ސީރިއާގެ ރައީސް އަހްމަދު އަލް-ޝަރާއު. (ފޮޓޯ/އަލް-ޖަޒީރާ)

ސީރިއާ

އިޒްރޭލާ އެކު ސަލާމަތީ އެއްބަސްވުމަކަށް އައުމަށް ސީރިއާއިން މަސައްކަތްކުރަނީ

އަލް-ޝަރާއު ވިދާޅުވީ، ހުށަހެޅިފައިވާ އެއްބަސްވުމުގެ ސަބަބުން، އިޒްރޭލުން ހިފާފައިވާ ގޯލާން އުސްބިންތަކަށް ސީރިއާއިން ކުރާ ދައުވާއަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް
58 މިނިޓު ކުރިން

އިޒްރޭލާ އެކު ސަލާމަތީ އެއްބަސްވުމަކަށް އައުމަށްޓަކައި ސީރިއާއިން އެކި ގައުމުތަކާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށާއި، މިއީ ސަރަހައްދަށް ފުޅާ ދާއިރާއެއްގައި ސުލްހަ ގެނައުމަށް ހުޅުވިގެންދާ މަގަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ސީރިއާގެ ރައީސް އަހްމަދު އަލް-ޝަރާއު ވިދާޅުވެއްޖެ އެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އަލް-ޝަރާއު ވިދާޅުވީ، ހުށަހެޅިފައިވާ އެއްބަސްވުމުގެ ސަބަބުން، އިޒްރޭލުން ހިފާފައިވާ ގޯލާން އުސްބިންތަކަށް ސީރިއާއިން ކުރާ ދައުވާއަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. އަދި ސީރިއާއިން އިޒްރޭލާ އެކު އަސްކަރީ ކުރިމަތިލުމަކަށް ދިއުމުން ދުރުހެލިވަނީ، މި މައްސަލައަށް ފުޅާ އަދި މުޅި ސަރަހައްދަށް އަމާންކަން ގެނެސްދެނިވި ހައްލަކަށް މަގުފަހިކޮށްދޭނެ ސަލާމަތީ އިންތިޒާމެއް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލް-ޝަރާއު ވަނީ ލުބުނާނަށް އަސްކަރީ ގޮތުން ވަދެގަތުމުގެ ވިސްނުން ނެތްކަން ހާމަކުރައްވާފަ އެވެ. އޭގެ ބަދަލުގައި ސީރިއާއިން މަސައްކަތްކުރަނީ ލުބުނާނަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިންޒާރު ދެއްވި ގޮތުގައި، ލުބުނާނުގެ ހަމަޖެހުން ގެއްލިގެންދާ އެއްވެސް ކަމެއްގެ ސީދާ އަސަރު ސީރިއާއަށް ވަގުތުން ކުރާނެ އެވެ. އަދި އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ އެކު ފުޅާ ދާއިރާއެއްގައި ކުރާ ހަނގުރާމައެއްގެ ސަބަބުން މުޅި ސަރަހައްދަށް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީރިއާގެ އެތެރޭގެ މައްސަލަތަކަށް ބައްލަވާލައްވަމުން ސީރިއާގެ ލީޑަރު ވިދާޅުވީ، ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިނުކުރާހާ ހިނދަކު، ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކުން އެކަނި ފުދޭކަށް ނެތް ކަމަށެވެ.

ކުރުދީން އިސްވެ ހިންގާ ސީރިއަން ޑިމޮކްރެޓިކް ފޯސަސްއާ އެކު ވެވިފައިވާ އެއްބަސްވުމަށް އަމަލުކުރުން ލަސްވި ނަމަވެސް، ސަރުކާރުން އެ އެއްބަސްވުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މީގެ އިތުރުން، ސީރިއާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް