ޑްރަގު ނައްތާލުމުގެ ހަރަކާތެއްގައި ޑީއީޑީ ފުލުހުން، ފުލުހުންގެ މައި މަރުކަޒުން މަސްތުވާތަކެތި ނެރުމުގެ މަސައްކަތް ކުރަނީ (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

13 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި 6 މީހަކު ބަންދަށް

މި އޮޕަރޭޝަންގައި 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ވެސް އަތުލައިގަތް

މާލެއިން ރޭ 13 ކިލޯގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ އަތުލައިގަތް ޑްރަގު އޮޕަރޭޝަންގައި ހަ މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން މިރޭ ބުުނެފި އެވެ. އެމީހުންގެ ބަންދުގެ މުއްދަތު މިހާރު ވަނީ ޖަހާފަ އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއަކާއި ހުޅުމާލޭ ގެސްޓްހައުސްއަކުން 13.56 ކިލޯގެ މަސްތުވާތަކެއްޗާއި 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ އަތުލައިގެންފަ އެވެ.

ތަފްސީލު - ފުލުހުންގެ ތަރުޖަމާނަކު މިރޭ 'ދައުރު'އަށް ވިދާޅުވީ، މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިވެހި ހަ ފިރިހެނުން ކަމަށެވެ.

"އެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައި،" މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 28 އަހާރާއި 47 އަހަރާ ދެމެދުގެ މީހުންނެވެ. އެގޮތުން:

  • އެމީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު

  • ހަ މީހުންގެ ތެރޭގައި ގދ. ހޯނޑެއްދުއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ މީހަކު ހިމެނޭ

  • މިފަހުން ފުލުހުން ވަނީ ހޯނޑެއްދޫ ވަލު ތެރޭގައި ވަޅުލާފައި ހުއްޓާ ގިނަ އަދަދެއްގެ ޑްރަގު ހޯދާފައި؛ ނަމަވެސް މި މައްސަލައިގައި އަތުލައިގަތް ޑްރަގާއި އެ ރަށުން އަތުލައިގަތް ޑްރަގާ ގުޅުމެއް އޮތް ކަމެއް ސާފެއް ނޫން

  • ރޭގެ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ދެން ގިނައީ އައްޑުއަށް ނިސްބަތްވާ މީހުން

އޮޕަރޭޝަނަށްފަހު، މިއަދު މެންދުރު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓް

ގދ. އަތޮޅުގައި ފުލުހުން މިފަހުން ހިންގި އޮޕަރޭޝަނުގައި ހޯނޑެއްދޫ އާއި ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ 82 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. އެ މައްސަލައިގައި ވެސް ބައެއް މީހުން ހައްޔަރު ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް