ދިގު ދަތުރުގެ ބައިވެރިން ދުރު ހިސާބެއްގެ ދަނޑެއް ތެރޭގައި: މި އެތްތަކުގެ ދަތުރަށް ސައިންސްވެރިންގެ ލޯ ހުއްޓުނު

ޗައިނާ

މި އެތްތަކުގެ ދަތުރަކީ، ސައިންސްވެރިންނަށް ވެސް އަޖައިބެއް

6 ސެޕްޓެމްބަރު 2021

ޖަންގަލީގައި އުޅޭ އެތްތައް ގްރޫޕް ހަދައިގެން އެހެން ހިސާބުތަކަށް ދަތުރުކުރުމަކީ އާދަޔާ ހިލާފު ކަމެއް ނޫނެވެ. އެހެން ގޮސް އުޅެލާފައި، އެނބުރި އޭގެ މަންޒިލަށް އަވަހަށް ވާސިލްވެ އެވެ. އެކަމަކު މިއަންމާ އާއި ލާއޯސްގެ ސަރަހައްދީ ރޮނގާ އިންވެގެން އޮންނަ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ޝިއުއަންގުބަނާ ނެޝަނަލް ނޭޗާ ރިޒާވްގައި އުޅޭ 14 އެތެއް، މިދިއަ އަހަރުގެ މާޗު މަހު ފެށި ދަތުރުން، ސައިންސްވެރިން ވެސް ވަނީ ހައިރާންކޮށްލައިފަ އެވެ.

މި އެތްތައް އެތައް ސަތޭކަ ކިލޯމީޓަރަކަށް ދަތުރުކުރި އެވެ. މި ހިނގުމުގައި ބައެއް ވިލެޖްތަކަށް ވަދެ ގެތައް ހަލާކުކޮށްލި އެވެ. މަގުމަތީގައި ވިހާފައިވެ އެވެ. އެތްތަކުގެ ހަމަލާއަކުން ސަލާމަތްވާން ލައްކައަކަށް ވުރެ ގިނަ މީހުން ގެދޮރުން ނެރެން ޖެހުނެވެ.

ޗައިނާގެ އޮފިޝަލުން ބުނާ ގޮތުގައި ދިގު ދަތުރު ނިންމައި، އެތްތައް މިހާރު ވަނީ އެނބުރި އޭގެ މަންޒިލަށް މިސްރާބު ޖަހައިފަ އެވެ.

މީހުންނާއި ދަނޑުތަކާއި އިމާރާތްތަކުން ހުރަސް ނޭޅޭ ގޮތަށް އެތްތައް ހެލިފެލިވެ އުޅޭނެ ޖާގަ ދަނީ ނެތެމުން

އަހިމްސާ ކެމްޕޮސް-އާސިޒް

ބޮޑުމިނުގައި 000،241 ހެކްޓަރު ހުންނަ ޝިއުއަންގުބަނާ ނޭޗާ ރިޒާވް ދޫކޮށް، 14 އެތް ފުރަތަމަ ހިނގައިގަތީ އުތުރަށެވެ. އެއީ އާދަޔާ ހިލާފު ބައިގަނޑެއްކަން ފުރަތަމަ ރޭކާލީ، ގެތައް ހަލާކުކޮށް، ދަނޑުބިންތައް ފުނޑުކޮށް ހަދާކަމުގެ ހަބަރުތައް ފެތުރުމުންނެވެ. އަދި އެތައް ސިޓީއެއްގެ މަގުތަކުގައި އުޅެނިކޮށް ސީސީޓީވީއަށް އަރާފައިވާ މަންޒަރުތައް ވައިރަލްވި އެވެ.

މި އެތްތަކުގެ ހަރަކާތްތައް، އޭގެ ތަޖުރިބާކާރުންނަށް ވެސް ވީ އަޖައިބަކަށެވެ. އެކަމަކު ކޮންޒަވޭޝަން ލެޓާސް ޖާނަލްގައި ޖަހަން ތައްޔާރުކޮށްފައިވާ ދިރާސާއެއްގައި، ދިގު ދަތުރަށް އެތްތައް ނުކުތް ސަބަބުތައް ލަފާކުރި އެވެ. ޕްރެފެސަރު އަހިމްސާ ކެމްޕޮސް-އާސިޒް އިސްކޮށް ހުންނަވައި ހެއްދެވި ދިރާސާގައި ބުނެފައިވާ ގޮތުގައި އެތްތައް އޭގެ އަސްލު ސަރަހައްދުން ނުކުތީ ކާނެ އެއްޗެއް ހޯދާށެވެ.

ދިގު ދަތުރުގެ ބައެއް އެތްތައް ކިސަނޑުގަނޑެއްގައި މަޖާކުރަނީ: މި އެތްތައް ޗައިނާގެ މަގުތަކާއި ވިލެޖްތަކަށް ވަދެ، ގެއްލުންތައް ވެސް ދިން

ރިޕޯޓްގައި ލަފާކުރީ އެތްތައް އުޅެމުން އައި ހިސާބުގަނޑުގެ އެތުގެ އާބާދީ ބޮޑުވަމުން ދިއުމުން ކާނެ އެއްޗެއް ހޯދުމުގެ ވާދަވެރިކަން ބޮޑުވުމެވެ. ޗައިނާއަށް ތައުރީފް ހައްގުވާ މިންވަރަކަށް އެތުގެ ހިމާޔަތުގައި މަސައްކަތްކުރުމުގެ ނަތީޖާއަކީ، ނެތިދާނެކަމުގެ ބިރު އޮތް އެތުގެ އާބާދީ މިދިއަ 30 އަހަރުގެ ތެރޭގައި 300 އަށް އެރުމެވެ.

"މި ކާމިޔާބީން ފެތުރުނު އަސަރުތަކާ މެދު އަހަރެމެން އަޅާލަން ޖެހޭ ހިސާބަށް އަސްލު ގޮސް މި އޮތީ. އެއީ މީހުންނާއި ދަނޑުތަކާއި އިމާރާތްތަކުން ހުރަސް ނޭޅޭ ގޮތަށް އެތްތައް ހެލިފެލިވެ އުޅޭނެ ޖާގަ ދަނީ ނެތެމުން،" ކެމްޕޮސް-އާސިޒް ވިދާޅުވި އެވެ.

އެތްތައް ދަތުރު ފެށުމުގެ ގާތްގަނޑަކަށް އަހަރެއް ކުރިން ލައްވާލި ހަނަފަސްކަމާ ހެދި ވެސް، އެސޮރުމެންނަށް ކާނާ ލިބުން ދަތިވި އެވެ.

އެއް ބަޔަކު ބުނާ ގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ބޭރުން ޖަންގަލިތައް ކޮށުން ފަދަ ކަންކަމާ ހެދި، އެތަށް ބޭނުންވާ މާހައުލު، މިދިއަ އަހަރުތަކުގައި، ޗައިނާގައި ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އެތްތަކުގެ ދަތުރު ދައްކައިދޭ ޓްވީޓެއް

ޔުނާންގެ ފެހިކަން ގަދަ ފަރުބަދަމަތީގެ ސަރަހައްދު ވެސް ދޫކޮށް އެތްތައް ދާން ފެށުމުން އޭގެ ހަރަކާތްތައް ބަލަން ޗައިނާ ސަރުކާރުން ހާއްސަ ޓީމެއް އެކުލަވާލި އެވެ. އެ ޓީމުން އެތައް ހާސް ބަޔަކު ބޭނުންކުރި އެވެ. އެ އެތުގެ އައިން މިސްރާބު ޖަހާ ވިލެޖްތަކާއި ސިޓީތަކަށް އެރިޔަ ނުދީ މަގު ދެއްކުން ފަދަ، ހަރަކާތްތައް އެ މީހުން ކުރި އެވެ.

އެތަކީ ވަރަށް ގިނައިން ކާން ބޭނުންވާ ޖަނަވާރެކެވެ. މިހާތަނަށް 180 ޓަނުގެ ޒުވާރި އާއި ދޮންކޭލާއި އަލަނާސި ވަނީ ކާންދީފަ އެވެ.

އެތްތަކުގެ ދަތުރާ ގުޅޭ ބޮޑެތި އަދަދުތައް

  • 150،000: ދުރަށް ގެންދަން ޖެހުނު މީހުންގެ އަދަދު

  • 1 މިލިއަން ޑޮލަރު: ލިބުނު ގެއްލުންތަކުގެ މިންވަރު

  • 973: ޑްރޯންތައް އުދުއްސި ވަރު

  • 25،000: އެތްތަކުގެ ހަރަކާތްތައް ބަލަން ހަމަޖެއްސި މީހުންގެ އަދަދު

އެ އެތްތަކަށް އެހީތެރިވާން އެއް ބަޔަކު އުޅުނު އިރު، އޭގެ ދަތުރުގެ މަންޒަރުތައް ނަގަން ޑްރޯންތައް ވެސް ބޭނުންކުރި އެވެ. ނެގި ރީތި ފޮޓޯތަކުގެ ތެރޭގައި ކިސަޑުގައި އުޅޭ މަންޒަރު ފަދަ، ތަފާތު އެތައް ހަނދާނެއް ވަނީ ރައްކާކޮށްފަ އެވެ.

މިދިއަ އެޕްރީލް މަހު ދެ އެތެއް ވަނީ ގްރޫޕުން ވަކިވެ، އޭގެ އަސްލު މަންޒިލަށް ދާން މިސްރާބު ޖަހައިފަ އެވެ. ޖޫން މަހު އިތުރު އެތެއް، އައިންގެ ތެރެއިން މަގުއޮޅުނެވެ. އެހީތެރިވާން އުޅުނު މީހުން ވަނީ އެ އެތް ނަގައިގަނެގެން ގެންގޮސް ނޭޗާ ރިސާވަށް ދޫކޮށްލައިފަ އެވެ. އެމީހުން ގަބޫލުކުރީ ގްރޫޕާ ވަކިން އެކަނި ދަތުރުކޮށް، އެއަށް ސަލާމަތްނުވެވިދާނެ ކަމަށެވެ.

ޕްރޮފެސަރު ކެމްޕޮސް-އާސިޒް ވިދާޅުވީ މަދުވެގެން ދެ އެތް، މި ދަތުރުގައި ވިހާފައިވާ ކަމަށެވެ.

އެތުގެ އަސްލު ހަރަކާތްތަކަށް ބަލާއިރު އެއީ އެ އުޅޭ ސަރަހައްދާ މާ ދުރަށް ގޮސް އުޅޭ އެއްޗެއް ނޫން

500 ކިލޯމީޓަރަށް ފަހު މިސްރާބު ބަދަލު

މިދިއަ ޖޫން މަހު އެތުގެ އައިންގެ މިސްރާބު، އޭގެ އަސްލު ހިޔާވަހިކަމާ ދިމާލަށް ބަދަލުކޮށްލި އެވެ. އޭރު އެ އެއްޗެހި ވަނީ ޔުނާން ޕްރޮވިންސްގެ ވެރިރަށް ކުންމިންގާ ހިސާބަށް ދަތުރުކޮށްފަ އެވެ. އެއީ އެ އެތްތައް އުޅުނު ނޭޗާ ރިޒާވާ ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރެވެ. މިއީ ޔުނާންގެ އެތެއް ދަތުރުކުރި އެންމެ ދިގު ރާސްތާ އެވެ.

އޮގަސްޓް 8 ގައި އެތްތައް ތިބީ ޝިއުއަންގުބަނާ ނެޝަނަލް ނޭޗާ ރިޒާވްއާ 200 ކިލޯމީޓަރު ދުރުގަ އެވެ. އެކަމަކު ސީދާ އެތަނަށް އެ އެއްޗެހި ހިނގައިދާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

މިހާރު ވެސް މި އެތްތައް އެ ވަނީ އޭގެ އަސްލު މިޒާޖާ މުޅިން ތަފާތުކޮށް ހަރަކާތްތެރިވެފަ އެވެ. އެފަދަ ބަދަލުތަކެއް އަންނަނީ ޖަންގަލިތައް ކޮށައި، އެ އެއްޗެހީގެ ދިރިއުޅުމަށް އުނދަގޫވާ ހިސާބަށް ދިއުމުންނެވެ.

ޗައިނާގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ނެތިދާނެކަމުގެ ބިރު އޮތް އޭޝިއަން އެލެފަންޓަށް އަމާޒުކޮށް، ހާއްސަ ޕާކެއް ހެދުމުގެ މަސައްކަތް އަވަސްކުރާނެ އެވެ. އޭރުން އެއްވެސް އުނދަގުލެއް ނެތި އެ އެއްޗިއްސަށް އެތަނުގައި ދިރިއުޅެވޭނެ ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް