އިޝްތިހާރު

ހައްޖުގެ އަޅުކަން އަދާ ކުރުމަށް މި އަހަރު ވަނީ 1 މިލިއަން މީހުންނަށް ފުރުސަތު ދީފައި. (ފޮޓޯ/ އޭއެފްޕީ)

ކޮވިޑަށް ފަހު ފުރަތަމަ ހައްޖު ގްރޫޕް ސައުދީއަށް ހިނގައްޖެ

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް 1 މިލިއަން މީހުންނަށް ފުރުސަތު ދޭނެ

ކޮވިޑް-19އާ ގުޅިގެން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ބޭރުގެ ގައުމުތަކަށް ބަންދުކޮށްފައި އޮންނަތާ ދެ އަހަރަށް ފަހު ފުރަތަމަ ހައްޖު ގްރޫޕް ސައުދީ އަރަބިއްޔާއަށް އިއްޔެ ހިނގައްޖެ އެވެ.

ފުރަތަމަ ގްރޫޕެއްގެ ގޮތުގައި ހައްޖަށް ދިޔައީ އިންޑޮނޭޝިޔާ ބަޔެކެވެ. އެ މީހުން ފުރަތަމަ ދިޔައީ މަދީނާ އަށެވެ. އެެއަށް ފަހު މާތްވެގެންވާ މައްކާއަށް ދާނެ އެވެ.

ސައުދީ އަރަބިއްޔާ އިން މިދިޔަ މަހު އިއުލާން ކުރި ގޮތުގައި، އަންނަ މަހު އޮންނަ، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް 1 މިލިއަން މީހުންނަށް ފުރުސަތު ދޭނެ އެވެ. އެއީ ސައުދީ ރައްޔިތުންނާ އެކު އެވެ. މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނީ ހަމައެކަނި ސައުދީ ރައްޔިތުންގެ ތެރެއިން 60،000 މީހުންނަށެވެ. އަދި އޭގެ ކުރީ އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ދިނީ 1،000 އަށް ވުރެ މަދު މީހުންނަށެވެ. އެއީ ވެސް ހަމައެކަނި ސައުދީ މީހުންނަށެވެ.

ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ބުނީ މި އަހަރުގެ ފުރަތަމަ ހައްޖު ގްރޫޕެއްގެ ގޮތުގައި އިއްޔެ ދިޔައީ އިންޑޮނޭޝިޔާގެ ހައްޖުވެރިން ކަމަށާ އަދި އެއަށް ފަހު މެލޭޝިޔާ އާއި އިންޑިއާގެ ފްލައިޓްތައް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސައުދީގެ ހައްޖު މިނިސްޓްރީން ބުނީ ﷲގެ މެހުމާނުންގެ ފުރަތަމަ ގްރޫޕު އިއްޔެ ސައުދީ އަރަބިޔާއަށް ގޮސްފައިވާ ކަމަށާ އަދި އެއީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ކަމަށެވެ. އެ މިނިސްޓްރީން ބުނީ ސައުދީ އަރަބިއްޔާ ވަނީ ހައްޖުވެރިންނަށް މެހުމާންދާރީ އަދާކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

ހައްޖުގެ އަޅުކަމަކީ އިސްލާމުންގެ މައްޗަށް އޮތް ފަސް ރުކުނުން އެއް ރުކުނެވެ. ކެރިކުޅަދާނަ ވެއްޖެ ކޮންމެ މުސްލިމަކު އެ މީހެއްގެ އުމުރުން އެއް ފަހަރަކު އެ އަޅުކަން އަދާކުރުމަށް އިސްލާމް ދީން މުސްލިމުންގެ މައްޗަށް އަންގަވާފައިވެ އެވެ.

މައްކާގައި ހުންނަ ކައުބަތުﷲގެ ގެފުޅަށް ގޮސް ހައްޖު ކުރުމުގެ މުނާސަބަތަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބަޔަކު އެއް ފަހަރާ ގޮސް، އަޅުކަމެއް އަދާ ކުރާ ހަމައެކަނި އަޅުކަމެވެ. ކޮވިޑްގެ ބަލިމަޑުކަމާ އެކު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ބޭރުގެ ގައުމުތަކަށް ބަންދު ކުރުމުގެ ކުރިން، 2019 ވަނަ އަހަރު 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާ ކުރި އެވެ.

ދުނިޔޭގެ ގިނަ މުސްލިމުންނަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދޭ ފުރުސަތު ހަނިކޮށްފައިވުމުން އެ މީހުން ވަނީ ވަރަށް ބޮޑު ތަކުލީފަކާ ކުރިމަތި ލާން ޖެހިފަ އެވެ. އެއީ އުމުރު ދުވަސް ވަންދެން ރައްކާ ކުރާ ފައިސާ ކޮޅުން ހައްޖުގެ އަޅުކަން އަދާ ނުކުރެވި އުޅެނިކޮށް މަރުވެދާނެތީ އެވެ.

މާތްވެގެންވާ މައްކާގެ ބިމުގައި ކުރާ ހައްޖުގެ އަޅުކަން ފުރިހަމަ ކުރެވެނީ ފަސް ދުވަހުންނެވެ.

ހައްޖުވެރިންނަށް މެހުމާންދާރީ އަދާ ކުރުމަކީ ސައުދީ އަރަބިއްޔާ ހިންގަވާ އެ ގައުމުގެ ވެރިންނަށް ލިބޭ ޝަރަފެކެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ސައުދީ އަރަބިއްޔާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ވަސީލަތަކީ ހައްޖަށް ދާ މީހުންނެވެ. އެ ބަލިމަޑުކަމުގެ ކުރިން އަހަރަކު އާމްދަނީގެ ގޮތުގައި ހައްޖުވެރިންގެ އަތުން 12 ބިލިއަން ޑޮލަރު ލިބެ އެވެ.

ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން މި ފަހަރު ކަނޑައަޅާފައިވާ ގޮތުން، މި ފަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދީފައިވަނީ އުމުރުން 65 އަހަރުން ދަށުގެ އަދި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ.

ސައުދީ އަރަބިއްޔާއަށް ދާ މީހުންނަކީ ހައްޖު ވިސާ އޮތުމުގެ އިތުރަށް، ކޮވިޑް-19ގެ ނެގެޓިވް ޓެސްޓެއް، ދަތުރު ފެށުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ މީހަކަށް ވާން ޖެހޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް