ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ 4000 ފްލެޓުގެ މަޝްްރޫއުތަކުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ދެކޮޓަރީގެ ފްލެޓްތަކުގައި 650 އަކަފޫޓް އަދި ތިން ކޮޓަރީގެ ފްލެޓްގައި 900 އަކަފޫޓް ހުންނާނެ -- ފައިލް ފޮޓޯ

ބޯހިޔާވަހިކަން

ފްލެޓް އަޅަން އިންޑިއާގެ އެގްޒިމް ބޭންކުން 226 މިލިއަން ޑޮލަރުގެ ލޯނު ނަގަން ސޮއިކޮށްފި

މިއަދު ސޮއިކުރީ 2000 ހައުސިން ޔުނިޓުގެ ދެ މަޝްރޫއެއްގެ ލޯނު އެއްބަސްވުމުގައި
23 ސެޕްޓެމްބަރު 2021

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރަން ހަމަޖެހިފައިވާ 4000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް، އިންޑިއަން އެގްޒިމް ބޭންކާ އެކު 226 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިއަދު ވަނީ އެގްޒިމް ބޭންކާއެކު ދެ މަޝްރޫއެއްގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ތަފްސީލް - ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ އެއީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ، އެންބީސީސީ ލިމިޓެޑު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ އެކު ހަދާފައިވާ އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރަން ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސިން ޔުނިޓްތަކެއް ކަމަށެވެ. އަދި އެއީ ސަރުކާރުގެ ސަވަރިން ގެރަންޓީ ދީގެން ނަގާ ލޯނެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ދެ ލޯނުގެ ތަފްސީލް:

  • އެންބީސީސީން ތަރައްގީކުރާ 2000 ސޯޝަލް ހައުސިން ޔުނިޓަށް 116 މިލިއަން ޑޮލަރު

  • ޖޭއެމްސީ ޕްރޮޖެކްޓްސް އިން ތަރައްގީކުރާ 2000 ސޯޝަލް ހައުސިން ޔުނިޓަށް 110 މިލިއަން ޑޮލަރު 

މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވަޑައިގަތެވެ.

މިނިސްޓަރުންގެ ބަސް - މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމެއް ކަމަށާއި އިތުރު 4000 ހައުސިން ޔުނިޓު ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލުއިތަކެއްލިބި އިގްތިސޯދަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމެއް ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، އެ މަޝްރޫއުތަކަކީ މިފަދަ އެހެން މަޝްރޫއުތަކާ އަޅާ ބަލާއިރު އަގު ހެޔޮ، އަދި ތަނަވަސް ޔުނިޓު ތަކެއް އިމާރާތް ކުރެވޭ މަޝްރޫއުއަކަށް ވެގެންދާނެ ކަމަށެވެ. 

ނަމަވެސް އެ ލޯންތައް އަނބުރާ ދައްކަން ޖެހެނީ ކިހާ ދުވަހަކުން ކަމެއް އަދި ލޯންގެ އިންޓަރެސްޓަކީ ކިހާވަރެއް ކަމެއް ސަރުކާރަކުން ނުބުނެ އެވެ.

އެނގުން މުހިންމު -

  • އެންބީސީސީ ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކުރީ 2 ފެބްރުއަރީ 2021ގައި

  • ޖޭއެމްސީ ޕްރޮޖެކްޓްސް އާއެކު އެއްބަސްވުމުގައި ސޮއިކުރީ 8 މާޗް 2021ގައި

  • ދެ މަޝްރޫއުގައި އިމާރާތް ކުރާނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިން ޔުނިޓްތައް

  • ދެ ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާނެ 

  • ތިން ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓް ހުންނާނެ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ މިމަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް