ޔާމީން ރަޝީދު

ޔާމީން ރަޝީދު މަރާލި ކަމުގެ ދައުވާ 2 މީހެއްގެ މައްޗަށް ސާބިތުވެއްޖެ

ހަތަރު މީހަކު ވަނީ ސަލާމަތްވެފައި. ވާރިސުން ބޭނުންވަނީ ކުށް ސާބިތުވި ދެ މީހުންގެ ކިބައިން މަރަށް މަރު ހިފަން

އޭޕްރީލް، 2017ގައި ތޫނު އެއްޗަކުން ހަމަލާދީ ބްލޮގަރު، ޔާމީން ރަޝީދު މަރާލި ކަމަށް ދައުލަތުން ދައުވާ ކުރި ހަ މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ކުށް ސާބިތުވެއްޖެ އެވެ. އަދި އަނެއް ހަތަރު މީހުން ވަނީ ދައުވާތަކުން ސަލާމަތްވެފަ އެވެ.

ހުކުމް - ފަސް އަހަރަށް ދެމިގެން ދިޔަ ޝަރީއަތުގެ ހުކުމުގައި ބުނީ ޔާމީންގެ ހަށިގަނޑުގެ 34 ތަނަކަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި އެކަން ސާބިތުވަނީ، ހުކުމުގައި ބުނި ގޮތުގައި؛

  • 1-

    އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ

  • 2-

    އަހުމަދު ޒިހާން އިސްމާއިލް، މ. އިރާސްމިކު

ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވިކަން ސާބިތުވި ދެ މީހުން (ފޮޓޯ/ ޕޮލިސް)

މިއީ ޔާމީން މަރާލަން ވަޅިން ހަމަލާދޭން އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ތެރެއަށް ވަން ކަމަށް ދައުލަތުން ތުހުމަތުކުރި ދެ މީހުންނެވެ. ޔާމީން ރަޝީދު މަރާލީ އޭނާ ދިރިއުޅޭ ގެއަށް ވަތް ވަގުތު ސިޑި ކައިރީގައި ހަމަލާދީގެންނެވެ.

އެ ދެ މީހުންގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބާއްވާ މަޖިލިސް އިރުކޮޅެއްގެ ތެރޭގައި ފަށާނެ އެވެ.

ދެން އެ މައްސަލައިގައި ދައުވާކުރި ނަމަވެސް ކުށް ސާބިތުނުވި މީހުންނަކީ:

  • 1-

    މުހައްމަދު ދިފްރާން، ގދ. ގައްދޫ ސިންދުބާދުގެ

  • 2-

    ހަސަން ޝިފާޒް، މ. ކުދެހިގެ 

  • 3-

    އިސްމާއިލް ރަޝީދު، މ. ތާއިފް 

  • 4-

    ހުސައިން ޒިޔާދު، މ. ކޮޅުފުށީ އީސްޓް

އަނިޔާވެރި މަރެއް

މަސައްކަތުގައި އުޅުމަށް ފަހު ޔާމީން 23 އެޕްރީލް 2017، ދަންވަރު ގެއަށް ދިޔައީ ހިނގާފަ އެވެ. އޭރު އޭނާއަށް މަގުމަތިން ވެސް ބަޔަކު ފާރަލަމުން ދިޔަކަން، ތަހުގީގަށް އެނގުނެވެ. ޔާމީން ގެއަށް ވަން އިރު އެއް ބަޔަކު ތިބީ އޭނާގެ އާއިލާ ވެސް ދިރިއުޅެމުން އައި، މާފަންނު ބުރު ކައިރީގައި ހުރި ގޭ ތެރޭގައި، ފިލަ އެވެ.

ޝަރީއަތަށް މިއަދު ސާބިތުވި ގޮތުން ގޭ ތެރޭގައި ތިބީ ހައިޝަމް އާއި ޒިހާން އެވެ. ގޭތެރެއަށް ޔާމީން ވަނުމާ އެކު އޭނާއަށް ވަޅިން ހަމަލާދޭން ފެށި އެވެ. ގައިގެ އެތައް މިތަނަށް ވަޅި ހަރާފައި ހުރީ، ސަލާމަތްވެވޭ ވަރަށް ވުރެ ގިނަކޮށެވެ.

މިއީ އޭރު ހިންގި އެންމެ އަނިޔާވެރި އެއް މަރެވެ. 

ޔާމީނަށް އިންސާފު ހޯދުމުގެ އަޑުތައް ވަރަށް ގަދަވި އެވެ. އެކަމަކު ގިނަ މަރުތަކުގެ ޝަރީއަތް ހިނގާ ގޮތަށް، އެ ޝަރީއަތަށް ވެސް ދިގު މުއްދަތެއް މިވަނީ ނަގައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް