ދިއްލީގައި މުޒާހަރާ ކުރަމުންދިޔަ މީހުންނަށް ފާރަލާން ބޭނުންކުރި ވޭނެއް ކައިރިން ފުލުހުންތަކެއް ހިނގާފައި ދަނީ. (ފޮޓޯ/ރޮއިޓާސް)
އިންޑިއާގެ މުޒާހަރާތަކުގައި އޭއައި ބޭނުންކޮށްގެން ފާރަލުމާ ދެކޮޅަށް އެކްޓިވިސްޓުން ކޯޓަށް
އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލާގައި މިދިޔަ ހަފުތާގައި ދަރިވަރުން ކުރި މުޒާހަރާތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސަރުކާރުން މީހުން މޮނީޓަރުކޮށް ބެލެހެއްޓި މައްސަލައާ ދެކޮޅަށް އިންޑިއާގެ އެކްޓިވިސްޓުން ތެދުވެއްޖެ އެވެ.
އާންމު މުޒާހަރާތަކުގައި ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރުމުގެ ގާނޫނީ ސައްހަކަމާ މެދު ކޯޓުގައި ވަނީ ގޮތެއް ނިންމަން ތައްޔާރުވެފަ އެވެ.
ދަރިވަރުންގެ އެކްޓިވިސްޓް އައިޝޭ ގޯޝް ވަނީ މިފަދަ ފުޅާ ދާއިރާއެއްގައި މީހުންނަށް ފާރަލައި ބެލެހެއްޓުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ކަނޑައެޅުމަށާއި މުޒާހަރާގެ ތެރޭގައި އެއްކުރެވުނު އަމިއްލަ މައުލޫމާތުތައް ނައްތާލުމަށް އަމުރުކުރުމަށާ އަދި ސަވޭލަންސް ޓެކްނޮލޮޖީ ބޭނުންކުރާނެ އުސޫލުތަކެއް ގާއިމުކުރުމަށް އެދި ދިއްލީ ހައި ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.
އިންޑިއާ ސަރުކާރުން މި ފިޔަވަޅުތަކުގެ ދިފާއުގައި ބުނީ، މިއީ އާންމު ހަމަޖެހުން ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅުތަކެއް ކަމަށެވެ. ސޮލިސިޓަރު ޖެނެރަލް ތުޝާރު މެހެތާ ކޯޓުގައި ވިދާޅުވީ، އާންމު އެއްވުމެއްގައި ޕްރައިވެސީ އޮންނަންޖެހޭނެ ކަމަށް ބުނާ ބުނުމަކީ "މަޖާ" ކަމެއް ކަމަށާއި މިފަދަ ފިޔަވަޅުތަކަކީ ކޮންމެހެން ބޭނުންތެރި އަދި ދައުލަތުގެ މަސްލަހަތު ހިމެނޭ ކަންކަން ކަމަށެވެ.
ޑިޖިޓަލް ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މި ސަވޭލަންސްއަށް ފާޑުކިޔާފަ އެވެ. އަދި ފުލުހުން ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރުން ހުއްދަ ކުރާނެ އެއްވެސް ގާނޫނެއް އިންޑިއާގައި ނެތްކަން އެ ފަރާތްތަކުން ފާހަގަކުރި އެވެ.
އިންޓަނެޓް ފްރީޑަމް ފައުންޑޭޝަނުން ވަނީ މުޒާހަރާގެ ތެރޭގައި އެއްކުރެވުނު ބަޔޮމެޓްރިކް ޑޭޓާ ނައްތާލުމަށް ގޮވާލާފަ އެވެ.
"ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުންޔަސް، އަޅާ ފިޔަވަޅުތަކުގައި ހަމަހަމަކަމާއި އެ ވަގުތަކަށް ނިސްބަތުން އެކަށޭނަ ފިޔަވަޅަކަށް ވާންޖެހޭނެ. ޒިންމާދާރުކުރުވުން އޮންނަންޖެހޭނީ ދެ ފަރާތަށް ވެސް ހަމަހަމަކޮށް،" ޓެކްނޮލޮޖީ ވަކީލު އާކާޝް ކަރްމަކާރު ވިދާޅުވި އެވެ.
ދިއްލީ ފުލުހުން ވަނީ ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން މިނިވަންކަމަށް ހުރަސްއެޅި ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ފުލުހުން ބުނީ އޭއައި ސިސްޓަމްތައް ބޭނުންކުރީ ކުށްކުރުމުގެ ރެކޯޑު އޮންނަ މީހުން ދެނެގަތުމަށާއި މުޒާހަރާގެ ބައިވެރިންގެ އަދަދު ހިސާބުކުރުމަށް އެކަނި ކަމަށެވެ.
ކޮމެންޓް