ޔާމީން ރަޝީދު މަރާލިކަން ސާބިތުވި ދެ މީހުން (ފޮޓޯ/ ޕޮލިސް)

ޔާމީންގެ މަންމަ، މަރަށް މަރު ހިފަން ބޭނުންނުވުމުން މަރުގެ ދިޔައަށް 1.3 މިލިއަން ރުފިޔާ

މަރަށް މަރު ހިފަން ޔާމީންގެ މަންމަ ބޭނުމެއް ނުވި، އެކަމަކު ބައްޕަ އެދުނީ މަރުގެ ހުކުމަށް
19 ޖެނުއަރީ 2022

މީގެ ފަސް އަހަރު ކުރިން ޔާމީން ރަޝީދު މަރާލިކަމުގެ ކުށް މިއަދު ސާބިތުވި ދެ މީހުންގެ މައްޗަށް މަރުގެ ހުކުމެއް ނައިސް، އެ އަދަބުން ސަލާމަތް ވެއްޖެ އެވެ. މިރޭ ގާޒީ އަދަބު ކަނޑައެޅުއްވީ މަރުގެ ދިޔައަށް 1.3 މިލިއަން ރުފިޔާ އާއި އުމުރަށް ޖަލަށް ލުމަށެވެ.

ވީ ކިހިނެއް؟ - އަދަބު ކަނޑައަޅަން ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި، ޔާމީންގެ މަންމަ ބޭނުންވީ މަރުގެ ދިޔަ އެވެ. އެކަމަކު މި ވަގުތު ރާއްޖެއިން ބޭރުގައި ހުރި، އަދި އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވި، އޭނާގެ ބައްޕަ އެދުނީ މަރަށް މަރު ހިފާށެވެ.

ޔާމީންގެ މަރުގެ މައްސަލާގައި މަރަށް މަރު ހިފަން ބޭނުންތޯ ކަނޑައަޅަން ޖެހެނީ އޭނާގެ މައިންބަފައިންނަށެވެ. އޭގެ ތެރެއިން އެކަކު ބޭނުން ނުވިޔަސް، މަރުގެ އަދަބެއް ނާންނާނެ އެވެ. 

އެޕްރީލް 2017 ގައި، ރޭގަނޑު ދަންވަރު ޔާމީން ގެއަށް ވަދެ ލިފްޓަށް އަރަން ދަނިކޮށް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދިން ކަމުގެ ކުށް ކޯޓުގައި މިއަދު ސާބިތުވީ އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ އާއި އަހުމަދު ޒިހާން އިސްމާއިލް، މ. އިރާސްމިކްގެ މައްޗަށެވެ.

އެ އަނިޔާވެރިކަމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލި ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތު ނުވެ ވަނީ ސަލާމަތްވެފަ އެވެ. އެއީ:

  • 1-

    މުހައްމަދު ދިފްރާން، ގދ. ގައްދޫ، ސިންދުބާދުގެ

  • 2-

    ހަސަން ޝިފާޒް، މ. ކުދެހިގެ

  • 3-

    އިސްމާއިލް ރަޝީދު، މ. ތާއިފް

  • 4-

    ހުސެއިން ޒިޔާދު، މ. ކޮޅުފުށީ، އީސްޓް

ތަފުސީލު - މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދުގެ ކުރިމަތީގައި ޔާމީންގެ މަންމަ މަރިޔަމް ޝަފީގާ ބުނީ މަރަށް މަރުހިފަން އޭނާ ބޭނުންނުވަނީ ޔާމީނަކީ ދުނިޔޭގައި ހުރި އިރު، ކޮންމެ އިންސާނަކަށް ވެސް ދިރިހުރުމުގެ ހައްގު ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރި މީހެއް ކަމަށެވެ. ދަރިފުޅަށް އެ ހައްގު ނުލިބުނަސް، މަންމަގެ ހައިސިއްޔަތުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށް، މަރިޔަމް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭގެ އަނެއް ބޭނުމަކީ މަރުގެ ދިޔައިން ޔާމީންގެ ނަމުގައި ކޮންމެވެސް ކަމެއް ކުރުމެވެ.

"އިންސާނީ ހައްގަށް ވަކާލާތު ކުރާ ކުއްޖެއް ޔާމީނަކީ،" މަރިޔަމް ބުންޏެވެ.

އެކަމަކު އިންޑިއާގައި މި ވަގުތު ހުރި ބައްޕަ ހުސެއިން ރަޝީދު ހަސަން ބުނީ އޭނާ ބޭނުންވަނީ މަރަށް މަރުހިފަން ކަމަށެވެ.

ހައިޝަމް އާއި ޒިހާންގެ މައްޗަށް ގާޒީ އާދަމް އިއްވެވީ މަރުގެ ދިޔައަށް 1.3 މިލިއަން ރުފިޔާ އެވެ. ސުޕްރީމް ކޯޓުގެ ހުކުމެއްގައި މަރުގެ ދިޔަ ކަމަށް ކަނޑައަޅާފައި އޮންނަނީ 1 މިލިއަން ރުފިޔާ ކަމަށް ވިޔަސް، ޔާމީން މަރާލުމުގެ އަމަލް ހިންގީ ހުރުމަތްތެރިވެގެންވާ ރޯދަމަހު ކަމަށް ވާތީ، 1 މިލިއަން ރުފިޔާގެ ތިން ބައި ކުޅަ އެއްބައި، އިތުރުކުރާ ގޮތަށް ކަނޑައެޅީ އެވެ.

ރާއްޖޭގައި އުމުރަށް ޖަލަށް ލުން ކަމަށް ބަލަނީ 25 އަހަރަށެވެ. އެހެންކަމުން ހައިޝަމް އާއި ޒިހާން ބަންދުގައި ހޭދަކުރި ބައި ކެނޑުމުން ބާކީ ދެން އޮންނާނީ 20 އަހަރާއި ތިން މަހާއި 19 ދުވަހެވެ. އެ މީހުން މިހާތަނަށް ބަންދުގައި ވަނީ 4 އަހަރާއި އަށް މަހާއި 11 ދުވަސް ހޭދަކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް