮތަކީ ކުދިންނަށް ކަންކަން ދަސްކޮށްދޭން އެންމެ މުހިއްމު އެކައްޗެވެ. މުޖުތަމައުން އޭނާ ތަޖުރިބާ ކުރި ކަންކަމާއި ވަކި ކަމެއް ބަދަލުކުރަން ބޭނުން ނަމަ އެންމެ ރަނގަޅީ ދަރިންނަށާއި އާ ޖީލުތަކަށް އެކަން ދަސްކޮށްދިނުމެވެ. އެކަން ކުރެވެން އޮތީ ފޮތުންނެވެ.

ރިޒްފާ ބުނާ ގޮތުގައި ކޮންމެ މީހަކީ ތަފާތު މީހެއް ނަމަވެސް އެންމެންގެ ވެސް އެއްގޮތް ބައިވަރު ކަންކަން އެބަހުރިކަން "ކުދިން ކުދިން" ފޮތުން ބުނެދޭނެ އެވެ.

 "ކޮންމެ މީހަކީ ވެސް ތަފާތު މީހެއް ކަމާއި އެމީހެއްގެ ގޮތުގައި ހާއްސަ މީހެއްކަން ކުޑަކުދިންނަށް ބުނެދިނުން މަގުސަަދަކީ.  ވަކި ސިފައެއް ހުރެގެން ނުވަތަ އުނިވެގެން މީހަކާ މެދު އަމަލު ކުރަން ޖެހޭ ގޮތް ތަފާތުކޮށްގެން ނުވާނެ ކަމާއި އަހަރެމެން އެންމެން އެއްގޮތްވާ ބައިވަރު ސިފަތައް ވެސް އެބަ ހުރިކަން ކުދިންނަށް ވިސްނައިދޭން ލިޔެފައިވާ ފޮތެއް މިއީ،" ރިޒްފާ ބުންޏެވެ.

"ރީނީގެ ރުޅިބޮކި" ދަސްކޮށްދެނީ އިހްސާސް ކޮންޓްރޯލް ކުރަން

ރިޒްފާގެ ތިން ވަނަ ފޮތް ވެސް ތަފާތެވެ. ކުދިންގެ އިހްސާސްތައް އަބަދު ކޮންޓްރޯލްކޮށްފައި ވަކި ގޮތަކަށް ބެހެއްޓުމަށް ކުދިންނަށް ބެލެނިވެރިން ބާރުއަޅަ އެވެ. އެކަމަކު އެކުދިންގެ އިހްސާސްތަކަކީ ބޮޑެތި މީހުން ގޮތަށް ބަދަލުވާ އެއްޗެކެވެ. އުފާވާ ފަހަރާއި ރުޅިއަންނަ ފަހަރު އާދެ އެވެ.

ކުދިންނަށް މަޖާ ގޮތަކަށް ރުޅި ކިޔައިދިނުމަށް ރިޒްފާ އެންމެ ފަހުން ނެރުނު ފޮތުގެ ނަމަކީ 'ރީނީގެ ރުޅިބޮކި' އެވެ.

ރިޒްފާ ބުނާ ގޮތުގައި ކުދިންގެ އިހްސާސްތައް ބޮޑެތި މީހުން ސީރިއަސްކޮށް ނުނަގާ ތަން ވަރަށް ގިނައިން ފެނެ އެވެ. މިސާލަކަށް، ކުއްޖާ ދެރަވީމަ ނުވަތަ ރުޅިއައިމަ އަވަހަށް އެހެން ކަމެއް ދައްކައިގެން އެކުއްޖާ 'އުފާވެރި' މޫޑަކަށް އަނބުރާ ގެނެ އެވެ.

"ރުޅިބޮކި ފޮތުން ބެލެނިވެރިންނަށް ދޭން ބޭނުންވާ މެސެޖަކީ، ކުދިންނަކީ ވެސް ބޮޑެތި މީހުން ގޮތަށް އެކި ކަހަލަ އިހްސާސްތައް ތަހައްމަލް ކުރާނެ ބައެއް ކަން. އަދި އެފަދަ ހާލަތްތަކުގައި އެކަން އޮއްބާލުމުގެ ބަދަލުގައި ކުއްޖާގެ އިހްސާސްތައް އަޑު އެހުމުގެ މުހިއްމުކަން. އެންމެ މުހިއްމު ކަމަކަށް ފޮތުގައި ވާނީ އަމިއްލަ އިހްސާސްތައް ދެނެގަނެ ކޮންޓްރޯލް ކުރަން ކުދިންނަށް ކިޔައިދިނުން،" ރިޒްފާ ބުންޏެވެ. 

"ވިލުވާދަ"

ވިލުވާދަ ދިވެހިރާއްޖެއާ ގުޅޭ ތަފާތު ބޯޑުގޭމެއް ރިޒްފާގެ އުފެއްދުމެއް(ދައުރުފޮޓޯ އަނާމް އަޒްމީލް)

ދިވެހިރާއްޖެއާ ގުޅޭ ބޯޑު ގޭމެއް ކަމަށް ވާ "ވިލުވާދަ" އަކީ ވެސް ރިޒްފާގެ އުފެއްދުމެކެވެ.

"މި ގޭމަކީ ދަރިންނާ އެކު ލޮކްޑައުން ތެރޭގައި ސްކްރެބްލް ކުޅުމުގެ ތެރޭގައި އައި ހިޔާލެއް،" އެނާ ބުންޏެވެ.

ދިވެހި ބަހުން މިފަދަ ގޭމްތައް ނުހުންނާތީ ރިފްޒާ ނިންމީ އޭނާގެ ހިޔާލަށް މި އާ ގޭމް އުފައްދާށެވެ. އަދި އެކަން ހަގީގަތަކަށް ވެސް ހެދި އެވެ.

ގޭމުގެ ތެރެއިން ކުދިންނަށް ދަސްކޮށްދެނީ ރާއްޖޭގެ އެކި ރަށްރަށެވެ. ރާއްޖޭގެ އެންމެ އުތުރުން ހއ. އިން ފެށިގެން އެންމެ ދެކުނުގައި އޮންނަ އައްޑު އެވެ. އެހެން ކުޅުންތެރިންނާ ވާދަކުރަން ޖެހެނީ 1 އިން 50 އަށް އޮންނަ ގޮޅިތަކުން ކުރިއަށް ދާން ޑައިސް އުކައިގެންނެވެ. 

ބައެއް ގޮޅިތަކަށް އެރުމުން ކާޑެއް ނަގަން ޖެހެ އެވެ. އަނެއް ބައި ގޮޅިތަކުން ފަހަތަށް ޖައްސާލަ އެވެ. އަދި އަނެއް ބައި ގޮޅިތަކުން ކުރިއަށް ދެވޭ ހާއްސަ ގޮތްގޮތް މެދުވެރިވެ އެވެ. ދިވެހިރާއްޖޭގެ އަތޮޅުތަކާ ގުޅޭ ހާއްސަ ބިނާތަކާއި ލުއި މައުލޫމާތު ހިމަނާފައިވާ މި ގޭމުން ކުޑަކުދިނެކޭ އެއްވަރަށް ބޮޑެތި މީހުންގެ ވެސް ފޫހިފިލުވާލަ އެވެ. ރިޒްފާ ބުނާ ގޮތުގައި ގޭމާ ގުޅިގެން އޭނާއަށް މިހާތަނަށް ލިބިފައި ވަނީ "ހުސް ތައުރީފުގެ ބަސްތަކެ"ވެ.

"ވިލުވާދައަކީ ލޮކްޑައުން ތެރޭގައި ކުދިންނާ އެކީ ސްކްރެބްލް ކުޅެނިކޮށް އައި ހިޔާލެއް. ހިތަށްއެރީ، ދިވެހި ބަހުން ކީއްވެބާއޭ މިކަހަލަ ކުޅިވަރުތައް ނުހުންނަނީ. ހުރިހާ އެންމެން ވެސް މިހާތަނަށް ފޮނުވާފައިވަނީ ތައުރީފްގެ ބަސްތައް. އެހެންވެ ވަރަށް އުފާވޭ އަދި ޝުކުރުވެރިވަން،" އޭނާ ބުންޏެވެ.

އެންމެ މުހިއްމު ކަމެއް ދެނީ ދަރިންގެ ކިޔެވުމަށް (ދައުރު ފޮޓޯ އަނާމް އަޒްމީލް)
ރިޒްފާ އޭނާގެ ކުދިންނާ އެކު ވިލުވާދަ ކުޅެލަނީ (ދައުރުފޮޓޯ އަނާމް އަޒްމީލް)

ރިޒްފާ ކިޔެވި އެއްޗެއް ބޭނުންކޮށްގެން އުފައްދަނީ މާނަ ފުން އުފެއްދުން ތަކެކެވެ. މީހުންގެ ވިސްނުން ބަދަލުކުރަނީ ތަފާތު ގޮތްގޮތަށެވެ. އޭނާގެ އުއްމީދަކީ އިތުރު އުފެއްްދުންތައް ނެރުމެވެ. 

އޭނާ ދެކޭ ގޮތުގައި ކޮންމެ މަންމައަކަށް ވެސް އެންމެ ދަތި ކަމަކަށް ވާނީ "ދަރިންގެ ކަންކަން ބަލަހައްޓަމުން ވަޒީފާގެ ކަންކަމަށް ސަމާލުކަން ދިނުމެ"ވެ. 

އަމިއްލަ މަސައްކަތުން ކަމެއް ހާސިލްކުރެވުނީމަ ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑުކަން ރިޒްފާ ފާހަގަކުރެ އެވެ.

"އެކަމަކު މިހާރު ވަގުތުތައް ވަރަށް ބަހާލައިގެން އުޅެން ޖެހެނީ،" އޭނާ ބުންޏެވެ. އެންމެ އިސްކަންދޭން ބޭނުންވަނީ އަބަދުވެސް ކުދިންގެ ކިޔެވުމަށެވެ.

މި ހުރިހާ ކަމެއް ކުރުމަށް އޭނާ ގެންގުޅެނީ އެންމެ ފިލޯސަފީއެކެވެ. އެންމެ މުހިއްމު ކަން ކަމަށް އެންމެ ބޮޑު އިސްކަމެއް ދީގެން އުޅެވޭތޯ ބެލުމެވެ.

"އެކަމަކު ވާފަހަރާއި ނުވާ ފަހަރު އަންނަނީ، ތެދަށް ބުނަންޏާ،" ފިރިމީހާގެ އެހީތެރިކަން ލިބޭތީ ގިނަ ކަންކަން ފަސޭހަވާކަން ފާހަގަކުރަމުން ރިޒްފާ ބުނެލި އެވެ.

ކޮމެންޓް (2)

ނިހާދު

1 ނޮވެމްބަރު 2021
ވަރަށް އުފާ ވެއްޖެ! އަދިވެސް އިތުރު ފޮތްތައް ލިޔާނެ ކަމަށް އުއްމީދުކުރަން
0 0

ދޮންދޫނި

1 ނޮވެމްބަރު 2021
ރިޒޫ ތިއީ ހަމަ ވަރަށް ފާހަގަކޮށްލެވޭ ލިޔުންތެރިއެއް. ޥަރަށް ކަމުދޭ ރިޒޫގެ ފޮތްތައް އަދި ވިލުވާދަ ވެސް ވަރަށް ޝައުގުވެރި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް