އިޝްތިހާރު

ގެފުޅު ކައިރީގައި ބަޔަކު ތޮއާފު ކުރަނީ. (ފޮޓޯ/އޭއެފްޕީ)

މިލިއަން ހައްޖުވެރިންނަށް މަރުހަބާ ކިޔަން ސައުދީ ތައްޔާރުވެއްޖެ

ކޮރޯނާވައިރަސްގެ ބަލިމަޑުކަމަށް ފަހު ބޭރަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ބާއްވާ ހައްޖަށް އެއް މިލިއަން ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް ސައުދީ އަރަބިއްޔާ ތައްޔާރުވެއްޖެ އެވެ. މިހާރު ވެސް މައްކާގެ މަގުތައް ވަނީ ފުރިބާރުވެފަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރަށް ފަހު ސައުދީ އަރަބިއްޔާއަށް ހައްޖުވެރިން ޒިޔާރަތް ކުރާ އިރު، ކީރިތި ރަސޫލާ މުހަންމަދުގެފާނު އުފަންވި ބިން، މައްކާ ވަނީ ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް ވަރަށް ބޮޑަށް ތައްޔާރުކޮށްފަ އެވެ. އަދި ހައްޖުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ ބާރުތަކުންވަނީ ހަތިޔާރާ އެކު ނުކުމެފަ އެވެ.

ހައްޖަށް މި އަހަރު ދިޔަ އަދި ދާ މީހުންގެ ތެރޭގައި ދުނިޔޭގެ ހުރިހާ ހިސާބެއްގެ މީހުން ހިމެނެ އެވެ. ސޫދާނުން ހައްޖަށް ދިޔަ މީހަކު އޭއެފްޕީއަށް ބުނީ އޭނާއަށް މައްކާއަށް ދެވުމުން އުފާ ކުރާ ކަމަށާއި ހައްޖުގެ ކޮންމެ ރުކުނެއް ފުރިހަމަ ކުރުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

މި އަހަރު ޖުމުލަ އެއް މިލިއަން މީހުންނަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާ އިން ވަނީ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އޭގެ ތެރޭގައި ބޭރުގެ ގައުމުތަކުގެ 850،000 މީހުން ހިމެނެ އެވެ. ބާކީ އަނެއް ދޮޅު ލައްކަ ހައްޖުވެރިންނަނީ ސައުދީ ރައްޔިތުންނެވެ. އެއީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެ ދެ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނީ މަދު އަދަދެއްގެ ސައުދީ ރައްޔިތުންނަށް އެކަންޏެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަކީ ކެރިކުޅަދާނަވި ކޮންމެ މުސްލިމެއްގެ މައްޗަށް އެ މީހެއްގެ އުމުރުގައި އެއް ފަހަރު ކުރުން ވާޖިބު ކަމެކެވެ.

ސައުދީ ސަރުކާރުން އިއްޔެ ބުނީ މިހާތަނަށް 650،000 ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރު 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރި އެވެ. އޭގެ ޖެހިގެން އައި އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ދިނީ ހަމައެކަނީ ސައުދީ އަރަބިއްޔާގެ 10،000 މީހުންނަށް އެކަންޏެވެ. ޖެހިގެން އައި 2021 އަހަރު، ވެކްސިން ފުރިހަމަކޮށްފައިވާ 60،000 ސައުދީ ރައްޔިތުންނަށް އެ އަދަދު އިތުރުކުރި އެވެ. 

އުމުރުން 65 އަހަރުން ދަށުގެ އެއް މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރާނެ އެވެ. ނަމަވެސް ވެކްސިން ފުރިހަމަ ކުރުމުގެ އިތުރަށް ދުވާލަކު 10 ފަހަރު އަތް ދޮންނަން ޖެހެ އެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއަށް ދާ ކޮންމެ މީހެއްގެ އަތުން 5،000 ޑޮލަރު ހަރަދު ކުރަން ޖެހެ އެވެ. އަދި ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ބޭރުކުރާ ގައުމުން، ހައްޖުގެ އަޅުކަމާއި އުމުރާ ދަތުރުތަކުން އަހަރަކު 12 ބިލިއަން ޑޮލަރު ލިބެ އެވެ.

ސައުދީ އަރަބިއްޔާގައި މާސްކް އެޅުމަށް މަޖުބޫރެއް ނޫނެވެ. ނަމަވެސް ގެފުޅު ކައިރީ މާސްކް އަޅަން ޖެހެ އެވެ. އަދި ހައްޖަށް ދެވެނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު އެވެ.

މިއީ ހޫނު މޫސުމެވެ. ސައުދީ އަރަބިއްޔާގައި ހޫނުމިން މި ދުވަސްވަރު ހުރީ 50 ޑިގްރީ ސެލްސިއަސްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް