ޔާމީނަށް އިންސާފު ހޯދަން ބޭއްވި ހިނގާލުމެއްގައި އޭނާގެ މަންމަ ޝަފީގާ(ކ.2)ގައި ބައިވެރިވަނީ: ފަސް އަހަރު ފަހުން އިއްޔެ ކޯޓުން ހުކުމްކުރީ ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް

ޔާމީންގެ ފުރާނައިގެ އަގު ޖަވާހިރު ގޯންޏެއް ލިބުނަސް އަދައެއް ނުކުރެވޭނެ: މަންމަ

ހުކުމް އިއްވި ޝަރީއަތުގައި ޝަފީގާއަށް ކުރި އަސަރު ބޮޑު. އޭނާ ބުނީ އެހެން މަޔަކަށް އެ ހިތާމަ ލިބެން ބޭނުން ނުވާ ކަމަށް

ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު، އެ ހުލާސާ ބަޔާން އިއްވަމުން ގެންދެވި އިރު، އެރޭ، 23 އެޕްރީލް 2017، ޔާމީން ރަޝީދަށް ހަމަލާ ދިން ގޮތް އަލުން ސިފަވި އެވެ. ޝަރީއަތުގެ އެ މަޖިލީހުގައި އެންމެ ފަހަތު ބަރީގައި އިން މަރިޔަމް ޝަފީގާއަށް، ޖަޒުބާތުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށި އެވެ. ގިސްލުމާ އެކު ފުން ނޭވާތަކެއް ބޭރުކުރެވުނެވެ.

ދެ ފަރާތުގައި ތިބި ދެ އަންހެން ދަރިންގެ ތެރެއިން ޔާމީންގެ ދައްތަ އައިޝަތު ރަޝީދުގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާލައި، ކޮނޑުގައި ލެނގިލަން މަޖުބޫރުވީ، ޔާމީނަށް އެރޭ އެ ދިން އަނިޔާތަކުގެ ހަނދާންތައް ކޯޓު ރޫމުގައި އާވެގެން އައިމަ އެވެ.

އެންމެ 10 ސިކުންތު ތެރޭގައި ގައިގެ 34 ތަނަކަށް ވަޅި ހެރި އެވެ. އޭގެ ތެރޭގައި ކަރަށާއި ބޮލަށާއި މެއަށް ހަމަލާދީފައި ވަނީ، ދައުލަތުން ކޯޓުގައި ބުނި ގޮތުގައި، ސީދާ ޔާމީން މަރާލާށެވެ.

ފަސް އަހަރު ފަހުން ހުކުމް އިއްވަން އިއްޔެ ބޭއްވި ޝަރީއަތުގައި އޭނާގެ ދަރިފުޅު މެރުމުގައި ބައިވެރިވިކަމަށް ދައުލަތުން ދައުވާ އުފުލި ހަ މީހުން އިށީދެގެން ތިބީ، ޝަފީގާގެ ކުރިމަތީގަ އެވެ. ޔާމީންގެ މަރަށް ލިބޭނީ ކޮން ކަހަލަ އިންސާފެއްތޯއާ މެދު އޭނާގެ ހިތުގައި އޮތީ ސުވާލެވެ. ޝަރީއަތް ދިޔަ ގޮތުން ހިތުގައި އެކި ޝައްކުތައް ވެސް އުފެދުނެވެ.

ޔާމީން ދުނިޔެ ދޫކުރި އަނިޔާވެރި ފަހު ވަގުތުކޮޅުގެ މަންޒަރުތައް ސިފަވެގެން ދިޔަތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުން، ގާޒީ އާދަމް، އޭނާގެ ނިންމެވުން އިއްވި އިރު، ހަ މީހުންގެ ތެރެއިން ޔާމީން މަރާލިކަމުގެ ކުށް ސާބިތުވީ އެންމެ ދެ މީހުންގެ މައްޗަށެވެ. އެއީ އެރޭ ޔާމީނަށް ހަމަލާ ދިން އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ އާއި އަހުމަދު ޒިހާން އިސްމާއިލް، މ. އިރާޝްމިކްގެ އެވެ. މިއީ ޝަފީގާއާ އެކު ޔާމީން ދިރިއުޅެމުން ދިޔަ މ. ސްޕެޓިއުލާ ގެއަށް އެރޭ ދަންވަރު ޔާމީން ވަނުމާ އެކު، ފިލައި ތިބެ، އޭނާއަށް ހަމަލާދިން ދެ މީހުންނެވެ.

މ.ސްޕެޓިއުލާ ގެއަށް ޔަމީނަށް ހަމަލާ ދޭން ވަތް އިސްމާއިލް ހައިޝަން ރަޝީދާއި އަހްމަދު ޒިހާން: ކުށް ސާބިތުވީ މި ދެ މީހުންގެ މައްޗަށް އެކަނި

ޝަރީއަތްކުރި އަނެއް ހަތަރު މީހުންގެ މައްޗަށް އެއްވެސް ކުށެއް ސާބިތުނުވެ، ވަނީ ސަލާމަތްވެފަ އެވެ. އެކަމަކު އެއީ އެރޭ ޔާމީނަށް ފާރަލުމާއި މަގުމަތި ބެލެހެއްޓުމާއި ހަމަލާ ރޭވުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ.

'މިވަރު ވާނެ ކަމަށް ވެސް އުންމީދެއް ނުކުރޭ'

ހައިޝަމް އާއި ޒިހާންގެ މައްޗަށް ކުށް ސާބިތުވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ޝަފީގާއަށް ލިބުނެވެ. ޝަރީއަތް ދިޔަ ގޮތުންނާއި ތުހުމަތުކުރެވޭ މީހުންގެ ދިފާއުގައި ރާއްޖޭގެ މޮޅެތި ބައެއް ވަކީލުން މަސައްކަތްކުރުމުން، ޔާމީންގެ އާއިލާއަށް ގަބޫލުކުރެވުނީ، ފުލުހުންނާއި ޕީޖީއަށް ހެދޭ ކުޑަކުޑަ ގޯހަކުން ވެސް، އެމީހުންނަށް އެއްވެސް އިންސާފެއް ނުލިބި ހިނގައިދާނެ ކަމެވެ.

"އަސްލު ހިއެއް ނުކުރަން މިވަރު ވެސް ވާނެ ކަމަށް. ހަގީގަތަށް ބުނަންޏާ އިދިކޮޅުން [ދައުވާ ލިބޭ މީހުންގެ] ތިބީ ހައި ޕްރޮފައިލް ލޯޔަރުން އަދި ކޮންމެ މީހަކަށް ދެ ލޯޔަރުން ތިބި،" ހުކުމަށް ފަހު 'ދައުރު'އާ ވާހަކަ ދައްކަމުން ޝަފީގާ ބުންޏެވެ.

ހުކުމަށް ފަހު، ޔާމީންގެ އާއިލާގެ މެންބަރުން ކޯޓު ބޭރުގައި މަޑުކޮށްލައިގެން ތިބި އިރު، މަންމަ ޝަފީގާ (ކ.2)އަށް'ދައުރު'އާ ވާހަކަ ދައްކަނީ

"އެ ހުރިހާ ކަމަކަށް ބަލާފައި އެނގޭ މިކަހަލަ ކުދިކުދި ކަންކަން [ތަހުގީގުގެ ގޯސްތަކާއި ގާނޫނީ ލޫޕްހޯލްތައް] ދެނެގަންނާނެ ކަން. އެއީ އަހަރެމެން އެކްސްޕެކްޓް ކުރި ކަމެއް ކުރިން ވެސް."

އެކަމަކު އޭނާ ބުނީ ވަޅިން ހަމަލާ ދިން ދެ މީހުންގެ އިތުރުން އެކަން ރޭވި މީހުންނާއި ފާރަލި މީހުންނަކީ ވެސް އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށެވެ. އެއިން އެއްވެސް މީހަކަށް އަދަބެއް ނުލިބި ސަލާމަތްވުމުން، އެކަމާ ޝަކުވާތަކެއް ހިތުގައި ހުރި ކަމަށް ބުންޏެވެ. އޭގެ އިތުރުން މިކަމަށް ފަންޑުކޮށް، އެންމެ އަޑީގައި ތިބި މީހުން އަދިވެސް ނުހޯދޭތީ އެކަމުގެ ކަންބޮޑުވުންތައް ވެސް ޝަފީގާ ފާޅުކުރި އެވެ.

އޭނާ ބޭނުމެއް ނުވާނެ އެއްވެސް މީހަކަށް އަނިޔާއެއް ލިބެން. އޭނާ ވަރަށް ބޮޑަށް ވަކާލާތުކުރި ކަމެއް އެންމެންނަށް ވެސް ދިރިއުޅެވޭނެކަން. 

މަރިޔަމް ޝަފީގާ، ޔާމީން ރަޝީދުގެ މަންމަ

'އެހެން މަޔަކު މި އަނިޔާ ތަހައްމަލްކުރާކަށް ބޭނުމެއް ނޫން'

ހުކުމަށްފަހު، ޝަފީގާ އާއިލާއާ އެކު: ހުކުމުގައި ދިން ތަފުސީލުތަކުން ވަރަށް ބޮޑަށް ހިތުގައި ޖެހުނު (ދައުރު ފޮޓޯ)

ދެ މީހުންގެ މައްޗަށް ކުށް ސާބިތުވުމުން ދެން އޮތީ އެ މީހުންނަށް ދޭނެ އަދަބެއް ކަނޑައެޅުމުގެ މުހިންމު ބަ އެވެ. ޔާމީން މަރުވި އިރު އޭނާ މީހަކާ ނީދެ އެވެ. ޝަރީއަތުގައި ވާރިސުންގެ ގޮތުގައި ބެލީ ޝަފީގާ އާއި ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު ހަސަން އެވެ. ދަރިފުޅުގެ މަރަށް ބޭނުންވަނީ ކޮން އަދަބެއްތޯ ވިދާޅުވެ، ގާޒީ އާދަމް ތިން އިހުތިޔާރެއް ދެއްވި އެވެ: އެއީ މަރަށް މަރުހިފުން، މަރުގެ ދިޔަ، އަދި މައާފު ދިނުމެވެ.

ތަހުގީގު މަރުހަލާގައި ފުލުހުންނަށް ދިން ބަޔާނުގައި ޝަފީގާ ބުނެފައި އޮތީ މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ. ނަމަވެސް ކޯޓަށް ދިޔަ އިރު އޭނާގެ އެ ވިސްނުން ހުރީ ބަދަލުވެފަ އެވެ: މަރަށް މަރުހިފާކަށް ބޭނުމެއް ނުވި އެވެ. 

އަޅުގަނޑު ގަބޫލުކުރަން މައާފުކުރުމަކީ ވެސް އިސްލާމް ދީނުގައި ރީތި ސިފައެއްކަމަށް. [ނަމަވެސް] ކަނޑައެޅިގެން މީހުން މެރުމުގެ ނިޔަތުގައި ދުރާލާ ރާވައިގެން މީހުން މަރާ މީހުންނަށް ޖެހޭނީ މަރުގެ އަދަބު ދޭން

ހުސައިން ރަޝީދު ހަސަން ، ޔާމީންގެ ބައްޕަ
ޔާމީންގެ މައްޗަށް ކުށް ސާބިތުވި ދެ މީހުން

އިއްޔެ ދެއްކި ވާހަކަތަކަށް ބަލާއިރު އޭނާގެ އެ ނިންމުމާ ގުޅޭ ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. އެއް ކަމަކީ ޔާމީން ދުނިޔޭގައި ހުރި އިރު އިންސާނީ ހައްގުތަކަށް އޭނާ ކުރި މަސައްކަތެވެ. ކޮންމެ އިންސާނަކަށް ވެސް ދިރިހުރުމުގެ ހައްގު ލިބެން ޖެހޭނެ ކަމަށް، އަބަދުވެސް ގަބޫލުކުރިކުރުމެވެ.

އަނެއް ސަބަބަކީ ދަރިފުޅުގެ މަރަށް ފަހު ޝަފީގާ ތަހައްމަލްކުރަމުން ދާ ވޭން، އެހެން މަޔަކަށް ލިބެން އޭނާ ބޭނުން ނުވުމެވެ.

"ޔާމީން ރަޝީދުގެ ވިސްނުމަށް ވިސްނާފައި ޑިސައިޑް ކުރީ [އެގޮތަށް]. އޭނާއަކީ، ވަރަށް ބޮޑަށް އެކަމާ ދެކޮޅު މީހެއް. އޭނާ ބޭނުމެއް ނުވާނެ އެއްވެސް މީހަކަށް އަނިޔާއެއް ލިބެން. އޭނާ ވަރަށް ބޮޑަށް ވަކާލާތުކުރި ކަމެއް އެންމެންނަށް ވެސް ދިރިއުޅެވޭނެކަން. އެމީހެއްގެ އަޖަލު ހަމަވަންދެން ދިރުއުޅެނޭކަން،" ކޯޓުން ބޭރުގައި 'ދައުރު'އާ ވާހަކަ ދައްކަމުން ޝަފީގާ ބުންޏެވެ.

ޔާމީންގެ އެކުވެރި، ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާ ގުޅިގެން އޭނާ ހޯދަން ކުރި މަސައްކަތުގެ ތެރެއިން ރިވާންގެ ޕޯސްޓަރެއް ހިފައިގެން: ޔާމީނަކީ އިންސާނީ ހައްގަށް ވަކާލާތުކުރި އެކްޓިވިސްޓެއް

ކޯޓުގައި އޭނާ ބުނީ ދިރިހުރުމުގެ ހައްގު "އަޅުގަނޑުގެ ދަރިފުޅުގެ ކިބައިން ނިގުޅައިގެންފައި [ވިޔަސް] ގިސާސް ހިފަން ބޭނުމެއް ނޫން" ކަމަށެވެ.

"[މަރުގެ] ދިޔަ ނަގަން ބޭނުންވަނީ. [އެއީ] އޭނާގެ ނަމުގައި އޭގެން ކޮންމެވެސް ކަމެއް ކުރެވޭނެ ކަމަށް ދެކޭތީ،" ގާޒީ ކުރިމަތީގައި ޝަފީގާ ބުންޏެވެ.

ކޯޓުގައި ދެއްކި ވާހަކަތަކާ ގުޅޭ ތަފުސީލު އޭނާ ދިނީ ކޯޓުން ބޭރުގަ އެވެ. އެގޮތުން 'ދައުރު'އަށް އޭނާ ކިޔައިދިން ގޮތުގައި ޔާމީން މަރާލުމުގެ ހިތްދަތިކަން މުޅި އާއިލާ އަދިވެސް ގެންދަނީ ތަހައްމަލްކުރަމުންނެވެ. އަދި އެއީ ހަނދާނުން ނުނެތޭނެ ހިތާމައެއް ކަމަށް ވެސް ބުންޏެވެ.

"މިހާރު ހަތަރު އަހަރު ނިމި މިއީ ފަސް ވަނަ އަހަރު. މީގެ އަސަރު އެތައް ދުވަހަކަށް އެބަ ކުރޭ އާއިލާއަށް،" ޝަފީގާ ބުންޏެވެ.

ދެން އޭނާ އެނބުރުނީ އެހެން އާއިލާތަކަށް ކޮށްފާނެ އަސަރުތަކާ ދިމާލަށެވެ. އެގޮތުން އެ ކުށުގައި ބައިވެރިވި ކޮންމެ މީހެއްގެ ވެސް އާއިލާއެއް އޮންނާނެ ކަމަށް، ބުންޏެވެ.

"އެމީހުންގެ [އެ އާއިލާތަކުގެ މީހުންގެ] މިކަމުގައި ޒިންމާއެއް ނެތި ހިނގައިދާނެ މި އަމަލު ކުރުމުގައި. އެ އާއިލާއަށް އެކަހަލަ ކަމެއް ދިމާވާން ބޭނުންނުވީ. އަމިއްލައަށް އިހްސާސްކުރެވޭ ވަރުން އެހެން ބަޔަކަށް އޭތި އިހްސާސް ކުރަން ބޭނުން ނުވީ،" ގިސާސް ހިފަން ބޭނުންނުވި ސަބަބު ތަފުސީލުކޮށްދެމުން، ޝަފީގާ ބުންޏެވެ.

ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާނަށް އިންސާފު ހޯދުމަށް ބޭއްވި ހިނގާލުމެއްގެ ކުރީގައި ޔާމީން: ރިލްވާންގެ ހައްގުގައި ގިނަ މަސައްކަތެއް ކުރި

އޭނާގެ އެ ނިންމުމާ ހަމައަށް ދިއުމުގެ ކުރިން ދީނީ އިލްމުވެރިންނާ ވެސް މަޝްވަރާކުރި އެވެ. ގިނަ މީހުން ދިން އިރުޝާދަކީ މަރުގެ ދިޔަ ހޯދައި، އެއިން ޔާމީންގެ ހަނދާނުގައި ކޮންމެވެސް ކަހަލަ ސޮދަގާތެއް ކުރުމެވެ. 

"ވަރަށް ގިނަ މީހުންގެ ލަފާގެ މަތިން، ގިނަ މީހުންނަށް ވެސް [އިރުޝާދު ދެވުނީ] މަރުގެ ދިޔަ ހޯދަން. ދެން ގަސްތުކުރީ ޔާމީންގެ ނަމުގައި އޭގެން ރަނގަޅު ސަދަގާތެއް ކުރަން. އެއްވެސް ހާލެއްގައި ލާރީގެ ބޭނުމުގައެއް ނޫން މަރުގެ ދިޔައަށް އެދުނީ،" ޝަފީގާ ބުންޏެވެ.

އޭނާ ސިފަކުރި ގޮތުގައި 'ޖަވާހިރު ގޯންޏެއް ލިބުނަސް އޭނާގެ [ޔާމީންގެ] ފުރާނައިގެ އަގު އަދަދެއް ނުކުރެވޭނެ" އެވެ.

މައާފުކުރުމަކީ ރީތި ސިފައެއް، އެކަމަކު އެދުނީ މަރަށް މަރު ހިފަން

ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ހަސަން: ކޯޓުގައި ވަރަށް އަސަރާ އެކު ވާހަކަ ދެއްކި

އިންޑިއާގައި މި ވަގުތު ހުރި ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު ހަސަން އިއްޔެގެ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވެ ބުނީ ބޭނުންވަނީ މަރަށް މަރުހިފަން ކަމަށެވެ. އެކަމަކު އެވާހަކަ އެ ހިސާބަށް ނުގެންގޮސް، ދަރިން ބޭނުންވާ ގޮތެއް އަންގަން ވެސް އެދުނެވެ.

ޝަފީގާ ބޭނުންވާ ގޮތް އިއްވި ފަހުން ވާހަކަ ދައްކަމުން ހުސައިން ބުނީ މިދިއަ ފަސް އަހަރުގެ ތެރޭގައި 'ގާތިލުން' އޭނާގެ އާއިލާގެ ފަރާތުން ވެސް އަދި ސީދާ އޭނާގެ ކިބައިން ވެސް މައާފަށް އެދިފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަން މައާފުކުރުމަކީ ވެސް އިސްލާމް ދީނުގައި ރީތި ސިފައެއްކަމަށް. [ނަމަވެސް] ކަނޑައެޅިގެން މީހުން މަރަން ނިޔަތުގައި ދުރާލާ ރާވައިގެން މީހުން މަރާ މީހުންނަށް ޖެހޭނީ މަރުގެ އަދަބު ދޭން،" އޭނާ ބުންޏެވެ.

އެކަމަކު ދެން އޭނާ ބުނީ ވަކި ގޮތެއް ކަނޑައެޅުމުގެ އިހުތިޔާރު ދަރިންނަށް ދޫކޮށްލާ ކަމަށެވެ. ނަމަވެސް ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ބައްޕަ ދުނިޔޭގައި ހުއްޓާ މިކަމުގައި ގޮތެއް ނިންމަން ދަރިންނަށް ދޫކޮށްނުލެވޭނެ ކަމަށެވެ. އެހެންކަމުން ހުސައިން ބޭނުންވާ ގޮތެއް ބަލަން ގާޒީ އެއްސެވި އެވެ. 

"ދަރިން އަޅުގަނޑު ގާތުގައި އެދިފައި ވަނީ މަރަށް މަރު ހިފުން ދޫކޮށްލަން،" ގިސްލާ ރޮމުން ހުސެއިން ރަޝީދު ބުންޏެވެ.

އަނެއްކާވެސް ދެ ވަނަ ފަހަރަށް ގާޒީ އެއްސެވީ ޔާމީންގެ ބައްޕަ ބޭނުންވަނީ ކޮން ގޮތެއްތޯ އެވެ.

"އަޅުގަނޑު ބޭނުން ވަނީ މަރަށް މަރު ހިފަން،" އެންމެ ފަހުން އޭނާ ބުންޏެވެ.

"އަޅުގަނޑު ބޭނުންވަނީ އަދުލު އިންސާފު ގައިމްކުރަން. ގަސްތުގައި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދޭން." 

އިތުރަށް ކިޔާލަން

ކޮމެންޓް (2)

ބޯގޮވާ

20 ޖެނުއަރީ 2022
އިސްލާމްދީނުގަ އިންނަ ގޮތްތައް އެނގޭކަމަށް ވާނަމަ ނުހައްގުންބަޔަކު ބޮލުގަ މަރުގެ އިލްޒާމް އަޅުވާ އިނޮސެންޓް ބައެއް އެކަމުގެ ބުރަ އުފުލަން ނިންމުމާމެދު ބިރުވެތިވާންޖެހޭ. ހެކި ހޯދިގޮތް އެއޮތީ އެނގެން. ހެކި އުފައްދައިން ބަޔަކު ބޮލުގަ އެ އަޅުވާފަ އަވަހަށް ކޭސް ނިންމޭތޯ ބެލީމަ އެއީ ވަރަށް ދަށު ދަރަޖައިގެ ކަމއް ކަމަށް ދެކެން. ޕީޖީ އަކަސް ކޭޖީ އަކަސް
2 2

އުއްތަމަ އުސްތާޛް

20 ޖެނުއަރީ 2022
ހައްތަހާވެސް ޑުރާމާ... 1.3 މިލިއަން ރުފިޔާ އޯކޭ އޭ ތިބުނީ ދެން ކީއްވެ؟
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް