އިންޑިއަން އެގްޒިމް ބޭންކާއި ފަހި ދިިރިއުޅުން ކޯޕަރޭޝަނާ ދެމެދު ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު.

ބޯހިޔާވަހިކަން

އިންޑިއާ ކުންފުނިތަކާ ހަވާލުކުރި ފްލެޓުތައް ނިމޭނެ ކަމަށް ލަފާކުރަނީ 2024 އަށް

ދެ މަޝްރޫއުގެ ދަށުން 3 ކޮޓަރީގެ 2،800 އެޕާޓުމެންޓާއި ދެ ކޮޓަރީގެ 1،200 އެޕާޓުމެންޓު އަޅާނެ
25 ސެޕްޓެމްބަރު 2021

އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނުގެ ފައިސާ އިން ހަރަދުކޮށްގެން އެ ގައުމުގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ދެ ހައުސިން މަޝްރޫއެއްގެ މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ 2024 އަށެވެ.

ތަފްސީލް - ފަހި ދިރިއުޅުން ކޯޕަރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިންޑިއަން އެގްޒިމް ބޭންކާ އެކު އިއްޔެ ސޮއިކުރި 226 މިލިއަން ޑޮލަރުގެ (3.5 ބިލިއަން ރުފިޔާ) ލޯނު އެއްބަސްވުމުގެ ދަށުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 4،000 ހައުސިން ޔުނިޓު ނިންމަން ދެ ކުންފުންޏަށް ދީފައި ވަނީ ތަފާތު ދެ މުއްދަތެކެވެ. ނަމަވެސް އެ ދެ މުއްދަތު ވެސް ހަމަވާނީ 2024ގަ އެވެ.

ފްލެޓު އެޅުމުގެ މަސައްކަތް ކުރާނީ އިންޑިއާ ސަރުކާރުގެ އެންބީސީސީ އާއި ޖޭއެމްސީ ޕްރޮޖެކްޓްސް އިންނެވެ. ކޮންމެ ކުންފުންޏަކުން ވެސް 2،000 ހައުސިން ޔުނިޓު އަޅާނެ އެވެ.

އެންބީސީސީން މަސައްކަތް ނިންމަން ޖެހެނީ 900 ދުވަސް ނުވަތަ ދެ އަހަރާއި ބައިގެ ތެރޭގަ އެވެ. ޖޭއެމްސީއަށް ދީފައި ވަނީ 1،125 ދުވަސް ނުވަތަ ތިން އަހަރެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ވެބްސައިޓުގައި ހިމަނާފައިވާ، އެންބީސީސީގެ މަޝްރޫއުގެ މައުލޫމާތު:

  • 2،000 ހައުސިން ޔުނިޓު

  • ޕްރޮޖެކްޓު އަގަކީ 130 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)

  • ނިމޭނެ ކަމަށް ލަފާކުރަނީ 2024ގައި (900 ދުވަސް)

  • ޑިޒައިން މަސައްކަތް ކުރިއަށްދަނީ

  • 3 ކޮޓަރީގެ 1،400 އެޕާޓުމެންޓާއި 2 ކޮޓަރީގެ 600 އެޕާޓުމެންޓު އަޅާނެ

  • މިއީ އެމްބީސީސީން ބޭރު ގައުމެއްގައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު

އެންބީސީސީ އިން އާންމުކޮށްފައިވާ ފްލެޓުތަކުގެ ޑިޒައިނެއް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ވެބްސައިޓުގައި ހިމަނާފައިވާ، ޖޭއެމްސީގެ މަޝްރޫއުގެ މައުލޫމާތު

  • 2000 ހައުސިން ޔުނިޓު

  • ޕްރޮޖެކްޓު އަގަކީ 137 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ)

  • ނިންމޭނެ ކަމަށް ލަފާކުރަނީ 2024 ގައި (1،125 ދުވަސް)

  • ޑިޒައިން މަސައްކަތް ކުރިއަށްދަނީ

  • 3 ކޮޓަރީގެ 1،400 އެޕާޓުމެންޓާއި 2 ކޮޓަރީގެ 600 އެޕާޓުމެންޓު އަޅާނެ

އެނގުން މުހިއްމު - އިންޑިއަން އެގްޒިމްގެ ލޯނު އެހީގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު 2،000 ހައުސިން ޔުނިޓު އަޅަން އެގައުމުގެ އެހެން ކުންފުންޏެއް ކަމަށްވާ އަޝޯކާ ބިލްޑްކޮންއާ ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއުގައި ވެސް އަޅާނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓުމެންޓެވެ.

އަޝޯކާއާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓުގެ އަގަކީ 140 މިލިއަން ޑޮލަރެވެ. މަސައްކަތް ނިމޭނެ ކަމަށް ލަފާކުރަނީ 2025ގަ އެވެ.

ހައުސިން ޕްރޮޖެކްޓުތަކަށް އިންޑިއަން އެގްޒިމް ބޭނުންކުން ދިން ލޯންތައް އަނބުރާ ދައްކަން ޖެހެނީ ކިހާ މުއްދަތަކުން ކަމެއް އަދި ލޯންގެ އިންޓަރެސްޓު ރޭޓެއް ހާމަކޮށްފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް