ގާޒާގެ ރެފިއުޖީ ކޭމްޕެއް. (ފޮޓޯ/ރޮއިޓާސް)
ގާޒާއަށް ބައިނަލްއަގުވާމީ ސަލާމަތީ ފައުޖެއް ފޮނުވަން އިޒްރޭލުން ހުއްދަދީފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ފަލަސްތީނުގެ ގާޒާއަށް ބައިނަލްއަގުވާމީ ސަލާމަތީ ފައުޖެއް އެތެރެވުމަށް ބޭނުންވާ ގާނޫނީ އޮނިގަނދު އިޒްރޭލުން ފާސްކޮށްފި ކަމަށް އެ ގައުމުގެ އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެ އެވެ.
މިއީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވޮޝިންޓަނަށް ކުރައްވާ ޒިޔާރަތުގެ ކުރިން ނިންމި ނިންމުމެކެވެ.
އޮފިޝަލް ވިދާޅުވީ 'އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް'ގައި އުގެންޑާ އާއި މޮރޮކޯ ފަދަ އެކުވެރި ގައުމުތަކުގެ ގާތްގަނޑަކަށް 200 ސިފައިން ބައިވެރިވާނެ ކަމަށެވެ. އަދި މި ފައުޖު ހަރަކާތްތެރިވާނީ އިޒްރޭލުގެ ކޮންޓްރޯލް ނެތް ސަރަހައްދުތަކުގައި ކަމަށާއި ކޮންމެ ފައުޖެއް ފޮނުވުމުގައި ވެސް އިޒްރޭލުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ނިންމުން ނިންމާފައިވަނީ، ހުއްޓުމަކަށް އައިސްފައިވާ ގާޒާގެ ސުލްހައިގެ ރޭވުމާ މެދު މަޝްވަރާކުރުމަށް، ޓްރަމްޕާ ބައްދަލުކުރެއްވުމަށް ނަތަންޔާހޫ މާދަމާ ވޮޝިންޓަނަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
ޓްރަމްޕްގެ ހުށަހެޅުމުގައި ވަނީ އިންސާނީ އެހީ އިތުރުކުރުމަށާއި ފަލަސްތީނުގެ ޓެކްނޯކްރެޓުންގެ ސަރުކާރަކުން ވެރިކަން ހިންގުމަށާއި ހަމާސްގެ ހަތިޔާރު އަތުލުމަށާއި އަދި އިޒްރޭލު ސިފައިން ގާޒާއިން ފޭބުމެވެ. ނަމަވެސް، ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް އިންކާރުކުރުމާއި އިޒްރޭލުން ގާޒާގެ %70އަށް އެ މީހުންގެ ކޮންޓްރޯލް ފުޅާކުރަން ބޭނުންވާ ކަމަށް ބުނުމާ ގުޅިގެން މި ރޭވުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
ޓްރަމްޕްގެ ގާޒާ ސަފީރު ނިކޯލައި މްލަދެނޯވް ވަނީ މި ފިޔަވަޅަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، މިއީ ގާޒާ ހަމައަކަށް އަޅުވައި ހަތިޔާރު އަތުލުމަށާ އަދި ފަލަސްތީނުގެ ވަގުތީ ސަރުކާރަކަށް ވެރިކަން ބަދަލުކުރުމަށް އެއްބަސްވެވުނު އެމްއޯޔޫގައި ހިމެނޭ ވަރަށް މުހިންމު ބައެއް ކަމަށެވެ.
ކޮމެންޓް