އިންޑިއާގެ ފިހާރައެއްގައި ބަހައްޓާފައި ހުރި އެނާޖީ ޑްރިންކް ދަޅުތަކެއް. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

ކެފެއިން ގިނަ ބުއިންތަކަށް އެނާޖީ ޑްރިންކް ކިއުން އިންޑިއާއިން މަނާކޮށްފި

އިންޑިއާގެ އެނާޖީ ޑްރިންކް މާކެޓް 2028 ވަނަ އަހަރާ ހަމައަށް އަންނައިރު 1.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ރެގިއުލޭޓަރުން ވަނީ މިފަދަ އުފެއްދުންތަކުގައި ކެފެއިން، ހަކުރު އަދި ޓޯރިން މަތީ މިންވަރަކަށް ހުންނާތީ ކަންބޮޑުވުން ފާޅުކޮށްފައި
49 މިނިޓު ކުރިން

ކެފެއިން ގިނައިން އެކުލެވޭ ބުއިންތައް އެނާޖީ ޑްރިންކްގެ ގޮތުގައި އިޝްތިހާރުކޮށް މާކެޓުކުރުން ހުއްޓާލުމަށް އިންޑިއާއިން އުފެއްދުންތެރިންނަށް އަންގައި މި ނިންމުން ލަސްކުރުމަށް އިންޑަސްޓްރީން ކުރި މަސައްކަތްތައް ބާތިލުކުރުމަށް ފަހު އެ ލޭބަލް އުނިކުރުމަށް ކުންފުނިތަކަށް 90 ދުވަހުގެ މުއްދަތެއް އިއްޔެ ދީފި އެވެ.

ފުޑް ސޭފްޓީ އެންޑް ސްޓޭންޑާޑްސް އޮތޯރިޓީ އޮފް އިންޑިއާ (އެފްއެސްއެސްއޭއައި)ން ބުނީ އެނާޖީ ޑްރިންކްގެ ގޮތުގައި ސިފަކުރާ އުފެއްދުންތަކަށް ގައުމީ ފެންވަރުގެ މިންގަނޑެއް ނެތް ކަމަށާއި މިފަދަ ބުއިންތަކަކީ ހަށިގަނޑާއި ސިކުނޑިއަށް އާރޯކަން ދޭ ނުވަތަ ވަރުބަލިކަމަށް އެހީވެދޭ އެއްޗެއްގެ ގޮތުގައި ކުރާ ދައުވާތަކަކީ އޮޅުވާލުމެއް ކަމަށެވެ.

މި އެންގުން އަމާޒުވަނީ ޕެޕްސީ، ރެޑްބުލް، މޮންސްޓާ ބެވަރޭޖް، ރިލަޔަންސް އަދި ހެލް އެނާޖީ ހިމެނޭހެން ބޮޑެތި ބްރޭންޑްތަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެފްއެސްއެސްއޭއައިގެ ޗީފް އެކްޒެކެޓިވް ރަޖީތު ޕަންހާނީ ވަނީ މި ނިންމުމާ މެދު ހިޔާލު ތަފާތުވާ ނަމަ، ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް އިންޑަސްޓްރީގެ މަންދޫބުންނަށް އަންގަވާފަ އެވެ.

އިންޑިއަން ބެވަރޭޖް އެސޯސިއޭޝަނުން ބުނީ ގަވާއިދުތަކަށް އަމަލުކުރުމުގައި ދެމިތިބޭނެ ކަމަށެވެ. ނަމަވެސް، މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް އޮޅުންބޮޅުންވެ، ވިޔަފާރިތަކަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު ދެމުން، ލަފާކުރެވޭ އަދި މަޝްވަރާކުރެވޭ އުސޫލުތަކެއް ގާއިމުކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

އިންޑިއާގެ އެނާޖީ ޑްރިންކް މާކެޓް 2028 ވަނަ އަހަރާ ހަމައަށް އަންނައިރު 1.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ރެގިއުލޭޓަރުން ވަނީ މިފަދަ އުފެއްދުންތަކުގައި ކެފެއިން، ހަކުރު އަދި ޓޯރިން މަތީ މިންވަރަކަށް ހުންނާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރާޖަސްތާން ސްޓޭޓުން މިހާރު ވަނީ މިފަދަ ތަކެތި ހިފަހައްޓައި އީ-ކޮމާސް ޕްލެޓްފޯމްތަކުން އެނާޖީ ޑްރިންކްގެ ގޮތުގައި ބުއިންތައް އިޝްތިހާރު ނުކުރުމަށް އަންގައި އާ ގަވާއިދަށް އަމަލުކުރަން ފަށާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް