އައްޑޫ ހިތަދޫ: އައްޑު އަތޮޅު ހިއްކަން މިހާރު ރާވާފައިވާ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ

ރާއްޖޭގެ ތިމާވެއްޓަށް 'ކުޑަކޮށް ގެއްލުން' ދިނުން: ހޮޅި ވާހަކަ

ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާ ބެހޭ ގޮތުން މިހާތަނަށް އެނގިފައި އޮތީ ވަރަށް މަދު އެއްޗެއް

ރާއްޖޭގެ މަގްބޫލު އަދި އަޖައިބެއް ފަދަ މުއްސަނދި ތިމާވެށްޓަކީ ލާމެހިފައިވާ، ގުދުރަތީ ގޮތުން ފުރިހަމަ ނިޒާމެކެވެ.

މި ނިޒާމަކީ ތަފާތު އެތަކެއް މާހައުލީ ނިޒާމުތަކެއްގެ މައްޗަށް ބިނާވެފައިވާ، 800 ކިލޯމީޓަރުގެ ދިގުމިން އުތުރުން ދެކުނަށް އޮންނަ، 26 ގުދުރަތީ އަތޮޅުގެ މައްޗަށް އެކުލެވި 90،000 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ ނިޒާމެކެވެ. ރާއްޖެ އުފެދިފައިވަނީ %99 ކަނޑުފަޅާއި ފަރުތަކެއްގެ މައްޗަށެވެ. އަދި މި ފުރިހަމަ ކަނޑުގެ ނިޒާމު އޮންނަނީ ވަށައިގެންވާ އިންޑިއާ ކަނޑުގެ ރޯދިބަރަކާތާ ގުޅި ލާމެހި، ދުނިޔޭގެ ކަނޑުތަކުގެ އޮޔާއިވަޔާ އެކުލެވޭ މޫސުމީ ނިޒާމާ ގުޅޭ ގުނަވަނެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ ކަނޑު ފަޅުތަކުގެ މި ނިޒާމަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ގުދުރަތީ ދިފާއީ ނިޒާމެވެ.

މި ނިޒާމަކީ ދިވެހިންގެ ދިރިއުޅުމުގެ ވަސީލަތްތައް އެމީހުނަށް ފެށުނީއްސުރެ ހޯދައިދެމުންދާ މުއްސަނދި ނިޒާމެވެ.

މި ނިޒާމަކީ ދިވެހިރާއްޖެ ދިވެހިރާއްޖޭގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން ބޭނުންވާ ނިޒާމެކެވެ.

މި ނިޒާމަކީ ދިވެހިންގެ ދިރިއުޅުމާއި ދިރި ތިބުން އެތައް ހާސް އަހަރެއް ވީއިރު ފަހިކޮށްދެމުން ގޮސްފައިވާ ނިޒާމެވެ.

މި ނިޒާމަކީ ކުރިއަށް އޮތް ތާގައި ވެސް ދިވެހިރާއްޖޭގައި ދިވެހިން ދިރިތިބުން ކަށަވަރުކޮށްދޭނެ ނިޒާމެވެ.

މި ނިޒާމުގެ މުއްސަނދިކަމާއި ފުރިހަމަކަމަކީ އަދި މިހާތަނަށް އިންސާނުންނަށް އެކަށީގެންވާ މިންވަރާ ގާތަށް ވެސް ވަޒަންކުރެވިފައިނުވާ ކަންކަމެވެ. މީގެ ހެކިތައް އަދު ވެސް ދަނީ ފެންނަމުންނެވެ.

ނަމަވެސް މިއަދު ދިވެހިންގެ އަމަލުތަކުން ރާއްޖޭގެ މި ގުދުރަތީ ދިފާއީ ނިޒާމު ދަނީ ހީނަރުކޮށް އޭގެ ގުދުރަތީ އަސްލާއި ހަމަ ނައްތާލަމުންނެވެ.

ދުނިޔޭގެ ކަނޑުތައް ޗާޓުކޮށް ދެނެގަތުމަށް މަސައްކަތްކުރާ ފަންނީ ފަރާތްތަކުން ބުނާގޮތުގައި ދުނިޔޭގެ ކަނޑުތަކާ ބެހޭ މައުލޫމާތު މިހާތަނަށް އިންސާނުންނަށް ދެނެގަނެވިފައިވާ މިންވަރަކީ ގާތްގަނޑަކަށް %10 އެވެ. އިންސާނުންނަކީ ހަނދަށް ދަތުރުކޮށްފައިވާ އީޖާދީ ކަންކަމަށް ކުޅަދާނަ ބަޔަކަށް ވީ ނަމަވެސް، ދުނިޔޭގެ ކަނޑުތައް ދެނެގަނެވިފައި ނުވާކަމީ އަދުގެ ހަގީގަތެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އަޖައިބުވާ ފަދަ މުއްސަނދި ފަރުފަޅުތަކުގެ ނިޒާމު ދެނެގަނެވިފައިވާ މިންވަރަކީ އަދަދުކުރެވެން ނެތް ކުޑަމިންވަރެއް ކަމަށް ބެލުމަކީ ބުއްދީގެ ހަމަތަކުން ދަތިކަމަކަށް ނުވެ އެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ފަރު ފަޅުތަކުގެ މުއްސަނދިކަމަކީ އެކަށީގެންވާ މިންވަރަށް އެއްވެސް ބަޔަކަށް ދެނެގަނެވިފައި ނުވާ އެއްޗަކަށް ވާތީ އެވެ. މިފަދަ މަސައްކަތެއް ބަޔަކު ކުރަން އުޅެފައި އަދި އުޅެމުންދާކަމަށް ވީ ނަމަވެސް، މިއީ ކަމުގެ ހަގީގަތް އަދު އޮތް ގޮތެވެ.

ސީ. ފިނިފެންމާ: އަލަށް ރާއްޖެ އިން ފެނި، ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ނަން ދީފައިވާ އާ ބާވަތެއްގެ މަހެއް: ރާއްޖޭގެ ކަނޑު އަޑީގެ މުއްސަނދިކަން ބޮޑު (ފޮޓޯ/ޔީ-ކައި ޓީ)

ދާދި މިދާކަށް ދުވަހު ދިވެހިރާއްޖޭގެ ފަރުގެ ވެށީގެ ފަންނީ ދިރާސާވެރިއަކާއި ބޭރުގެ ސައިންޓިސްޓުން ގުޅިގެން ކުރި މަސައްކަތުން ދުނިޔެއަށް ވެސް މުޅިން އާ ބާވަތެއްގެ މަހެއް ރާއްޖެއިން ހޯދިއްޖެ އެވެ. ސައިންސުގެ ދާއިރާއަށް މިހާތަނަށް އެނގިފައި ނުވާ ސީ. ފިނިފެންމާ ނަމުން ނަން ދީފައިވާ މި މަސް ރާއްޖޭގެ ވެށީގައި އުޅެން ފެށީ ކޮން އިރަކު ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ ކަން ވެސް ބުއްދި ގަބޫލުކުރެ އެވެ. އަދި މިހާތަނަށް ނުފެނި އޮތީ މިފަދަ ކިތައް ސީ. ފިނިފެންމާތޯ އެއީ އިންސާނުންނަށް ވަޒަންކުރެވޭނެ އެއްޗެއް ނޫން ކަން ވެސް ބުއްދި ގަބޫލުކުރެ އެވެ. ދުނިޔޭގެ ކަނޑުތައް ސައިންސުވެރިންނަށް ދިރާސާކޮށް ހޯދިފައިވާ ކުޑަ މިންވަރަށް ބަލައިލުމުން ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ މުއްސަނދިކަން ދެނެގަނެވިފައެއް ނެތޭ ބުނުމަކީ މުޅިން ގޯހެއް ކަމަކަށް ނުދެކެމެވެ. އެއީ ރާއްޖެއަކީ މަދު ބަޔަކު އުޅޭ ގައުމަކަށް ވެފައި، ކަމުގެ މުހިންމުކަމަށް ބަލާއިރު ފަރުފަޅުތަކުގެ ނިޒާމު ފަންނީ ފެންވަރެއްގައި ދެނެގަތުމުގެ މާ ބޮޑު ޝައުގެއް ރަސްމީ ސިފައެއްގައި ރާއްޖޭގައި ނެތުމުންނެވެ. ރާއްޖޭގެ މަތީ ތައުލީމުދޭ ޔުނިވާސިޓީއަށް ބަލައިލުމުން ވެސް މި ދާއިރާގެ ހީނަރުކަން ސާފުވާނެ އެވެ.

ކަންމިހެން އޮތް ނަމަވެސް، ރާއްޖޭގެ ފަރުފަޅުތަކުގެ ނިޒާމަކީ އަދުގެ ސަރުކާރުތަކުން 'ތަރައްގީ'ގެ ނަން ދީގެން ހިންގާ ސިޔާސަތުތަކުގެ ތެރެއިން ދާއިމަށް ނެތި ފަނާކުރަމުންދާ މާހައުލުތަކެކެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ވަށައި ހިނގާލަން ދާ ދިވެއްސަކަށް ވެސް މިކަން ވަރަށް ސާފުކޮށް އިހުސާސުވާނެ އެވެ. މި ގެއްލުންތަކުގައި ހަލާކުވެފައިވާ ރަށްތަކަށް ބަލާއިރު އުތެރެއް ދެކުނެއް ހުޅަނގެއް އިރެއް ނެތެވެ. މުޅި ރާއްޖޭގައި އޭގެ މިސާލުތަކެވެ. ރާއްޖޭގެ އެކިއެކި ތަފާތު މާހައުލީ ނިޒާމުތަކަށް 'ތަރައްގީ'ގެ ނަމުގައި ދެމުންދާ ގެއްލުންތަކަކީ ކަމާ ބެހޭ، އަދި ކަމުގައި ޝާމިލުވާ ދައުލަތުގެ މުއައްސަސާތަކުން ވެސް މިނެކިރާ އަދަދުކުރަމުންދާ ގެއްލުންތަކެއް ނޫނެވެ. މީގެ އިތުރުން މި ގެއްލުންތަކަކީ އޭގެ ސަބަބުން ރަށާއި ރައްޔިތުންނަށް ދިމާވާ ނޭދެވޭ އަސަރުތައް މައުނަވީ ގޮތެއްގައި ދެނެގަންނަން މަސައްކަތް ކުރާ ގެއްލުންތަކެއް ވެސް ނޫނެވެ. މިސާލެއްގެ ގޮތުން ރާއްޖޭގެ މޫދުވިނަ މާހައުލީ ނިޒާމު ނުވަތަ މޫދުވިނަ ބަގީޗާތަކުގެ ހާލަތަށް ބަލައިލާނަމެވެ. މިއީ ރާއްޖޭގައި ސަރުކާރުގެ އިޒުނަ ލިބިގެން އުސޫލެއްގެ ގޮތުން ރިސޯޓުތަކާއި އެހެން ރަށްރަށުން ވެސް ނައްތާލަމުން ގޮސްފައިވާ މާހައުލުތަކެކެވެ. މި ނިޒާމުތަކުގައިވާ މުއްސަނދި ދިރުންތަކާއި ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ވިލުންވެރިކަމަށް މި މާހައުލުތަކުގެ މުހިންމުކަން ދެނެގަނެވުނީ ދާދި އިހަށް ދުވަހު އެވެ. އަދި މިކަން ހޯދައިދެނެގަނެވުނީ ރާއްޖޭގެ ސަރުކާރުގެ މަސައްކަތަކުން ނޫނެވެ. މިކަން ކުރީ ރާއްޖޭގެ މާހައުލީ ނިޒާމުތަކުގެ އަގުވަޒަންކުރާ ބޭރުގެ ވިޔަފާރީގެ ރިސޯޓަކާއި ބޭރުގެ މަދަނީ ޖަމާއަތަކާ ގުޅިގެން ކޮށްފައިވާ ފަންނީ މަސައްކަތްތަކެއްގެ ސަބަބުންނެވެ. މަދުން ނަމަވެސް ދިވެހިން މިކަންކަމުގައި ޝާމިލުވާކަމީ ރާއްޖެއަށް ލިބޭ ކުރިއެރުމެކެވެ.

އައްޑޫއިން ހިއްކަން ނިންމާފައިވާ ސަރަހައްދުތަކާއި ވެލި ނަގަން ހަމަޖެހިފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތައް (ދައުރު އިންފޮގްރެފިކްސް/ތުހުފާ އާތިފް)

އަދުގެ ސަރުކާރުން 'ތަރައްގީ'ގެ ނަމުގައި ކުރަން ފައިނަގާފައިވާ އައްޑު އަތޮޅުގެ 'ތަރައްގީ'ގެ މަޝްރޫއަކީ މުޅި އައްޑު އަތޮޅުގެ ގުދުރަތީ މާހައުލީ ނިޒާމުތަކާއި އޭގައިވާ ދިރުންތައް މީގެ ސަބަބުން ފަނާވުމުގެ ބިރު އޮތް ނުރައްކާތެރި މަޝްރޫއެކެވެ. މި މަޝްރޫއުގެ ތިމާވެށީގެ ހާލަތު ދެނެގަތުމަށް ކޮށްފައިވާ ދިރާސާއިން ވެސް މިކަން ސާފުކޮށް ފެންނަން އެބަ އޮތެވެ. އަދި އޭގައިވާ މައުލޫމާތައް ބަލާ ނަމަ އިޔާދަނުކުރެވޭނެ ބޮޑެތި ގެއްލުންތައް މުޅި އައްޑު އަތޮޅަށް މި މަޝްރޫއުގެ ސަބަބުން ކުރާނެ އެވެ.

އައްޑު އަތޮޅުގައި އުޅެނީ ކިތައް ބާވަތުގެ ސީ. ފިނިފެންމާތަކެއްކަން ދިވެހި ސަރުކާރަށް އަދި އެނޫން ފަރާތަކަށް ވެސް ވަޒަން ކުރަން ނޭނގޭނެކަން ޔަގީނެވެ. ގެއްލިނެތިދިއުމުގެ ބިރު އޮތް އެހެން ކަންކަމަށް ބަލާ ނަމަ އައްޑު އަތޮޅުގެ މޫދުވިނައިގެ މާހައުލީ ނިޒާމުތަކަށް އެކަނި ބަލައިލި ނަމަވެސް، އެތަންތަނަށް ވާނެ ބޮޑު ގެއްލުން އައްޑޫގެ އެ ދިރާސާއިން އަންދާޒާ ކުރެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އައްޑު އަތޮޅުގެ 120 ހެކްޓަރުގެ މޫދުވިނަ ބަގީޗާގެ މައްޗަށް ވެލިއަޅާ، އޭގައިވާ ދިރުންތައް ދިރިތިއްބާ ވަޅުލާނެ އެވެ. އައްޑޫގެ މޫދުވިނައިގެ މާހައުލީ ނިޒާމުގެ މާލީ ނަފާ އަންދާޒާ ކުރަނީ އަހަރަކު 6.4 މިލިއަން ޑޮލަރު ކަމަށެވެ. އަދި މުޅި މަޝްރޫއުގެ ސަބަބުން 21 ހެކްޓަރުގެ މުރަކަފަރުތަކަށް ދޭނެ ގެއްލުމުގެ އަގު އަންދާޒާ ކުރަނީ 343-858 މިލިއަން ޑޮލަރުގެ ގެއްލުމުގެ ގޮތުގަ އެވެ. މި ގެއްލުންތަކަކީ ގެއްލުން ދިނުމަށް ކުރާނެ ދައުލަތުގެ ދަރަނީގެ ހޭދައިގެ މައްޗަށް އިތުރުވާނެ އަދަދުތަކެވެ. މި މާލީ ގެއްލުމުގެ އިތުރުން އައްޑޫ ފަނާކުރުމުން ގެއްލި ނެތިދާނީ ކޮން ފަދަ ގުދުރަތީ ޚަޒާނާއެއްކަން ސަރުކާރަށާއި އައްޑޫގެ ރައްޔިތުންނަށް ވެސް ވަޒަން ކުރެވިފައި ނެތުމަކީ ކަމުގެ ހަގީގަތް އޮތް ގޮތެވެ. ސަބަބަކީ ކަނޑު އަޑީގެ މުއްސަނދި އަދި އެމައްޗަށް ދިވެހިން ބަރޯސާވާ ނިއުމަތްތަކަކީ ރަށުގެ އަތިރިމަތީގައި ހުރެ ބަލައިލުމަކުން މީހަކަށް ފެންނަން އޮންނަ އެއްޗަކަށް ނުވާތީ އެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ކިޔެވެއްޔަކުން ވެސް ފަހުމްކުރެވޭ އެއްޗަކަށް ނުވާތީ އެވެ. ނަތީޖާއަކީ ރާއްޖޭގެ ކަނޑު އަޑީގެ މާހައުލުތަކުގެ އަގު ދިވެހިންނަށް ވުރެ ބޮޑަށް ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ވަޒަންކުރެވޭކަމެވެ. މިފަދަ ނިކަމެތި ހާލަތެއްގައި ރައްޔިތުންގެ މައުލޫމާތުގެ ފެންވަރު އޮތުމުން، މިފަދަ 'ތަރައްގީ'ގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ތިމާވެށްޓަށް 'އެންމެ ކުޑަކޮށް ގެއްލުންދިނުމަކީ' ކުރެވޭނެ ކަމެއް ކަމަށް ދައްކަން ސަރުކާރުތަކުން ދިވެހިންނަށް އޮޅުވާލެވިދާނެ އެވެ. މިފަދަ އޮޅުވާލުންތައް މީގެ ކުރިން ވެސް ރާއްޖޭގެ ރަށްރަށުގައި ހިންގާފައިވާކަން ފެންނަން އެބަ ހުއްޓެވެ. މިސާލުތައް ގިނަ އެވެ. ވިސްނާ ފިކުރު ހިންގާލުމުން އެ ގެއްލުންތައް ފެންނާނެ އެވެ. ފަނާކޮށްފައިވާ އަދި އިހުމާލުން ފަނާވެ، ހީނަރުވެފައިވާ ފަރުފަޅުތަކާއި ކުޅިފާ ޗަސްބިންތަކުގެ މާހައުލުތަކުގެ ލިސްޓު ދިގެވެ.

ރާއްޖޭގެ ރީތި ރަށެއް: ރާއްޖެ އުފެދިފައި އޮތީ ގުދުރަތީ އެކި ނިޒާމުތައް ގުޅި ލާމެހިގެން (ސީ ފްރޮމް ދަ ސްކައި ވީޑިއޯ ސްކްރީން ޝޮޓެއް)

ވެއްޓަށް ދޭ ގެއްލުމުގެ ސަބަބުން މުޅި އައްޑު އަތޮޅުގެ މޫސުމީ ވިލުންވެރިކަން މި މަޝްރޫއު އިން ނަގާލާނެ ކަމާ ދޭތެރޭ ސުވާލު އުފެއްދޭކަށް ނެތެވެ. މިކަން މިގޮތަށް ކޮށްފި ނަމަ އެކަން އެގޮތަށް ވާނެ އެވެ. ދުނިޔޭގެ މޫސުމީ ކާރިސާއާ ގުޅިގެން ސައިންސުވެރިން ދޭ އިންޒާރުތަކާއި އިލްތިމާސްތަކަކީ ރާއްޖެއިން އަޅާނުލާ، ބަލާނުލާ، ފޮޅާލެވޭނެ ވަރުގެ ފަންނީ މައުލޫމާތުތަކެއް ނޫނެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަރޯސާވަނީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ގުދުރަތީ ދިރި އޮތް ދިފާއީ މާހައުލީ ނިޒާމުތަކުގެ މައްޗަށެވެ. އެ ނިޒާމުތަކާއި އޭގައިވާ ދިރުންތަކުގެ ދުޅަހެޔޮކަމާއި މާހައުލީ ސިއްހީ ހާލަތުގެ ހަރުދަނާކަމުގެ މައްޗަށެވެ. މި ސާފު ހަގީގަތުގެ އިތުރުން، އައްޑު އަތޮޅުގެ އެތެރެވަރިއަކީ ޚާއްސަ މުއްސަނދިކަމެއް ލިބިފައިވާ އާސާރީ ކަނޑުގެ މާހައުލީ ނިޒާމެކެވެ. ރާއްޖޭގެ ފަރުފަޅުތަކުގެ ނިޒާމަކީ ރާއްޖޭގެ އާސާރީ ތަރިކަކަން ދިވެހިންގެ ހިތްތަކާއި ސިކުނޑީގައި ނެތުމަކީ މިފަދަ ތަންތަން ދާއިމަށް ފަނާވެދާން ހުށަހެޅިގެންދާ އެންމެ ބޮޑު ގޮންޖެހުމެވެ. ރާއްޖޭގެ ގިނަ ރައްޔިތުންނަށް ރާއްޖޭގެ މާހައުލީ ނިޒާމުތަކަކީ، އެމީހުންގެ ދިރިއުޅުމާއި ދިރިތިބުމަށް މުހިންމު ބައެއްކަން ދިވެހިންނަށް އެނގި ފަހުމްވެފައި ނުވުމަކީ އަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެވެ. އައްޑޫގެ ތިމާވެށްޓަށް 'ކުޑަކޮށް' ގެއްލުންދީގެން މުޅި އަތޮޅުގެ މާހައުލީ ނިޒާމުތަކުގެ ހަމަ ގެއްލުވާލާ ވަރުގެ ކަންކަން ކުރެވޭނެ ވާހަކަތަކަކީ ހޮޅި ވާހަކަތަކެކެވެ. އެއީ އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫނެވެ. ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން އަދާ މާދަމައަށް ދަމަހައްޓަން ބޭނުންވާ ނަމަ މިކަން އަދު ދިވެހިން ދަންނަން ޖެހެ އެވެ.

އެޑިޓަރުގެ ނޯޓު:

ހުމައިދާ އަބްދުލް ގަފޫރު (ހުމޭ) އަކީ އިންސާނީ ހައްގުތަކާއި އިޖްތިމާއީ ދާއިރާގެ އެކި މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތްކުރާ ރިސާޗަރެކެވެ. އޭނާ އަންނަނީ މަދަނީ ޖަމިއްޔާތަކާ އެކު އެކި މަސައްކަތްކުރަމުންނެވެ. ހުމޭއަކީ ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ ސޭވް މޯލްޑިވްސް ކެމްޕޭނުގެ ވޮލަންޓިއަރެކެވެ. އޭނާ ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ ހާސިލްކުރީ އިނގިރޭސިވިލާތުގެ ދެ ޔުނިވަސިޓީއަކުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް