އިދިކޮޅު މި މަހު ކުރީކޮޅު ބޭއްވ "އައްޑަނަ" ޖަލްސާ: މާދަމާ ރޭ ވެސް ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް އޮންނާނެ
ޕީޕީއެމްގެ 'މިނިވަންކަމުގެ ދިފާއުގައި' މާދަމާ ރޭ ލޯންޗުކުރަނީ
އިދިިކޮޅު ޕީޕީއެމް ކޯލިޝަނުން މިހާރު ކުރިއަށް ނެރެގެން އުޅޭ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކެމްޕެއިން މާދަމާ ރޭ ކަނިވާ ސަރަހައްދުގައި އޮންނަ ޖަލްސާގައި ލޯންޗުކުރަން ނިންމައިފި އެވެ.
މި ކެމްޕެއިންގެ އަމާޒަކީ އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް އޮތުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމާއި އެކަމާ ގުޅިފައި ހުރި މައްސަލަތައް ތިލަކުރުމެވެ.
ތަފުސީލު - "މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ގައުމީ ކެމްޕެއިނެއް ފަށާނެ ކަމަށް ޕީޕީއެމުން މި މަހު ކުރީކޮޅު ބުނެފައިވެ އެވެ.
މާދަމާ ރޭގެ ޖަލްސާއާ ބެހޭ ގޮތުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު 'ދައުރު'އަށް ވިދާޅުވީ ޖަލްސާގައި މި ވަގުތު ގައުމުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރާނެ ކަމަށެވެ.
"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" މި ޝިއާރު ބޭނުންކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ "އިގްތިސާދީ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ ފަޅުތަކާއި ގިރިތަކާއި ރަށްތައް، ބޭރު ބައެއްގެ ނުފުޒުގެ ތެރެއަށް ދިވެހި ސަރުކާރުން ދޫކޮށްލާފައި" އޮތުމަކީ އެ ކޯޯލިޝަނުން ކަންބޮޑުވާތީ އެވެ.
"އިންޑިއާ ސިފައިން ރާއްޖޭގައި ގައިމްވެ ތިބުން. އިންޑިއާގެ ނުފޫޒު ރާއްޖެއަށް އިންތިހާއަށް އޮތުން. ރައްޖޭގެ އެކި ސަރަހައްދުގައި އިންޑިއާ ސިފައިން އެކި ނަންމުގައި ގައިމްވެ ތިބުމަކީ ރާއްޖޭ އިގްތިސާދީ މިނިވަންކަން، އިގްތިސާދީ އަޅުވެތިކަމަކަށް ބަދަލުވެގެންދާތީ،" ހީނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ކަންކަން ނިންމުގެ އިހްތިޔާރާއި ފުރިހަމަ ބާރު ދިވެހިންގެ އަތުން ގެއްލިގެން ދިޔުން މިއީ މިނިވަންކަމުގެ ދިފާއުގައި ނުކުންނަ ޖެހޭ ސަބަބު."
އޭނާ ވިދާޅުވި ގޮތުގައި މިހާރު "އެންމެ ބޮޑަށް މިއޮތީ މިނިވަންކަމުގެ ވާހަކަ" އެވެ.
ޕީޕީއެމް ކޯލިޝަނުން ވަނީ މި ހަރަކާތަށް ހާއްސަ ލޯގޯ އާއި ލަވަ ވެސް ހަދައިފަ އެވެ. އެ އެއްޗެހި މާދަމާ ރޭ ލޯންޗުކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ހީނާ ވިދާޅުވީ މިއީ މިހާރު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމެއް ކަމަށެވެ.
"ނަމަވެސް މިކަމުގައި ގައުމީ ލެވެލްގައި ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭވެ. އެހެން ސިޔާސީ ޕްލެޓްފޯމްތަކުގައި ތިބި ފަރާތްތަކަށް ވެސް ދައުވަތު އަރުވަން،" ހީނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އިދިކޮޅު މިހާރު މާލޭގައި ކޮންމެ ރެއަކު ސިލްސިލާ މުޒާހަރާތަކާއި ޕާޓީ އޮފީހުގައި ޖަލްސާތަކެއް ވެސް އަންނަނީ ބާއްވަމުންނެވެ. އެގޮތުން ރޭ ވެސް މާލޭގައި މުޒާހަރާއެއް ބޭއްވި އެވެ.
އިދިކޮޅުން އެންމެ ފަހުން ބޮޑު ޖަލްސާއެއް ބޭއްވީ މި މަހު 3 ގަ އެވެ. އެ ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ އެވެ.