ރާއްޖެ-ލަންކާ

ރާއްޖެ ދެކެ ލޯބިވޭ؛ އެދުނީ 'ވަގުން' ހިމާޔަތްނުކުރަން

ގޯތާބާޔައަށް ރާއްޖެއިން ހިމާޔަތްދިނުމާ ދެކޮޅަށް މިއަދު ކުރި މުޒާހަރާގެ ބައިވެރިން ތިބީ އެކަމާ ދެރަވެ ކަންބޮޑުވެފައި

މުހިންމު ނުކުތާތައް

'ދައުރު'އާ ވާހަކަ ދެއްކި ކޮންމެ މީހަކު ވެސް ގޯތާބާޔަ ސިފަކުރީ 'ވަގެއް'ގެ ގޮތުގައި

ލަންކާ އެހާލަތަށް ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ ރާޖަޕަކްސަ އާއިލާއިން ކަމަށް ބުނި

ލަންކާގައި މުޒާހަރާކުރާ މީހުންނަށް ހިތްވަރުދީ، އެކަން ކުރިއަށް ގެންދަން އެދުނު

ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ އުމުރުން 68 އަހަރުގެ ފިލިޕް ރާއްޖޭގައި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. އޭނާ މިއަދު ކާނިވާ ސަރަހައްދަށް ގޮސް ހުރީ ލަންކާގެ ރައްޔިތުންގެ ހައްގުގަ އެވެ. ކިތަންމެ ދުރުގައި ތިބި ނަމަވެސް އޭނާގެ ދަރިންނާއި ކާފަ ދަރިންގެ ހައްގުގަ އެވެ. އެ ގައުމުގެ 21 މިލިއަން ރައްޔިތުންގެ ހައްގުގަ އެވެ. ދިވެހި ސަރުކާރުން ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސައަށް ހިމާޔަތް ދިނުމުން ނުރުހުންވެފައި ހުރި އެ އެތައް މިލިއަން މީހުންގެ ތެރެއިން އެކަކީ ވެސް އޭނާ އެވެ.

"ލަންކާ ރައްޔިތުން ތަހައްމަލު ކުރަމުން ދަނީ ވަރަށް ހިތްދަތި ދުވަސްތަކެއް. އާންމު ރައްޔިތުން އެކަންޏެއް ނޫން، ކުޑަކުދިން ވެސް. އެކުދިން އެތިބީ ތައުލީމް އުނގެނުމުން މަހުރޫމްވެ، ރަނގަޅު ކާނެ އެއްޗެއް ނުލިބި. ތެލެއް ވެސް ނެތް. ސްކޫލަށް ގެންދާނެ ގޮތެއް ނެތް. މި ހުރިހާ ކަމެއް މިހެން ހުއްޓާ އަހަރުމެންގެ ރައީސް، ގޮތަބަޔާ މިވަނީ މި ރާއްޖެއަށް ފިލައިގެން އައިސް،" ފިލިޕްގެ އުދާސްތައް އެއް ނޭވާއިން ބަންޑުންކުރަން ފެށި އެވެ.

ފިލިޕް 'ދައުރު'އަށް އިންޓަވިއު ދެނީ: ލަންކާ ރައްޔިތުން އުޅެމުންދާ ހާލަތާމެދު އޭނާ ހުރީ ދެރަވެފައި 

ފިލިޕް ބުނި ގޮތުގައި ގޯތާބާޔަ ފަދަ "ވަގަކަށް" ރާއްޖެއިން ހިމާޔަތް ދިނުމުން އޭނާ ހުރީ ނުހަނު ދެރަވެ އަދި ކަންބޮޑު ވެސް ވެފަ އެވެ.

"ވަރަށް ގިނަ ބޭރު ގައުމުތަކުން ވަނީ ދެކޮޅުހަދާފައި ގޮޓާ [ގޯތާބަޔައަށް] އެތެރެވާން. އޭނާއަކީ ލަންކާގެ ތާރީހުގައި ވެސް ފާހަގަކޮށްލޭވޭ ވަގެއް،" ދައުލަތުގެ ހުރިހާ ފައިސާއެއް ގޯތާބާޔަ ނިސްބަތްވާ ރާއްޖަޕަކްސަ އާއިލާއިން ވަގަށް ނެގިކަމަށް ތުހުމަތުކޮށް ފިލިޕް ބުންޏެވެ.

"އުންމީދުކުރަން ދިވެހި ސަރުކާރުން އަހަރެމެންނަށް އެހީތެރިވެދޭނެކަމަށް [އޭނާ ވަގަށް ނެގި ފައިސާތައް ހޯދައިދިނުމަށް] އަދި މިފަދަ މީހުންނަށް ހިތްވަރު ނުދޭނެ ކަމަށް." 

އޭނާ ގަބޫލުކުރާ ގޮތުގައި އެ ފައިސާ ނުހޯދައި ލަންކާގެ ރައްޔިތުންނަށް އިންސާފެއް ނެތެވެ. އަދި ގައުމުގެ ކުރިމަގަށްޓަކައި ވެސް އެމީހުންނަށް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.

މި މުޒާހަރާއިން ދިމާވި ކޮންމެ މީހަކު ވެސް، ފިލިޕްއެކޭ އެއްގޮތަށް، ސިފަކުރި ގޮތުން ނަމަ ގޯތާބާޔަ ވަނީ ރައްޔިތުންގެ ފައިސާގައި ވަރަށް ބޮޑަށް ޖެހިފަ އެވެ. އެފަދަ ބޭފުޅަކަށް ދިވެހި ސަރުކާރުން ހިމާޔަތް ދިނުމުން އެ އެންމެން ވެސް ތިބީ ދެރަވެފަ އެވެ.

މިދިޔަ ހަތް އަހަރު ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ މަހެންދްރާ ރަނަސިންހެ ބުނީ މި މުޒާހަރާ އިންތިޒާމްކުރީ ދިވެހި ފުލުހުން އެކަމަށް ފުރުސަތު ނުދޭނެކަން އެނގި ތިބެ ކަމަށެވެ. ބިދޭސީން ރާއްޖޭގައި މުޒާހަރާކުރުމަކީ މަނާ ކަމެއްކަން އެނގޭއިރު ވެސް މަގުމައްޗަށް ނުކުތީ ލަންކާގައި މުޒާހަރާކުރަމުން އަންނަ އަހުންނާއި އުހުތުންގެ ހައްގުގައި ކަމަށް އޭނާ ބުންޏެވެ. އަދި އެއީ، އޭނާ ބުނި ގޮތުގައި، އެމީހުންނަށް ދޭ ހިތްވަރެއް ވެސް މެ އެވެ.

ލަންކާ ރައްޔިތުން މިއަދު މާލޭގައި މުޒާހަރާ ކުރި އިރު، ފުލުހުން އެމީހުންނަށް ހުރަސް އަޅަނީ (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
މުޒާހަރާ ކުރި ވަގުތު ލަންކާގެ އެމްބަސީ ހުންނަ މަގު ކަންމަތީ ފުލުހުން ފޯރިމަރަނީ(ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

މުޒާހަރާ ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުން ގޮސް ވަނީ ރޫޅާލައި، ލަންކާގެ ދިދަތަކާއި ޕޯސްޓަރުތައް އަތުލައިފަ އެވެ. އެކަކު ފުލުހުންގެ ވޭނަށް އަރުވައިގެން ގެންދިޔަ އެވެ.

"ލަންކާ ރައްޔިތުން އެދަނީ މަރުވަމުން. ލަންކާ ސަރުކާރުން މުޒާހަރާގެ ބައިވެރިން ގަޔަށް ދަނީ ބަޑި ޖަހަމުން. އަނިޔާކުރަމުން. އެހެންވެ މިތަނުގައި ތިބެގެން ވެސް އަހަރެމެން [ލަންކާ ރައްޔިތުން] ކޮންމެވެސް ކަމެއް ކުރަން ޖެހޭ. އެހެންވެ މުޒާހަރާ މި ކުރީ،" ޓޫރިޒަމްގެ ތަފާތު މަޝްރޫއުތަކުގައި ސިވިލް އިންޖީނިއަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ މަހެންދްރާ ބުންޏެވެ.

މުޒާހަރާގެ ތެރެއިން ލަންކާގެ ދިދައާއެކު އެ ގައުމުގެ ދެ މީހަކު ފޮޓޯއަކަށް ހުއްޓިގެން. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އޭނާ ބުނީ "އަމިއްލަ ގައުމެކޭ އެއްފައިން ރާއްޖެ ދެކެ ނުހުނު ލޯބިވާ" ކަމަށެވެ.

"އަހަރެމެން ޗުއްޓީއަށް ގައުމަށް ގޮސް ދެން އަލުން ރާއްޖެ އެނބުރި އަންނަން ތިބެނީ ދުވަސްތައް ގުނާލާ ގުނާލާ. ދިވެހި ސަރުކާރަށް ބުނެލަން ބޭނުންވަނީ މި ގައުމު ދެކެ އަހަރެމެން ލޯބިވޭ. މި ގައުމުގެ ރައްޔިތުން ދެކެ ވެސް ލޯބިވަމޭ. އާދޭސްކޮށްފައި ބުނަން ބައިނަލްއަގުވާމީ ވަގުންނަށް އެހީތެރި ނުވާށޭ،" މަހެންދްރާ ބުންޏެވެ.

"އެ ވަގުން އަނބުރާ ލަންކާއަށް ފޮނުވާލަދީ! އެއީ އަހަރުމެން އެދޭ އެދުމަކީ."

މުޒާހަރާގެ ކުރީ ކޮޅު ލަންކާ ރައްޔިތުން ބެނާއާއި ޕޯސްޓަރު ހިފައިގެން: ގާތްގަނދަކަށް100އެއްހާ މީހުން ކާނިވާ ސަރަހައްދަށް އެއްވި (ދައުރު ފޮޓޯ

ރާއްޖޭގެ އޮޑިޓް ފާމެއްގައި މަސައްކަތް ކުރާ މުހައްމަދު އަކީލް ،27،ގެ އެދުމަކީ ވެސް ލަންކާގެ އިގުތިސާދު ފުނޑާލައި ގައުމު "ދަވާލި" މީހުންނަށް ރާއްޖެއިން މަރުހަބާ ނުކިޔުމެވެ. އެމީހުން ހިމާޔަތް ނުކުރުމެވެ. ލަންކާގެ ރައްޔިތުންނާ އެކު ދިވެހި ސަރުކާރު އޮތުމެވެ.

"އަހަރެމެންގެ މިހާރުގެ ރައީސް [ގޯތާބާޔަ] އަރިހުން މި އެދެނީ އަނބުރާ ގައުމަށް ވަޑައިގަންނަވަން. އޭނާ ކުރިން ވިދާޅުވި ގޮތަށް މަގާމުން އިސްތިއުފާ ދެއްވަން،" އަމިއްލަ ކުންފުންޏެއްގެ ކުއަންޓިޓީ ސާވޭޔާއެއްގެ މަގާމު އަދާކުރަމުންން އަންނަ ދުލަޖަނި ނިސަންސަލަ (މިޝީ) ބުންޏެވެ.

މުޒާހަރާއިން ދިމާވި ކޮންމެ މީހަކު ވެސް ލަންކާގައި ތިބި ރައްޔިތުންނަށް ދެމުން ދިޔައީ ހިތްވަރެވެ. އެމީހުން އެ ކުރާ 'ހަނގުރާމައި'ގައި ދެމިތިބުމަށެވެ. މިހާރު އޮތް ސަރުކާރު ދެކެ ބިރުނުގަނެ، ހައްގު ހޯދުމުގެ މަސައްކަތް ހުއްޓާނުލުމެވެ.

"ކޮރަޕްޓް ލީޑަރުންގެ ކިބައިން އަހަރުމެންގެ ގައުމު ސަލާމަތް ކުރެވޭނީ ތިކުރާ މަސައްކަތުން،" ލަންކާގައި މިހާރު ވެސް މުޒާހަރާގައި ތިބި ރައްޔިތުންނަށް އަމާޒުކޮށް ފިލިޕް ބުންޏެވެ.

ކޮމެންޓް (1)

ރުޅި މީހާ

14 ޖުލައި 2022
ރުޅި އަންނާކަށް ނުޖެހޭ ދޯ. ރާއްޖޭގެ ކިތައް މީހުން ގޮސް އެތާ ފިލާ ތިބި. އެތާ އުޅޭ ދިވެހިން މުޒާހަރާކުރިތަ އެމީހުން ރަށަށް ފޮނުވާށޭ ކިޔާފަ؟ ދިވެހިންވެސް އޭރު ލަންކާ ސަރުކާރަށާއި ލަންކާ ހުރިހާ ރައްޔިތުން ދެކެ ރުޅި އަންނަންވީ ދޯ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް