ކަޒަކިސްތާނުގެ ތެޔޮ ކާރުހާނާއެއް. (ފޮޓޯ/ރޮއިޓާސް)

އެމެރިކާ އާއި އީރާނުން ހަމަލާތައް މެދުކަނޑާލުމާ އެކު، ތެލުގެ އަގު %5 ދަށަށް

ނުތަނަވަސްކަން ކުޑަވި ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅި އާއި ބާބު އަލްމަންދަބު ކަނޑުއޮޅިން ކުރާ ދަތުރުފަތުރު އަދިވެސް އުޅެނީ އާންމު ހާލަތަށް ވުރެ ދަށުގައި
1 ގަޑިއިރު ކުރިން

އެމެރިކާ އާއި އީރާނުން މިދިޔަ ހަފުތާ ބަންދުގައި އަސްކަރީ ހަމަލާތައް ދިނުން މެދުކަނޑާލުމާ ގުޅިގެން، ހާރިޖީ ހައްލެއް ލިބި ހޮރްމޫޒް ކަނޑުއޮޅިން އަލުން ދަތުރުފަތުރު ފެށިދާނެކަމުގެ އުންމީދު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ގާތްގަނޑަކަށް %5 ދަށްވެއްޖެ އެވެ.

ބްރެންޓް ކުރޫޑްގެ އަގު %5.05 ދަށްވެ، ފީފާއެއްގެ އަގު 91.89 ޑޮލަރަށް ތިރިވިިއިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގެ އަގު ވަނީ %5.23 ދަށްވެ، ފީފާއެއް 84.64 ޑޮލަރަށް ތިރިވެފަ އެވެ. ހަނގުރާމައިގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅިން ފެށިގެން ރަތްކަނޑަށް ދަތުރުފަތުރަށް ބުރޫއަރައިގެން ދިޔުމުން، ބްރެންޓް ކުރޫޑްގެ އަގު މީގެ ކުރިން ވަނީ ފީފާއެއް 100 ޑޮލަރަށް އުފުލިފަ އެވެ.

އދ.އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޯލްޓްޒް ވިދާޅުވީ، ހާރިޖީ މަޝްވަރާތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން އެމެރިކާގެ ހަމަލާތައް މެދުކަނޑާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ކަމަށެވެ.

އައިޖީ މާކެޓްސްގެ އެނަލިސްޓް ޓޯނީ ސިކަމޯ ވިދާޅުވީ ހާރިޖީ މަގެއް ފެނިދާނެކަމުގެ އުންމީދުތައް މިހާރު ބޮޑުވަމުން އަންނަ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅިއާ މެދު ސާފު ގޮތްތަކެއް ކަނޑައެޅި، މިދިޔަ މަހު ސޮއިކުރި އެމްއޯޔޫއަށް އަލުން އަމަލުކުރަން ފެށުމަކީ ރަނގަޅު ފެށުމަކަށް ވާނެ ކަމަށެވެ.

ނުތަނަވަސްކަން ކުޑަވި ނަމަވެސް، ހޮރްމޫޒް ކަނޑުއޮޅި އާއި ބާބު އަލްމަންދަބު ކަނޑުއޮޅިން ކުރާ ދަތުރުފަތުރު އަދިވެސް އުޅެނީ އާންމު ހާލަތަށް ވުރެ ދަށުގަ އެވެ. އެނަލިސްޓުން އިންޒާރު ދޭ ގޮތުގައި، ޝިޕިން ކުންފުނިތަކުން ސަލާމަތީ ނުރައްކާތައް ވަޒަންކުރަމުންދާތީ، ކަނޑުގެ ދަތުރުފަތުރުގެ ހާލަތު އާންމު ހާލަތަކަށް އަންނާނީ މަޑުމަޑުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް