މަހުމޫދު އަނބޫބަކުރުގެ ހަށިގަނޑު ފެނުނު ވަޅު ސަރަހައްދު ފުލުހުން ޓޭޕް އަޅައި ބަންދުކޮށްފައި. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

މަހުމޫދުގެ މަރު

މަހުމޫދުގެ ހަށިގަނޑު ފެނުނީ އޭނާ ރޭނި ވަޅުން؛ ކައިވެނި ވެސް އޮތީ އެ ތަނުގައި

އެއީ މަހުމޫދު އުޅެ ބޮޑުވި އޭނާގެ މަންމަ ފަރާތު މާމަގެ ގެ؛ އެ ގެ މިހާރު ވަނީ މާމަގެ އެއްބަނޑު އެއްބަފާ މީހުންނަށް ބަހާފައި.
18 އޮކްޓޯބަރު 2021
1

އދ. ދަނގެތި - ތަނަވަސްކަމާއި ހިތްހަމަޖެހުމުގެ ހަޔާތެއް ވޭތު ކުރަމުން އައި މި ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މި ދުނިޔެ ދޫކުރީ އެއްވެސް މީހަކު ހީކުރި ގޮތަކަށެއް ނޫނެވެ. އަނިޔާވެރިޔަކު އޭނާ މަރާލީ އެއްވެސް ރަހުމެއް ނެތި އެވެ.

ބުރަ މަސައްކަތުގައި ދިރިއުޅުން ނަގާ ކޮޅަށް ޖެހި ވިޔަފާރިވެރިޔާގެ ގަޔަށް ވަޅި ހަރާ އޭނާ ވެއްދި ގެ އާއި ވައްޓާލާފައި އޮތް ވަޅު ވެސް އޭނާގެ ހަޔާތާ ގުޅެ އެވެ؛ އެއީ އޭނާ ރޭނި ވަޅެކެވެ. އޭގެ ކުރިން އޭނާގެ ކައިވެނި ހަފުލާ ބޭއްވީ ވެސް، ވަޅު ހުރި ހިސާބުގަ އެވެ.

އެއީ މަހުމޫދު އުޅެބޮޑުވި ގެ

މި ރަށުގެ ދުވަސްވީ މީހުންނާއި އާއިލާގެ ބައެއް މީހުން 'ދައުރު'އަށް ކިޔައިދިން ގޮތުގައި މަހުމޫދުގެ ހަށިގަނޑު ފެނުނު ވަޅު ހުރި ފަޅު ގޯއްޗަކީ އޭނާ އުޅެ ބޮޑުވި އަދި އޭނާގެ ޅަ އުމުރުގެ ދުވަސްތަކާ ގުޅިފައިވާ އޭނާގެ މަންމަ ފަރާތު މާމަގެ ގެ އެވެ. އެއީ މަހުމޫދުގެ އާއިލީ "ބިލެތް"ގެ އެވެ. ނަމަވެސް މީގެ 11 އަހަރު ކުރިން އެ ގެ ވަނީ މަހުމޫދުގެ މާމަގެ އެއްބަނޑު އެއްބަފާ އަށް މީހުންނަށް ބަހައިފަ އެވެ. ވަޅު ހުރި ތަނަކީ މާލޭގައި ވަޒަންވެރި ވެގެން އުޅޭ އަދި މަހުމޫދުގެ އާއިލާ މީހުން ކިޔާ ނަމުން ނަމަ "ދޮންބެ"އަށް ލިބުނު ބައެވެ. އެބައި ރަޖިސްޓްރީކޮށްފައި ވަނީ "މަންޒަރު" ގޭގެ ނަމުގަ އެވެ. 

ވަޅު ރޭނީ މަހުމޫދު

އެ ގޯތި ބެލެހެއްޓުމުގެ މަސައްކަތް ކުރާ މަހުމޫދުގެ ދެބެންގެ ދެދަރި މީހަކާ އިނދެގެން އުޅޭ އަލީ އާދަމް (އަލިފުޅުބެ) 'ދައުރު'އަށް ބުނީ ސުތުލި ގޯންޏަކަށް ލައި، މަހުމޫދުގެ ހަށިގަނޑު ބޯކޮޅު ވަތަށް ވައްޓާލާފައި އޮތް ވަޅު ރާނައި ދިނީ ދޮންބެގެ އެދުމަށް މަހުމޫދު ކަމަށެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން އެ ވަޅު ހެދުމުގެ ބޭނުމަކީ އެ ގޯތި ތެރޭގައި ހުރި އަނބު ގަހަކަށް ފެން ދޭން ފަސޭހައަކަށް ކަމަށް، އަލިފުޅުބެ ބުންޏެވެ. އެ ވަޅާ އިންވެގެން ކަހަލަ ގޮތަކަށް އެ އަނބުގަސް މިހާރު ހުރީ ހެދިފަ އެވެ. 

އަލިފުޅުބެ ބުނި ގޮތުގައި އެ ވަޅު އަބަދުވެސް ހުންނަނީ ސަތަރި އަޅާ މަތި ބަންދުކޮށްފަ އެވެ. އެގޮތަށް ހަދާފައި ހުންނަނީ އަނބުގަހުގެ ފަތްތައް ވަޅަށް އެޅި ވަޅު ހަޑިވާތީ އެވެ. އަލިފުޅުބެ ބުނީ ކޮންމެ ދުވަހަކު ހެނދުނު ކަހަލަ ގޮތަކަށް މިހާރު ވެސް ވަޅުން ފެން ނަގައިގެން ގަހަށް ފެންދޭ ކަމަށެވެ. މަހުމޫދުގެ ހަށިގަނޑު ފެނުނު ދުވަހު މަސައްކަތް ހުރި ގޮތުން ގަހަށް ފެން ދޭން އެދުވަހު އަލިފުޅުބެ އަށް ނުދެވުނީ ކަމަށް، އޭނާ ބުންޏެވެ.

މަހުމޫދު ގެއްލިގެން ހޯދުމުގެ މަސައްކަތުގައި އޭނާ ވެސް އަވަދިނެތި އުޅުނެވެ.

މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު އެއްލާލައިފައި އޮތް ވަޅު: މި ވަޅު ރޭނީ މަހުމޫދު. (ފޮޓޯ/އިސާމް އާދަމް)

"އޭރުވެސް އަޅުގަނޑު ހިތަކަށް ނާރާ މި ވަޅު ބަލާކަށް. އެ ދުވަހު ފެން ދޭން އައި ނަމަ ކުރީ ބައިގައި ފެނުނީސް،" އަލިފުޅުބެ ބުންޏެވެ.

"އަޅުގަނޑުމެން ފުރަތަމަ ބެލީ ވަލުތެރެ އާއި އެކަހަލަ ތަންތަން."

އަލިފުޅުބެ ބުނި ގޮތުގައި ވަލުތެރެ އާއި ރަށުގެ އެކި ތަންތަން ބަލައިގެން ވެސް މަހުމޫދު ނުފެނުމުން ދެން ފަޅު ގޯތި ފަދަ ތަންތަން ބަލަން ފެށި އެވެ. ގުރޫޕްތަކަކަށް ބަހާލައިގެން ރަށުގެ ރައްޔިތުން މަހުމޫދު ހޯދަމުން ދަނިކޮށް ވަޅު ތެރެއިން އޭނާގެ ހަށިގަނޑު ފެނުނީ ރަށުގެ އަންހެން ގުރޫޕަކަށެވެ. އެ މީހުން އެންމެ ފުރަތަމަ ކުޑަކޮށް ސަތަރިގަނޑު ހިއްލައިލާ ބެލިއިރު ވަޅު އަނދިރިކަމުން ރަނގަޅަށް ނުފެންނާތީ ސަތަރިގަނޑު އެއްކޮށް ނެގީ ކަމަށާއި ހަށިގަނޑު ފެނުނީ އެވަގުތު ކަމަށް، އަލިފުޅުބެ ކިޔައިދިނެވެ.

"އެ މީހުން ހަޅޭއްލަވައި ގަތުމުން އެހެން މީހުންނަށް އެނގުނީ. އެއާ އެކު އަޅުގަނޑު ވެސް ދުވެފައި އައިސް ބެލި އިރު އަތް ވެސް ފުރަގަހަށް، ފައި ވެސް ފެންނަން އޮތް. މުޅި ވަޅު އޮތީ ލޭގަނޑެއްހެން،" އަލިފުޅުބެ ބުންޏެވެ.

މަހުމޫދު އަބޫބަކުރުގެ މަހާނަ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މަހުމޫދުގެ ކައިވެނި ޕާޓީ، އޭރަށް ބަލާއިރު ވަރަށް ތަފާތު

މި ރަށުގެ ދުވަސްވީ މީހުން ބުނި ގޮތުގައި މަހުމޫދުގެ ދެ ވަނަ ކައިވެނި ޕާޓީ، ބޭއްވީ ވެސް ވަޅު ހުރި ތަނުގަ އެވެ. އެއީ 1980ގެ އަހަރުތަކުގެ ކުރީކޮޅު ކަމަށް، ހަނދާން ހުރި ބައެއް މީހުން ބުނެ އެވެ.

ރަށުގެ ދުވަސްވީ މީހަކު 'ދައުރު'އަށް ބުނީ އެއީ އެ ޒަމާނަށް ބަލާއިރު ވަރަށް ކުލަ ގަދަ ކައިވެނީގެ ހަފްލާއެއް ކަމަށެވެ. އެގޮތުން މި ޒަމާނުގެ ގޮތަށް އުއްބައްތި ދިއްލާ، ބެކްޑުރޮޕާއި ޑެކަރޭޝަނާ ވެސް އެކު ޕާޓީ އޮތީ ވަޅު ހުރި ތަނުގައި ކަމަށް އޭނާ ބުންޏެވެ.

"އެއީ ވަރަށް ކުލަ ގަދަ ޕާޓީއެއް އޭރާ ބަލާފައި. އެއީ އެގޮތަށް މި ރަށުގައި އެހާ ކުލަ ގަދަކޮށް ބޮޑުކޮށް ކައިވެނި ޕާޓީ ބާއްވާ ދުވަސްވަރެއް ނޫން. އެހެންވެ، އޭރު ވަރަށް ގިނަ ބައެއްގެ ސަމާލުކަން އެ ޕާޓީއަށް ލިބުނު،" އޭނާ ބުންޏެވެ.

މަހުމޫދުގެ އެކި ހަނދާންތައް ގުޅިފައިވާ ތަނަކާ އޭނާގެ މަރު ވެސް ގުޅިގެން މި އައީ.

މަހުމޫދުގެ ދެބެންގެ ދެދަރި މީހަކާ އިނދެގެން އުޅޭ އަލީ އާދަމް

މަހުމޫދުގެ މަރުން މި ރަށް އަދިވެސް އޮތީ ޝޮކްގަ އެވެ. ގިނަ ބަޔަކަށް އެ ހާދިސާ ގަބޫލެއް ވެސް ނުކުރެވެ އެވެ.

އޭނާގެ މަރުގެ ތުހުމަތުގައި އަދި ހައްޔަރުކޮށްފައި ވަނީ މި ރަށުގެ އުމުރުން ދުވަސްވީ މީހަކު ބެލުމުގައި ދެ އަހަރެއްހާ ދުވަސް ހޭދަކުރި ބަންގްލަދޭޝްގެ މީހެކެވެ. އެފަދަ އަނިޔާވެރި ކަމެއް ބަންގްލަދޭޝްގެ އެ މީހާ ކޮށްފާނެ ކަމަކަށް، ރަށުގެ އެކަކު ވެސް ހިއެއް ނުކުރެ އެވެ. ބައެއް މީހުން ސިފަކުރީ އެއީ މަޑުމައިތިރި، ބަސް މަދު، ބަރާބަރަށް ނަމާދަށް ދާ މީހެއްގެ ގޮތުގަ އެވެ. 

"މަހުމޫދުގެ އެކި ހަނދާންތައް ގުޅިފައިވާ ތަނަކާ އޭނާގެ މަރު ވެސް ގުޅިގެން މި އައީ،" އަލިފުޅުބެ ބުނެލި އެވެ.

ކޮމެންޓް (1)

ޕީއައި

18 އޮކްޓޯބަރު 2021
ވެރީ ސަސް.
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް