މަރުވި އުމުރުން އެންމެ 10 ދުވަހުގެ ތުއްތުކުއްޖެއްގެ މަންމަ ހޮސްޕިޓަލު ބޭރުގައި. (ފޮޓޯ/ ރޮއިޓާސް)
ސެނެގާލްގެ ހޮސްޕިޓަލެއްގައި ރޯވެ 11 ތުއްތުކުއްޖަކު މަރުވެއްޖެ
ސެނެގާލްގެ ހުޅަނގުގައި އޮންނަ ޓުލޭވާން ސިޓީގެ ހޮސްޕިޓަލެއްގެ މެޓާނިޓީ ޔުނިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 11 ތުއްތުކުއްޖަކު މަރުވެއްޖެ އެވެ.
އެ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށް ޓުލޭވާންގެ މޭޔަރު ޑެމްބާ ޑިއޮޕް ސައި ވަނީ ވިދާޅުވެފަ އެވެ. އެ ހާދިސާގައި މެޓާނިޓީ ޔުނިޓުން ސަލާމަތް ކުރެވިފައި ވަނީ ތިން ކުއްޖަކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ސެނެގާލްގެ އާންމުން ހިތާމަ ފާޅު ކުރަމުން ދާއިރު، ގިނަ ބަޔަކު ދަނީ ސަރުކާރުގެ ސިއްހީ ފަރުވާދޭ މަރުކަޒުތަކުގެ ދެރަ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މި ހާދިސާއާ ގުޅިގެން ސެނެގާލްގެ ސިއްހަތާ ބެހޭ ވަޒީރު އަބްދުއްލާޔޭ ޑިއޫފް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އަލިފާނުގެ ހާދިސާގެ ހަބަރު ފެތުރުމާ އެކު ތުއްތުކުދިންގެ އާއިލާތަކުން ވަނީ އެ ކުދިންގެ ހަބަރު ހޯދުމަށް މާމޭ އަބްދޫ އަޒީޒް ސައި ޑަބާކް ހޮސްޕިޓަލަށް އަވަހަށް ގޮސްފަ އެވެ. އަދި މަރުގެ ހަބަރު ލިބުމާ އެކު ހޮސްޕިޓަލު ތެރޭ އެ މީހުން ހިތާމަފާޅުކުރަން ފެށި އެވެ.
"އަހަރެންގެ ދައްތަ މިދިޔަ މަހު ކުއްޖަކު ވިހާފައި މަރުވީ. އެ ކުއްޖާ އުފަންވީ ހަތް މަހުގައި. އެހެންވެ އިތުރަށް ފަރުވާ ދޭން ޖެހުނު. އެކަމު މިހާރު އެ ކުއްޖާ ވެސް މި ވަނީ އަލިފާނުގައި މަރުވެފައި،" އަބްދޫ ކިޔާ މީހަކު ބީބީސީއަށް ބުންޏެވެ.
މުސްތަފާ ސިސޭ ކިޔާ މީހަކު ވަނީ މުހައްމަދުގެ ނަން ދީފައިވާ، އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު މަރުވި ކަމަށް ރޮއިޓާސް ނޫހަށް ކިޔައިދީފަ އެވެ. އެ ކުއްޖާގެ މަންމަ ރަމަތާ ގޫޔޭ ވެސް ވަނީ ވިހެއުމަށް ފަހު މަރުވެފަ އެވެ.
މުހައްމަދު ލިބިފައި ވަނީ ރަމަތާ އާއި އޭނާގެ ފިރިމީހާ އެލް ހަދްޖް ގޫޔޭ ކުއްޖަކު ހޯދަން މަސައްކަތް ކުރާތާ ހަތް އަހަރު ފަހުން ކަމަށާއި މުހައްމަދަކީ އެ ދެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށް ވެސް ސިސޭ ބުންޏެވެ.
"އޭނާގެ އަންހެނުން ފުރަތަމަ ވަކިވެގެންދިޔައީ. މިހާރު އޭނާގެ ދަރިފުޅު މި ގެއްލުނީ. އަހަންނަކަށް ނުކެރޭނެ އޭނާއާ ހަތަރުކަޅި ހަމަކުރާކަށް ވެސް،" ސިސޭ ބުންޏެވެ.
"މިއީ މިންވަރު ކުރެއްވި ގޮތް ބާ؟ ނުވަތަ މިއީ ސެނެގާލުގެ ހޮސްޕިޓަލުތައް ފޭލުވުން ބާ؟ މި ސުވާލު އަހަރެމެން އެބަ ޖެހޭ ސަރުކާރާ ކުރަން."
މިއީ އަލަށް ހުޅުވި ހޮސްޕިޓަލެއް ކަމަށް އެ ހިސާބުގެ މީޑިއާތަކާ ހަވާލާދީ އޭއެފްޕީ ނޫހުން ވަނީ ބުނެފަ އެވެ.
މި ހާދިސާއާ ގުޅިގެން ސެނެގާލްގެ ރައީސް މެކީ ސާލް ވަނީ ގައުމީ ހިތާމަފާޅުކުރުމުގެ ތިން ދުވަސް އިއުލާނު ކުރައްވާފަ އެވެ.
"އެ ކުދިންގެ މައިންނަށާއި އާއިލާތަކަށް އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ހަމްދަރުދީ ފޮނުވަން،" ރައީސް ސާލް ޓުވީޓު ކުރެއްވި އެވެ.
މިއީ ވަރަށް ހިތާމަވެރި އަދި ބަދުނަސީބު ހާދިސާއެއް ކަމަށް، މަގާމުން ވަކިކުރުމުގެ ކުރިން، ޑަބްލިޔުއެޗްއޯގެ ދަތުރެއްގައި ސްވިޓްޒެލެންޑުގެ ޖެނީވާގައި ހުންނަވައި ސިއްހަތާ ބެހޭ ވަޒީރު ސާ ވަނީ ވިދާޅުވެފަ އެވެ.
ސެނެގާލުގެ ސިއްހީ ދާއިރާއަށް ބޭނުންވާ ވަރަށް މުވައްޒަފުންނާއި ސާމާނާއި ބަޖެޓު ނުލިބޭތާ އެތައް އަހަރެއް ވެފައިވާކަން ގިނަ އޮބްޒާވަރުން ފާހަގަކުރެ އެވެ.
އަދި މި ހާދިސާ ހިނގި ޓުލޭވާން ސިޓީ ފަދަ ތަރައްގީވެފައިވާ ހިސާބުތަކާއި ރަށްފުށު ހިސާބުތަކުގައި ހުރި ސިއްހީ ފަރުވާދޭ ތަންތަނުގެ ހާލަތާ މެދު ވެސް ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
ހައްގުތަކަށް މަސައްކަތް ކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހާދިސާއާ ގުޅޭ މިނިވަން ތަހުގީގެއް ހިންގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސެނެގާލު ސަރުކާރަށް ގޮވާލާފަ އެވެ.
މިދިޔަ އަހަރު ވެސް، ސެނެގާލުގެ ލިންގުއަރޭ އަވަށުގައި ހުންނަ ނިއޯނޭޓަލް ޔުނިޓެއްގައި މިފަދަ އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު ކުއްޖަކު މަރުވެފައިވެ އެވެ. އެ ޔުނިޓުގައި އަލިފާން ރޯވީ އެއާ ކޮންޑިޝަން ޔުނިޓެއްގައި ދިމާވި އިލެކްޓްރިކަލް މައްސަލައަކުން ކަމަށް އެ ސަރަހައްދުގެ މޭޔަރު އޭރު ވިދާޅުވި އެވެ. އެ ފަހަރު ވެސް އެމްނެސްޓީން ވަނީ ސެނެގާލުގެ ނިއޯނޭޓަލް ޔުނިޓުތަކުގެ ހާލަތު ބެލުމަށް ގޮވާލާފަ އެވެ.
މީގެ އިތުރުން، މި މަހު ކުރީކޮޅު ސެނެގާލު ހޮސްޕިޓަލެއްގައި ނަރުހެއްގެ އެހީތެރިޔަކު، މަރުވި ކަމަށް ކަނޑައެޅި ތުއްތުކުއްޖަކު މޯޗަރީއަށް ގެންދިޔަ ފަހުން ދިރިހުރިކަން ފާހަގަވި ހާދިސާއެއް ވެސް ވަނީ ހިނގާފަ އެވެ. އަދި ބުދަ ދުވަހު ޓުލޭވާން ސިޓީގައި އަލިފާނުގެ ހާދިސާ ހިނގީ ސެނެގާލުގެ އަސްތޫ ސޯކްނާގައި ވިހެއުމަށް 20 ގަޑިއިރު ވަންދެން މަސައްކަތް ކުރި އަންހެނަކު ސިޒޭރިއަންއަކަށް އެދި އާދޭސް ކުރަމުން ދަނިކޮށް އޭނާ އާއި ދަރިފުޅު މަރުވި ހާދިސާއަކާ ގުޅިގެން ގިނަ ބަޔަކު ހިތާމަފާޅުކުރަމުން ދަނިކޮށެވެ.