ރިސޯޓް ހަދަން ފަޅެއް ހިއްކާފައި: ބަޖެޓް ހަމަޖައްސަން ރަށްރަށާއި ފަޅުތައް މިހާރު ވިއްކޭނެކަމުގެ ޔަގީންކަން ކުޑަ

އިގްތިސާދު

އާތިފުގެ ވާހަކާގައި ހަގީގަތް އެބަ ހުރި، އެކަމަކު ވިސްނޭނެ ބާ؟

އާތިފް ވިދާޅުވަނީ އިންފްލޭޝަނެއްގެ ތެރެއަށް ގައުމު ވަދެގަންނަ އިރު ދައުލަތުގެ ބަޖެޓާ މެދު އަލުން ވިސްނަން ޖެހޭނެ ކަމަށް
6 ޑިސެމްބަރު 2021
1

ސަރުކާރުން އަލަށް އެކުލަވާލި ބިޒްނަސް ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި އިބްރާހިމް އާތިފް ޝަކޫރު ވަރަށް މުހިންމު ވާހަކައެއް ވިދާޅުވާން އޮތެވެ: އިންފްލޭޝަން އެވެ. އޭނާގެ އެ ކަންބޮޑުވުން ހިއްސާކުރެއްވުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ކައުންސިލްގެ އެހެން ބައިވެރިންގެ ކުރިމަތީގައި، ފާހަގަކުރެއްވީ އިންފްލޭޝަންގެ ވާހަކަ އޭނާ ކައިރީގައި ވެސް އާތިފް ދައްކަވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެ ކަމެވެ.

އާތިފް ގެންދަވަނީ ދިރާސާތައް ހައްދަވަމުންނެވެ. ބަލަބަލާ ތިއްބާ އިންފްލޭޝަނަކުން އާންމުންގެ އާމްދަނީގެ އަގު ވެއްޓޭނެ ކަހަލަ ބަދަލުތަކެއް ދުނިޔެއާ މިހާރު ކުރިމަތިވެއްޖެކަން އެނގެ އެވެ. އަދި އޭގެ ނުބައި އަސަރު، ކުރިން 30ރ އަށް ގަންނަން ލިބުނު ފިނިކުރި ކުކުޅު ކިލޯއެއްގެ އަގު 60ރ އަށް އެރުމުން، ހަގީގަތުގައި ވެސް ފޯރައިފިކަން ސާބިތުވެ އެވެ. އެއީ އެއްވެސް ހެއްކެއް ނެތި އާތިފް ދެއްކެވި އަދި ދައްކަވަމުން ގެންދަވާ ވާހަކަތަކެއް ނޫނެވެ.

އިންފްލޭޝަން މައްޗަށް ދާން މި ފެށީ ކޮވިޑް-19ގެ އިގުތިސާދީ މަރުބަލިން ރާއްޖެ ސަލާމަތްވާން ދަނިކޮށެވެ. އެކަމަކު މިއީ ހަމައެކަނި ރާއްޖޭގެ އިގުތިސާދުގައި ހުރި މައްސަލަތަކުން ކުރިމަތިވާ އިންފްލޭޝަނެއް ނޫނެވެ. ދުނިޔޭގެ ބާޒާރަށް އައި އެކި ކަހަލަ ލޮޅުންތަކުން ރާއްޖެއަށް ވެސް 'އެތެރެކުރާ އިންފްލޭޝަނެކެ'ވެ. ނަމަވެސް މި އިންފްލޭޝަން ވީހާވެސް ބޮޑަކަށް ކޮންޓްރޯލްކުރަން ސަރުކާރަށް ކުރެވިދާނެ ކަންކަން ހުރެ އެވެ.

މިސާލަކަށް މަހަކު 4،500ރ ލިބޭ މީހެއްގެ މުސާރައިން ގަނެވޭ އެއްޗިއްސާއި ހޯދޭ ހިދުމަތް، އިއްޔެއަށް ވުރެ މިއަދު މަދުވެއްޖެ ނަމަ އާންމު މީހާގެ ހިތުގައި ޝަކުވާތަކެއް އުފެދިދާނެ އެވެ. އިންފްލޭޝަން %5 އަށް މައްޗަށް ޖެހިލައިފި ނަމަ އެ މުސާރައިން ގަނެ އަދި ހިދުމަތް ހޯދޭނީ 4،250ރއަށް ވާ ވަރަށެވެ. އަނެއް ބައި އެ ދިޔައީ އެއްޗެހީގެ އަގު ބޮޑުވި ތަނަށެވެ. އާތިފް އެކަން ސިފަކުރައްވަނީ "ކުއްލިއަކަށް މުސާރަ ދަށްވުމެކޭ އެއްވަރުގެ ކަމެއް'ގެ ގޮތުގަ އެވެ. 

ތެދެކެވެ. އާންމުންގެ ޝަކުވާއަކަށް އަބަދުވެސް ވާނީ އެއްޗެއް ގަންނަން ގޮސް އަގު ބޮޑުވުމެވެ. އަތުގައި އޮތް ލާރިކޮޅަށް ކުރިން ގަނެވުނު ވަރަށް އެއްޗެހި ނުގަނެވުމެވެ. އޭގެ ސަބަބަކީ، އިންފްލޭޝަންކަމެއް އާންމު މީހާއަށް ނޭނގިދާނެ އެވެ.

އެކަމަކު އިގުތިސާދު ދިރާސާކުރާ މީހުންނަށް އެކަން އެނގެ އެވެ. އާތިފަށް އެނގިވަޑައިގަތީ ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް މުދާ ގެންދިއުމުގެ ނިޒާމަށް، މިދިއަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އައި ބޮޑު ލޮޅުމުގެ އަސަރު ރާއްޖެއަށް ވެސް އަންނާނެ ކަމެވެ. 

"ލޮޖިސްޓިކަލީ މީތި ހުރި ތަނެއް އޭތި ހުރި ތަނެއް ދިމައެއް ނުވޭ. ފުރަން އޮންނަ ބޯޓަށް އަރަން ޖެހޭ މުދާ ހުރީ މާ ދުރުގައި،" ދުނިޔޭގެ ޕޯޓްތައް ފުރި، އެކި ތަންތަނަށް މުދާ ފޮނުވަން ދިމާވެފައިވާ ބޮޑެތި ހުރަސްތަކުގެ މިސާލެއް ނަންގަވަމުން އާތިފް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ޓާފު ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގަންނަވަނީ: ނުލިބޭ ފައިސާއިން ހުވަފެންތައް ހާސިލްކުރަން ހޭދަކުރެވޭނީ ކިހާ ދުވަހަކު؟ (ފޮޓޯ/ރައީސް އޮފީސް)

ކުކުޅު ކިލޯއެއްގެ އަގު މި ފަހުން 60ރ އަށް އެރީ ރާއްޖެ އެތެރެކުރާ ކުކުޅު ރާއްޖެއާ ހިސާބަށް ފޯރަން ނެގި މުއްދަތާ ހުރެ އެކަންޏެއް ނޫނެވެ. ބޯޓުފަހަރުން ނަގާ ފީ ވެސް މިހާރު ވަނީ އެތައް ތަނެއް ބޮޑުވެފަ އެވެ. އާތިފް ވިދާޅުވި ގޮތުގައި އެމެރިކާ އާއި ޗައިނާއާ ދެމެދު މުދާ އުފުލުމުގެ އަގު ހަތް ގުނައަށް މައްޗަށް ހިނގައްޖެ އެވެ. ރާއްޖެއަށް ބޯޓުފަހަރުގައި މުދާ ގެނެސްދޭ އަގު ކުރިއާ އަޅާބަލާއިރު ތިން ގުނަ މައްޗެވެ.

މި ހުރިހާ ކަމަކުން ދައްކައިދެނީ، އާތިފް 'މިހާރު'ނޫހުގައި ޖެހި ކޮލަމެއްގައި ސިފަކުރެއްވި ގޮތުގައި، 'މަތީގައި ދުރުން ފެންނަން ހުރި ވިލާތައް އެކުވެ، އިންފްލޭޝަންގެ ވިއްސާރަ ހަދައި، ވިލާގަނޑުގެ ވައި އައިސް، ކެރީގެ އަސަރު ފޯރައި، އިމްޕޯޓަޑް އިންފްލޭޝަންގެ ނޭދެވޭ އަސަރު ދިވެހި އިގްތިސާދަށް ކުރަން ފަށައިފި' ކަމެވެ.

ބަޖެޓަކީ އިތުރު ބުރައެއް

އިމްޕޯޓެޑް އިންފްލޭޝަންއަކީ ރާއްޖޭގެ އެތެރެއިން އުފެދޭ އިންފްލޭޝަނެއް ނޫނެވެ. އެއީ ބޭރުން ގެންނަން ޖެހޭ އެއްޗެހި ގެނައުމުގައި ދިމާވާ މައްސަލަތަކުން އަންނަ އިންފްލޭޝަނެކެވެ. ބޭރުގައި ވެސް އެއްޗެހީގެ އަގު ބޮޑުވުމެވެ. އެހެންކަމުން މިކަން ހައްލުކުރަން މާލީ އިދާރާތަކަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަމަށް، އާތިފް ގަބޫލުކުރައްވަ އެވެ. އެކަމަކު މިކަހަލަ ދަނޑިވަޅެއްގައި ގައުމުގެ ބަޖެޓް ބޮޑު ތަނުން ދަރަނިކޮށް، އެ ދަރަނީގެ މައިގަނޑު އެއް އަމާޒަކީ އުފެއްދުންތެރިކަން އިތުރުނުކުރެވޭނެ ކަންކަމަށް ބޮޑެތި ހޭދަކުރުން ކަމަށް ވާ ނަމަ އެއީ، އާތިފްގެ ނަޒަރުގައި، ސަރުކާރުން ވިސްނަން ޖެހޭނެ ކަމެކެވެ.

އުފެއްދުންތެރި ނޫން ހޭދަތަކަކީ، ރާއްޖޭގައި ނަމަ، ސިޔާސީ މަންފާތަކެއް ހޯދަން ހިންގާ މަޝްރޫއުތަކެވެ. އޭގެ ސަބަބުން އިގުތިސާދީ ހަރަކާތްތަކަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބޭނެ މަޝްރޫއުތަކެވެ. އެކަމަކު ފުޓްބޯޅަ ދަނޑު ހެނދުން، މަގުތައް ހެދުން، ބަނދަރުތައް ހެދުން، ބިން ހިއްކުން ފަދަ މަޝްރޫއުތައް މަދުކޮށްގެން ސަރުކާރަށް ސިޔާސީ ގޮތުން ލިބޭނެ ގެއްލުން ބޮޑުވާނެ ނޫންހޭ، 'ދައުރު'ގެ 'ސީދާ' ޕޮޑްކާސްޓްގައި ސުވާލުކުރުމުން، އެއަށް ޖަވާބެއް ދެއްވާކަށް އާތިފް ބޭނުމެއް ނުވި އެވެ. ސިޔާސީ ވާހަކަ ނުދައްކަވަންވެގެން އޭނާ ވިދާޅުވީ "ޕޮލިޓިކަލް އިމްޕެކްޓް' އެއީ 'އަޅުގަނޑަށް މާނަ ވެސް ނޭނގޭ ބަހެއް' ކަމަށެވެ.

އެކަމަކު އިގުތިސާދީ އުފެއްދުންތެރިކަން ނެތް ކަންކަމަށް މި ވަގުތު ބޮޑެތި ހޭދަތައް ކުރަން ފައިސާ ޗާޕްކުރުމާއި ދަރަނި ބޮޑު އަންނަ އަހަރުގެ ބަޖެޓާ މެދު އަލުން ވިސްނުން މުހިންމުކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އިންފްލޭޝަން މައްޗަށް ދިއުމުން އާންމުންގެ އާމްދަނީން ގަނެވޭނީ ކުރިއަށް ވުރެ މަދު އެއްޗެއް

"ބަޖެޓްގެ ހަރަދުތަކާ ބެހޭ ގޮތުން އަލުން ވިސްނާލަން ހިނގާށޭ. އެއީ އިންފްލޭޝަން ފެންނާތީ،" އާތިފް އެ ދައްކަވާ ވާހަކއިގެ މައިގަނޑު މަގުސަދު ވިދާޅުވި އެވެ.

"މި ހާލަތުގައި ހިންގަވާށޭ ކެރިގެން، އޯޕަންކޮށް މި ބަޖެޓާ މެދު އަލުން ވިސްނަން."

ކޮވިޑް-19 ކުރިމަތިވުމާ އެކު ސަރުކާރުގެ ހަރަދުތައް ބޮޑުކުރަން އާތިފް ތާއީދުކުރެއްވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ޓޫރިސްޓުން އައުން ހުއްޓުމުން ދެން އޮންނާނީ އާންމު މީހާ ކޮޅަށް ހުރެވޭނެ ގޮތް ހަދައިދިނުމެވެ: އާންމު މީހާ ކޮޅަށް ނުތެދުވެވި އިގުތިސާދެއް ވެސް ނޯންނާނެ އެވެ. އެހެންކަމުން އެ ދަނޑިވަޅު ދެވެން އޮތީ ހަމައެކަނި ސަރުކާރުން އެހީތެރިކަމެވެ. އެ ނިޔަތުގައި އިތުރަށް ފައިސާ ޗާޕްކޮށްގެން ނަމަވެސް، އަދި އުފެއްދުންތެރިކަން ނެތް ޕްރޮޖެކްޓްތައް ހިންގައިގެން އާންމުންގެ ތެރޭގައި ދައުރުވާ ފައިސާ ގިނަކުރުން ވިޔަސް، އޭގައި މައްސަލައެއް ނެތެވެ. އެކަމަކު އާތިފް ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ އިގުތިސާދު ކޮޅަށް ދެމިލައިފި އެވެ.

މިކަން "މިނަންވާނީ އެ ދުވަހާއި މިދުވަސް ތަފާތުކޮށް. އެ ދުވަހު ފްލައިޓްތައް ހުއްޓުނީމާ އިގުތިސާދު ބަނޑުޖެހީ ނޫންތޯ. އެކަމަކު މިއަދު މިއީ އެ ދުވަހެއް ނޫން،" އާތިފް ވިދާޅުވި އެވެ.

ބަޖެޓް ބޮޑުކުރިޔަސް ލިބޭނެ ކަމަށް ބަލާ އާމްދަނީ ނުލިބުމުގެ ފުރުސަތު ވެސް މިހާރު އަދި މާ ބޮޑެވެ. މިސާލަކަށް ކުރިން ނަމަ ރިސޯޓެއް ހަދަން ރަށްތަކެއް ވިއްކާލެވޭނެ ކަމުގެ ޔަގީންކަން އޮވެ އެވެ. އެކަމަކު މިހާރު މި އުޅެނީ 10 ރަށް ބާޒާރަށް ނެރުމުން ދެ ރަށް ވެސް ނުވިކިގެންނެވެ. އަދި އެގޮތަށް ރަށްރަށް ވިއްކުމުގައި މިހާރު އާންމުންގެ ތެރޭގައި އޮތް ވިސްނުން ވެސް ތަފާތެވެ.

އިބްރާހިމް އާތިފް ޝަކޫރު: އިގުތިސާދު ދިރާސާކުރުމާއި ލިއުންތެރިކަމުގެ ތެރެއިން އާންމުންނަށް މައުލޫމާތު ފޯރުކޮށްދެއްވާ

އާތިފްގެ ބަހުން ނަމަ ރިސޯޓް ހެދުމަކީ 'ރައްޔިތުންގެ ދިިރިއުޅުމުގެ ހުރިހާ ކަމަކަށް ނަފާވާ ކަމެއްގެ ގޮތުގައެއް މިހާރު ނުބެލެވެ' އެވެ. އޭގެ މިސާލަކީ ކައިރީގައި ހުރި ރަށްރަށް ރިސޯޓް ހަދަން ދިނުމުން އާންމުން ދަތުރު ގޮސް ހަދާނެ ތަންތަން ނެތުމުގެ އުނިކަން ވެސް މިހާރު ވިސްނުމެވެ. އަދި ރިސޯޓްތަކުގެ ވެރިން މުވައްޒަފުންނާ މެދު ކަން ކުރާ ގޮތުން، ކުރިން ޓޫރިޒަމާ މެދު އާންމުން ކުރި އުއްމީދު ވެސް މިހާރު ނުކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން ސަރުކާރުން ބޭނުންހާ ވަރަކަށް ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ދިގު މުއްދަތަށް އެކި ފަރާތްތަކަށް ވިއްކުމުގެ ގެއްލުން އާންމުންނަށް މިހާރު އިހުސާސްކުރެވޭކަން، އެބަ އެނގެ އެވެ. އޭގެ މާނައަކީ ސަރުކާރުން ރަށެއް ވިއްކަން އިއުލާންކުރުމުން ކޮންމެވެސް ސަބަބެއް ދައްކައި، އެކަމާ ދެކޮޅު ހަދާނެ ބަޔަކު އުޅޭނެ ކަމެވެ.

މި ހުރިހާ ކަމެއް އަސްލު ފެށެނީ ސިޔާސީ ހުވަފެންތަކުންނެވެ. އާތިފް ވިދާޅުވި ގޮތުގައި 'ރައްޔިތުން އަޑުއަހަން ބޭނުންހާ ވާހަކައެއް' ސިޔާސީ މީހުން ދައްކަމުން އަންނަތާ 'ވިއްސަކަށް އަހަރު ވެއްޖެ' އެވެ.

"ވެރިކަން ލިބުނީމާ ފިނޭންސް މިނިސްޓަރު ކައިރީގައި ބުނަނީ ކިތައް ރަށް ވިއްކާލައިގެންހޭ މިކަން ކުރެވޭނީ،" އާތިފް ވިދާޅުވި އެވެ.

އެގޮތަށް ކަން ކުރަނީ "ވަކި ސަރުކާރެއް ނޫން."

ނުލިބޭ އެއްޗަކަށް ބަޖެޓް ހަދައި، ނުކުރެވޭ ކަންކަމަށް ވައުދުވެ، ތަރައްގީގެ ނަމުގައި ހުވަފެންތައް ދައްކަދައްކާ މިތިބެވެނީ އެވެ. ބޭރުން އިންފްލޭޝަނެއް އަޔަސް އެއަށް ކުރެވެން ހުރި މަދު ކަމެއް ވެސް މި އޮންނަނީ ނުކުރެވި އެވެ. އެއަށް ވުރެ ގައުމުގެ ހާލަތު ދެރަ އެވެ.

ކޮމެންޓް (1)

އެމްއެމްޕީއާރުސީ

6 ޑިސެމްބަރު 2021
އެމްއެމްޕީއާރުސީގެ މައްސަލައިގައި އެނގިހުރެ ފިޔަވަޅު ނޭޅިކަމުގެ ދައުވާ ކުރެވޭ މީހާ މިހާރު ބިޒްނަސް ކައުންސިލަށް. އެއީ އަދީބު ކަންކުރިގޮތް މި ސަރުކާރުގެ ވެރިންނަށް ދަސްކޮއްދޭންތަ؟ ސާބަހޭ. ވައްސަލާމް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް