ގދ. އަތޮޅުގެ ފަޅު ރަށްތަކެއް ދުރުން ފެންނަ ގޮތް: ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ކޮންމެ އަހަރަކު ވެސް ރަށްރަށާއި ފަޅުތައް ދިގު މުއްދަތަށް ކުއްޔަށް ދޫކުރަން ހުޅުވާލާ (ފޮޓޯ/އަލީ ރަފީގް)

އަތޮޅުތައް

ބަޖެޓަށް އާމްދަނީ ހޯދަން ރަށްތައް ވިއްކުން ހުއްޓާލަން ގޮވާލަނީ ކީއްވެ؟

ކޮންމެ އަހަރަކު ވެސް ޓޫރިޒަމަށް ގުދުރަތީ ވަސީލަތްތަކެއް ވިއްކާލަން ހުޅުވާލުމަކީ ހަރަދުތައް ފޫބައްދަން ގެންގުޅޭ ގެއްލުން ބޮޑު ސިޔާސަތެއްގެ ގޮތުގަައި ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުން

ފަޅުރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދޫކުރަމުންދާ ގޮތުން މުނާ މުހައްމަދަށް ބޮޑު ދެ މައްސަލައެއް ފެނިވަޑައިގަންނަވަ އެވެ؛ އާއްމުން މަހުރޫމްވާ ގޮތަށް އެއް ފަރާތަކަށް ރަށް ދިނުމާއި ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމުގެ މައިގަނޑު ގޮތަކަށް ރަށް ވިއްކުމެވެ. ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހަމަހަމަ އަދި ދެމެހެއްޓެނިވި ގޮތުގައި މެނޭޖުކުރަން ބާރުއަޅާ ޖަމިއްޔާ، ލޭންޑް ސީ މޯލްޑިވްސްގެ ކޯ-ފައުންޑަރު މުނާ ގަބޫލުކުރައްވާ ގޮތުގައި މިއީ ބަދަލުވާން ޖެހޭ ދެ ކަމެވެ.

ރަށެއް އޮތް ގޮތަށް އެންމެ ފަރާތަކަށް، އެންމެ ބޭނުމަކަށް ދިނުން މިހާރުން ފެށިގެން ހުއްޓާލަން ލޭންޑް ސީ މޯލްޑިވްސް އިން ގޮވާލަ އެވެ. މުނާ ވިދާޅުވި ގޮތުގައި ރަށްތައް ދޫކުރަންވީ، އެ ރަށެއް އޮތް އަތޮޅުގެ އިގްތިސޯދާ ގުޅުވާލައި އާއްމުންގެ ބޭނުންތައް ވެސް އޭގެ ތެރެއިން ފުއްދޭނެ ގޮތަކަށެވެ. އޭރުން، އާއްމުން އަމިއްލައަށް ވެސް އާމްދަނީ ހޯދާނެ އެތައް ގޮތެއް ނެރޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ލޭންޑް ސީ މޯލްޑިވްސްގެ އަނެއް ގޮވާލުމަކީ ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދުމުގެ މައި މަގެއްގެ ގޮތުގައި ރަށްތައް ދޫކުރުން ހުއްޓާލުމެވެ. ސަބަބަކީ، މުނާ ވިދާޅުވި ގޮތުގައި، ފަޅުރަށްތަކަކީ އާއްމުންނަށް ނުހަނު ބޮޑަށް ބޭނުން ޖެހިފައިވާ، މަދުން ހުރި ވަސީލަތަކަށް ވުމުގެ އިތުރުން، ރަށްތައް ވިއްކައިގެން ހޯދާ ފައިސާ ހަމަހަމައަށް ބެހިގެން ނުގޮސް، ބޮޑު ބައި މާލެ ސަރަހައްދަށް ހަރަދުކުރުމުގެ ގެއްލުން ބޮޑުވުމެވެ. 

"ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދަން [ކުރާ ކަމަކަށް] މި އޮންނަނީ ބިން ވިއްކުން، ކުއްޔަށް ދިނުން ނުވަތަ ތަނެއް ހަލާކުކުރުން. ދެން ބަޖެޓުކޮށްގެން ބޮޑަށް މި ކުރާ ކަމަކީ އެ ލިބޭ ލާރި، މާލެ ތޮއްޖައްސަން ބޭނުންކުރުން،" މުނާ ވިދާޅުވި އެވެ.

މުނާ: ރާއްޖެ ތަރައްގީކުރަން ޖެހޭ ރަނގަޅު ގޮތާއި ރައްޔިތުންނަށް ހެޔޮ ގޮތް އިސްކުރާ ނަމަ، ކޮންމެ އަހަރަކު ގުދުރަތީ އަގުހުރި ވަސީލަތްތަކެއް ވިއްކާލަން ނުޖެހޭނެ ކަމަށް ވިދާޅުވި

ސަރުކާރުގެ ހަރަދުތައް ހަމަޖައްސައި ވައުދުތައް ފުއްދުމަށް އެއްފަހަރާ ބޮޑެތި އަދަދުތަކުން ފައިސާ ހޯދަން ކޮންމެ އަހަރަކު ވެސް އާ ރަށްރަށާއި ފަޅުތައް ބީލަމަށް ހުޅުވާލަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ވެސް، އާމްދަނީ އިތުރުކުރުމަށް، ދައުލަތުގެ ހަރަދުގައި ހިއްކާފައިވާ ބިން އަމިއްލަ ފަރާތްތަކަށް ވިއްކުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހަތަރު ރަށް ހިއްކައި ވިއްކުމާއި ރިސޯޓު ތަރައްގީކުރުމަށް ރަށް ދޫކުރުން ހިމެނެ އެވެ. 

އަންނަ އަހަރު އާމްދަނީ އިތުރުކުރުމަަށް ބަޖެޓުގައި ހުށަހަޅާފައިވާ އާ ކަންތައްތަކުގެ ތެރޭގައި:

  • ޓޫރިޒަމަށް ބިން ދޫކޮށްގެން 148 މިލިއަން ރުފިޔާ

  • ރިއަލް އެސްޓޭޓް ޓޫރިޒަމުން 231.3 މިލިއަން ރުފިޔާ

  • ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ

ދިވެހިން ބޭނުންވާ އިގްތިސޯދާއި ދުޅަހެޔޮ ދިރިއުޅުމާއި ވެއްޓާ ރައްޓެހި ދިރިއުޅުމަކަށް ބޭނުންވާ ކަންކަން ގެންނަން އެ ބުނާހާ ފައިސާއެއް ބޭނުމެއް ނުވާނެ. އެކަމަކު މާލެ ތޮއްޖައްސަން ވަރަށް ބައިވަރު ލާރި ބޭނުންވޭ

މުނާ

ބަޖެޓަށް ފައިސާ ހޯދަން ރަށްތައް ކުއްޔަށް ދިނުން މަޑުޖައްސާލަން ތާއީދުކުރައްވާ އަނެއް ބޭފުޅަކީ އާތިފް ޝަކޫރެވެ. އިގްތިސޯދު ދިރާސާކުރައްވާ ތަޖުރިބާކާރު ގެންދަވަނީ އެކަމާ ބެހޭ ގޮތުން ލިޔުއްވައި އަދި ވާހަކަދައްކަވަމުންނެވެ. 'ދައުރު'ގެ 'ސީދާ' ޕޮޑްކާސްޓަށް ދެއްވި އިންޓަވިއުއެއްގައި އާތިފް ވިދާޅުވީ ބަޖެޓު ފޫބެއްދުމުގެ 'ބެކަޕް'ގެ ގޮތުގައި 'ރަށްތަކެއް ވިއްކާލާފައި ސަލާމަތްވުން' އެއީ މިހާރު "ވިސްނަން ވެއްޖެ" ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ރަށްތަކަކީ ހަމައެކަނި މި ޖީލުގެ މިލްކެއް ނޫނެވެ.

"އަޅުގަނޑުމެންގެ މިއަދުގެ އެޕެޓައިޓަށްޓަކައި މި ރަށްތައް ވިއްކައި 50 އަހަރަށް ދޫކޮށް ހުސްކޮށްލީމާ ކޯއްޗެއްތޯ އޮންނާނީ؟" އާތިފް ސުވާލުކުރެއްވި އެވެ.

އާތިފް ޝަކޫރު: ޓޫރިޒަމް ފުޅާކުރުމުގެ ދުވެލި މާ ހަލުވި ނޫންތޯ ސުވާލުކުރައްވާ

އާތިފްގެ ސަބަބުތައް

އާތިފްގެ 'މޯލްޑިވްސް އިކޮނޮމިކް ރިވިއު'ގެ މިިދިޔަ ސެޕްޓެމްބަރުގެ އަދަދުގައި އޭނާ ވަނީ ބަޖެޓަށް ފައިސާ ހޯދަން ރަށްތައް ކުއްޔަށް ދިނުމާ މެދު އިތުރަށް ވިސްނަން ވަކާލާތުކުރައްވާ ސަބަބުތައް ލިޔުއްވައިފަ އެވެ. އާތިފް ފާހަގަކުރައްވާފައިވާ ގޮތުގައި:

  • ރާއްޖޭގެ ޓޫރިޒަމަށް މިވީ ބައި ގަރުނު ތެރޭ ރާއްޖެއަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވި ނަމަވެސް އެ މުއްސަނދިކަން އާބާދީގެ ބޮޑު ބަޔަކަށް ނުފޯރަ އެވެ. ރާއްޖޭގެ އާބާދީ ތެރޭ އާމްދަނީ ބެހިފައިވާ ގޮތަށް ބަލާ އިރު، މަދު ބަޔަކަށް ލިބޭ އާމްދަނީ ބޮޑުވެފައި ގިނަ ބަޔަކަށް ލިބޭ އާމްދަނީ ދަށެވެ. އާތިފް ހަވާލާދެއްވާފައިވާ ވޯލްޑް ބޭންކުގެ 2016ގެ އަންދާޒާ އިން އެނގޭ ގޮތުގައި ރާއްޖޭގެ އާމްދަނީގެ ހަތަރުބައިކުޅަ އެއްބަޔަކީ އެންމެ މުއްސަނދި %10 މީހުންގެ އާމްދަނީ އެވެ. އަދި ގައުމުގެ އާމްދަނީގެ %40 ވަރު، އެންމެ މުއްސަނދި %20 މީހުންގެ އަތްމައްޗަށް ދާއިރު، އެންމެ ދަށްކޮށް އާމްދަނީ ލިބޭ %10 އަށް ބެހިގެންދަނީ ރާއްޖޭގެ އާމްދަނީގެ އެންމެ %3.4 އެވެ. 

  • އިގްތިސޯދު ފުޅާނުކޮށް އޮވެ، ޓޫރިމަށް ބަރޯސާވާ މިންވަރު ހައްތަހާ ބޮޑުވަމުންދާ އިރު ޕްރައިމަރީ އިންޑަސްޓްރީތައް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަން ދަނީ ވަޅުޖެހެމުންނެވެ.

  • ޓޫރިސްޓު އެނދުތައް އިތުރުކުރަމުންދާ ބާރުމިނުގައި ޓޫރިސްޓުން އިތުރުވަމުންނެއް ނުދެ އެވެ. އެހެންކަމުން އާތިފް ވަނީ، ޓޫރިޒަމް ފުޅާކުރުމުގެ ދުވެލި މާ ހަލުވި ނޫންތޯ ސުވާލުކުރައްވައިފަ އެވެ.

  • ކޮވިޑުގެ ހާލަތާ އެކު އިންވެސްޓަރުންގެ ޝައުގުވެރިކަން ކުޑަވުމުން، ނުއަގުގައި ރަށްތައް ވިއްކަން ވަނީ ފަށައިފަ އެވެ. ޓޫރިޒަމަށް ދޫކުރަން ޑިސެމްބަރު 2019ގައި ހުޅުވާލި 23 ރަށަށް، މުއްދަތު ހަމަވި އިރު ބިޑު ހުށަހެޅީ އެންމެ ފަރާތަކުންނެވެ. އެކަމަކު މި އަހަރު ވެސް ސަރުކާރުން 16 ރަށެއް ބީލަމަށް ލީ އިރު، އެ ރަށްތަކަށް ހުށަހެޅޭނެ އެންމެ ކުޑަ އަގުން %30ގެ ޑިސްކައުންޓެއް ވަނީ ދީފަ އެވެ. އާތިފް ފާހަގަކުރައްވާފައިވާ ގޮތުގައި، މި އަހަރާއި ކުރިއަށް އޮތް ދެ އަހަރު ވެސް، ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން ބޮޑެތި އަދަދުތަކުން އާމްދަނީ ހޯދާނެ ކަމަށް ސަރުކާރުން ބުނަމުންދަނީ އިންވެސްޓަރުންގެ ޝައުގުވެރިކަން ކުޑަކަން ފެންނަން ހުއްޓަ އެވެ.

  • އާތިފް ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި ޓޫރިޒަމް ތަރައްގީކުރުމާއި ޓޫރިޒަމަށް އިންވެސްޓްކުރުމުގެ ރަން ޒަމާން ފަނޑުވާން ފެށިތާ 15 އަހަރު ވެއްޖެ އެވެ. އިންވެސްޓްމެންޓްގެ އަގު އަނބުރާ ލިބޭ މުއްދަތު ތިން އަހަރުން 10 އަހަރަށް ވަނީ އިތުރުވެފަ އެވެ. އަދި ތަރައްގީކުރަން ފަށާފައިވާ ރަށްތަކުގެ ލިސްޓުގައި، އިންވެސްޓަރަކު ނެތްތާ 10 އަހަރު ވެފައިވާ ތަންތަން ވެސް ހުރި އިރު، އެއީ ދައުލަތަށް އެއްވެސް އާމްދަނީއެއް ލިބޭ ރަށްތަކެއް ނޫންކަން އާތިފް ފާހަގަކުރެއްވި އެވެ.

  • ޓޫރިޒަމަށް ރަށްތައް ދޫކުރާ ގޮތުން، ގުދުރަތީ ވަސީލަތްތަކުން އާއްމުން މަހުރޫމްވެގެންދާތީ އާއި ރިސޯޓުތަކުގެ މުވައްޒަފުންނާ މެދު އިހާނެތިކޮށް ކަންތައް ކުރާތީ އާއްމުން މިހާރު ތިބީ ރުޅިއައިސްފަ އެވެ.

  • ޓޫރިޒަމް އިންޑަސްޓްރީއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން ރާއްޖޭގެ އިގްތިސޯދަށް ވަންނަނީ ކުޑަ އެއްޗެއް ނަމަވެސް އެ މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން މިހާތަނަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

'ބަޖެޓު ބޮޑުކުރަން ޖެހެނީ މާލެ ތޮއްޖައްސަން'

ރަށް ވިއްކައިގެން ބަޖެޓަށް ފައިސާ ހޯދަން ޖެހެނީ ހިދުމަތްތައް ދިނުމަށާއި އާއްމުންނަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށްކަން އެއީ މުނާ ޗެލެންޖުކުރައްވާ ވާހަކައެކެވެ. އޭނާ ވިދާޅުވަނީ ރާއްޖެ ތަރައްގީކުރަން ޖެހޭ ރަނގަޅު ގޮތާއި ރައްޔިތުންނަށް ހެޔޮ ގޮތް އިސްކުރާ ނަމަ، ގުދުރަތީ އަގުހުރި ބޮޑެތި ވަސީލަތްތަކެއް ކޮންމެ އަހަރަކު ވިއްކާލަން ނުޖެހޭނެ ކަމަށެވެ.

"ދިވެހިން ބޭނުންވާ އިގްތިސޯދާއި ދުޅަހެޔޮ ދިރިއުޅުމާއި ވެއްޓާ ރައްޓެހި ދިރިއުޅުމަކަށް ބޭނުންވާ ކަންކަން ގެންނަން އެ ބުނާހާ ފައިސާއެއް ބޭނުމެއް ނުވާނެ. އެކަމަކު މާލެ ތޮއްޖައްސަން ވަރަށް ބައިވަރު ލާރި ބޭނުންވޭ،" މުނާ ވިދާޅުވި އެވެ.

ދެތިން ކަމަކުން އޭނާ މިސާލު ދެއްކެވި އެވެ؛ މާލެ ސަރަހައްދުގައި އަދިވެސް ބިން ހިއްކައި އިތުރު ބިޔަ މަޝްރޫއުތައް ހިންގަން ހޭދަކުރާ ފައިސާ އެވެ. ދައުލަތުގެ ހުރިހާ އޮފީސްތަކެއް މާލޭގައި ހިންގަން ދައްކާ ބޮޑު ކުއްޔެވެ. މާލޭގައި މުސާރައިގެ ބޮޑު ބައި ގެދޮރުގެ ކުއްޔަށް ދޭން ޖެހޭތީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބޭނުންވާ ފައިސާ އެވެ.

"އެ އިގްތިސޯދު ހިންގަން ވަރަށް ލާރި ބޭނުންވާނެ. އެއީ މިހާރު އޮތް ގޮތަށް ދަމަހައްޓަން. އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުންވާ މުސްތަގުބަލަށް ފަހި އިގްތިސޯދެއް ގެންނަން އެއަށް ވުރެ މަދުން ލާރި ބޭނުންވާނީ،" މުނާ ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވަނީ، ކަންކަން އިސްލާހުކުރުމުގެ ރަނގަޅު ބައެއް ސިޔާސަތުތަކާއި ފިޔަވަޅުތައް ދޭތެރެދޭތެރެ އިން އަޔަސް، ސަރުކާރުން ބޮޑަށް ބާރުލަނީ "ރަނގަޅު ކަންތަކަކަށް ނޫން" ކަމަށެވެ. 

"ބިން ވިޔަސް، ފައިސާ ވިޔަސް ޕުޝް މި އަންނަނީ ނުބައި ކަންކަމަށް. ސެންޓްރަލައިޒްކޮށް ތޮއްޖެއްސުމަށް. އެއީ މައްސަލައަކީ،" މުނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް