ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/ރޮއިޓާސް)

އެމެރިކާ އާއި އީރާނުން ރަނގަޅު މަޝްވަރާތަކެއް އެބަކުރޭ: ޓްރަމްޕް

އެމެރިކާގެ ވައިގެ ހަމަލާތައް މެދުކަނޑާލުމާއި ސުލްހައިގެ އާ އުންމީދުތަކާ އެކު ތެލުގެ އަގު ވަނީ ދަށްވެފައި؛ ބްރެންޓް ކުރޫޑްގެ އަގު %9 ދަށްވިިއިރު، އެމެރިކާގެ ކުރޫޑްގެ އަގު ވަނީ %8 ދަށްވެފައި
42 މިނިޓު ކުރިން

އީރާނާ އެކު އެއްބަސްވުމަކަށް އާދެވުމުގެ ރަނގަޅު ފުރުސަތެއް އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.

ނަމަވެސް، މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އެމެރިކާގެ އަސްކަރީ ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

"އަޅުގަނޑުމެން ދަނީ ރަނގަޅު މަޝްވަރާތަކެއް ކުރަމުން،" ޓްރަމްޕް ވިދާޅުވި އެވެ.

"އަޅުގަނޑު ހީކުރަނީ ކަމެއް ހަމަޖެހިގެން ދިއުމުގެ ރަނގަޅު ފުރުސަތެއް އެބައޮތް ކަމަށް. އެކަން ވެއްޖެ ނަމަ، ރަނގަޅު. އެކަން ނުވެއްޖެ ނަމަ، ދެ ދުވަސް ކުރިން އަޅުގަނޑުމެން ކުރަމުންދިޔަ ކަންތަކަށް އަލުން އެނބުރިދާނީ."

އީރާނުން ވަނީ މެދުވެރިން މެދުވެރިކޮށް އަދިވެސް މެސެޖުތައް ބަދަލުކުރެވެމުންދާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މަޝްވަރާތަކަށް އެދިފައިވާނީ އީރާނުން ކަމަށް ފެތުރޭ ރިޕޯޓްތައް އެ ގައުމުން ވަނީ ދޮގުކޮށްފަ އެވެ.

"މިއީ އަޅުގަނޑުމެންގެ މިޒާޖުގައި އޮތް ކަމެއް ނޫން،" ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވި އެވެ.

ހާރިޖީ ގޮތުން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ސަރަހައްދީ ނުތަނަވަސްކަން އެބައޮތެވެ.

ސައުދީ އަރަބިއްޔާއިން ބުނީ ތެޔޮ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކެއް ގޮއްވާލާފައިވާ ކަމަށާއި މިކަމުގެ ތުހުމަތު ޔަމަނުގައި ތިބި އީރާނުގެ މަދަދު ލިބޭ ޖަމާއަތްތަކުގެ ބޮލުގައި އަޅުވާފައިވާ ކަމަށެވެ. ޔަމަނުގެ ހޫތީން ވެސް ވަނީ ސައޫދީގެ ތެޔޮ ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން، އެމެރިކާއިން "ގައިރު ގާނޫނީ ކަނޑުގެ ބަންދެއް" ތަންފީޒުކުރަން މަސައްކަތްކުރާ ކަމަށް އީރާނުން ތުހުމަތުކޮށްފައިވާއިރު، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އަދިވެސް އޮތީ އެ ގައުމުގެ އަތްމަތީގައި ކަމަށް އީރާނުން ބުންޏެވެ.

އެމެރިކާގެ ވައިގެ ހަމަލާތައް މެދުކަނޑާލުމާއި ސުލްހައިގެ އާ އުންމީދުތަކާ އެކު ތެލުގެ އަގު ވަނީ ދަށްވެފަ އެވެ. އެގޮތުން، ބްރެންޓް ކުރޫޑްގެ އަގު %9 ދަށްވިިއިރު، އެމެރިކާގެ ކުރޫޑްގެ އަގު ވަނީ %8 ދަށްވެފަ އެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ ހަތިޔާރު ހުސްވަނީ ކަމަށް ފެތުރޭ ރިޕޯޓްތައް ދޮގުކުރައްވައި އަސްކަރިއްޔާގައި ބޭނުންވާ ވަރަށް ވުރެ މާ ގިނަ ހަތިޔާރު އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް