ޕިކަޕު ގޮސް އަންހެން މީހާގެ ގައިގާ ޖެހިފައި: އެ ހާދިސާގައި އަންހެން މީހާގެ ފައި ޗިސްވެ، ވަނީ ބުރިކޮށްލާފައި

އެކްސިޑެންޓެއްގައި މީހެއްގެ ފައި ޗިސްވެ ބުރިކޮށްލަން ޖެހިއްޖެ

މި ހާދިސާގައި އަނިޔާވީ 47 އަހަރުގެ އަންހެނަކަށް
17 ނޮވެމްބަރު 2021

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ފައި ޗިސްވެ ބުރިކޮށްލަން ޖެހިއްޖެ އެވެ.

ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ، ހިނގާފައި ނިކަގަސްމަގު ހުރަސް ކުރަން ދިޔަ އަންހެނެއްގެ ގައިގައި، ބާރު ސްޕީޑެއްގައި ދިޔަ ޕިކަޕަކުން ޖެހޭ ތަނެވެ. ޕިކަޕް ކޮންޓްރޯލް ނުވެ ގޮސް އަންހެން މީހާގެ ގައިގައި ޖެހުނު އިރު، އޭނާ މަގު ހުރަސްކޮށް ޕޭވްމަންޓް މައްޗަށް އަރަނީ އެވެ. އެކްސިޑެންޓުވުމާ އެކު، އުޅަނދު ދުއްވަން އިން ޑްރައިވަރާއި އެ ސަރަހައްދުގައި ތިބި މީހުން އަންހެން މީހާއަށް އެހީވާން ދާތަން ވީޑިއޯއިން ފެނެ އެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި:

  • އަނިޔާވި 47 އަހަރުގެ އަންހެން މީހާގެ ވާތުފައި ވަރަށް ބޮޑަށް އޮތީ ޗިސްވެފައި 

  • އެހެންވެ ޖެހެނީ ބުރިކޮށްލަން 

  • އަންހެން މީހާއަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުން

  • އޭނާގެ ހާލު މިވަގުތު ސްޓޭބަލް ކަމަށް އެ ހޮސްޕިޓަލުން ބުނޭ

ވީޑިއޯއިން ފެންނަނީ ދުއްވާ އެއްވެސް އެއްޗެއް ނެތް ވަގުތެއްގައި އަންހެންމީހާ މަގު ހުރަސްކޮށްލާތަނެވެ. އެކަމަކު އެވަގުތު ޕިކަޕެއް އެ މަގަށް އަޅަ އެވެ. މަގަށް ސީދާވާ ގޮތަށް އަނބުރާލުމުގެ ބަދަލުގައި ޕިކަޕް ދަނީ، އޭރު މަގު ހުރަސްކޮށް އަނެއް ކަންމައްޗާ ހަމާގައި ހުރި އަންހެންމީހާއާ ދިމާއަށެވެ.

ފުލުހުންގެ ބަސް - ޕިކަޕް ދުއްވަން އިނީ ލައިސަންސް އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ. ތަހުގީގު ފަށާފައިވާ އިރު އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް