މާލޭ ޖަލު: ފުލުހުންނާއި ކަރެކްޝަންސްގެ ބަންދުގައި ޝަރީއަތް ނިމެންދެން ޖުމްލަ 368 މީހުން މިވަގުތު އެބަތިބި.

'ވާނުވާ' ބަންދުގައި ތިބީ ބޮޑެތި ތުހުމަތުތައް ކުރެވޭ 368 މީހުން؛ ދޫކޮށްލަން އުނދަގޫ: ޕީޖީ

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރޭގައި ގަސްތުގައި މީހުން މެރުމާއި ޑްރަގް ޓްރެފިކް ކުރުމާއި ރޭޕް ކުރުމުގެ ތުހުމަތުކުރެވޭ މީހުން ހިމެނޭ
14 ނޮވެމްބަރު 2021

ރާއްޖޭގެ ޖަލުތަކުގައި ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދުގައި މިވަގުތު 368 މީހުން އެބަތިބި ކަމަށާއި އެ އެންމެންނަކީ ވެސް ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ކަމަށްވާތީ އެ މީހުން ދޫކޮށްލުމަކީ ފަސޭހަކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ޕީޖީ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަމީމް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތަފާސްހިސާބުތައް ހިއްސާކުރައްވައިފަ އެވެ.

ތަފްސީލް - އެ ތަފްސީލުތައް ހިއްސާކުރައްވަމުން ޝަމީމް ވިދާޅުވީ، ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބޭތިއްބުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި އެކަން ވީހާ ވެސް އަވަހަކަށް ހައްލުކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން، މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގަ އާއި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ވެސް ޝަރީއަތް ނިމެންދެން ގިނަ ބަޔަކު، ގިނަ ދުވަސްތަކެއް ވަންދެން ތިބިކަން ޝަމީމު ފާހަގަކުރެއްވި އެވެ.

ޕޮލިސް ކަސްޓޯޑިއަލްގައި:

  • މިވަގުތު ތިބީ 68 މީހުން 

  • އެ މީހުން އެވްރެޖުކޮށް 113 ދުވަސް ބަންދުގައި ހޭދަކޮށްފި

  • އެ މީހުންގެ ތެރެއިން 34 މީހުން ތިބީ ދޫނިދޫގައި

  • ބާކީ ތިބި މީހުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަތިބި

  •  އެނގިހުރެ މީހުން މެރުމުގެ މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު ދޫނިދޫގައި އޮންނަތާ 96 ދުވަސް ވެފައިވޭ؛ އޭނާގެ މައްސަލަ އަދި އޮތީ އިބްތިދާއީ މަރުހަލާގައި

  • ހެކިބަސް ނެގުމުގެ މަރުހަލާގައި އޮތީ ތިން މައްސަލައެއް؛ އޭގެ ތެރެއިން %55 މައްސަލަ އަދިވެސް އޮތީ އިބްތިދާއީ މަރުހަލާގައި

ޕީޖީ ޝަމީމް: ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބޭތިއްބުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ މިއަދު ވިދާޅުވި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކަރެކްޝަންސްގެ ބަންދުގައި:

  • މާފުށީގައި 160 މީހުން؛ އެ މީހުން އެވްރެޖުކޮށް 758 ދުވަސް ބަންދުގައި ހޭދަކޮށްފި

  • ބަންދުގައި ތިބޭތާ ހަތަރު އަހަރު ވެފައިވާ ތިން މީހަކު އެބަތިބި

  • މާލޭ ޖަލުގައި 140 މީހުން އެބަތިބި؛ އެ މީހުން އެވްރެޖުކޮށް 425 ދުވަސް ބަންދުގައި ހޭދަކޮށްފި

  • މާލޭ ޖަލުގައި ތިބި މީހުންގެ ތެރޭގައި ގަސްތުގައި މީހުން މެރުމުގެ ތުހުމަތުކުރެވޭ ހަ މީހަކު އެބަ ތިބި

ބުނީ ކީކޭ؟ - ޕީޖީ ވިދާޅުވީ މިވަގުތު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ގަސްތުގައި މީހުން މެރުން

  • ޓެރަރިޒަމް

  • މަސްތުވާތަކެތި ޓްރެފިކްކުރުން

  • ރޭޕް ކުރުން

"އަޅުގަނޑުމެންގެ ކުރިމަތީ އޮތީ ދެ ހައްލެއް. އެއް ހައްލަކީ ބަންދުން ދޫކޮށްލުން. ދޫކޮށްލަންޏާ މި ދޫކޮށްލަނީ ޖިނާއީ ވަރަށް ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން. އެހެންވީމަ އަޅުގަނޑަށް ވަރަށް އުނދަގޫ އެ މީހުން ދޫކޮށްލަން ވެސް،" ޕީޖީ ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ނަމަވެސް، އެ މީހުންގެ ބަންދު ރިވިއުކުރުން ގަވާއިދުން ކުރިއަށްދާކަން ޕީޖީ ފާހަގަކުރެއްވި އެވެ. ނަމަވެސް ބައެއް ކަހަލަ ސަބަބުތަކާ ހެދި ގަވާއިދުން ބަންދު ރިވިއު ނުކުރެވޭ މީހުން ތިބި ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.

އެނގުން މުހިންމު - "ވާނުވާ" ބަންދުގައި ޖަލުތަކުގައި ތިބޭ މީހުންގެ އަދަދު އިތުރުވުމުގެ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހަށް ވެސް އޮތީ މައްސަލައެއް ހުށަހަޅައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް