އީރާނުގެ ވެރިރަށް ތެހެރާނުގެ މަގެއްގެ މަތިން މީހަކު ހިނގާފައި ދަނީ. (ފޮޓޯ/އޭއެފްޕީ)
އެމެރިކާއިން ހަމަލާތައް މެދުކަނޑާލައިފި؛ 2 ގައުމުން ވެސް ބުނީ މަޝްވަރާތައް ކުރިއަށްދާ ކަމަށް
ތެހެރާނުގެ ހުއްދައެއްނެތި ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ދަތުރުފަތުރުކުރާނެ އާ މަގެއް ގާއިމުކުރުމަށް މަސައްކަތްކޮށް، ދެ ގައުމުގެ ދެމެދުގައި ވެވިފައިވާ ވަގުތީ ސުލްހައިގެ އެއްބަސްވުމާ އެމެރިކާއިން ހިލާފުވެފައިވާ ކަމަށް އީރާނުން ތުހުމަތުކޮށްފި އެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، މިދިޔަ މަހުގެ އެމްއޯޔޫގެ ދަށުން ކަނޑުއޮޅިން ދަތުރުކުރާ މަގުތައް ކަނޑައެޅުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށާއި އެއްވެސް ބަދަލެއް ގެންނަން ހުށަހެޅުމުގެ ކުރިން ވޮޝިންޓަނުން ތެހެރާނާ އެކު މަޝްވަރާކުރަންޖެހޭނެ ކަމަށެވެ.
މި ހިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަލުން ހާރިޖީ މަޝްވަރާތައް ފެށުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި އެމެރިކާއިން ދެ ހަފްތާ ވަންދެން ކޮންމެ ދުވަހަކު އީރާނަށް ދެމުންދިޔަ ހަމަލާތައް ރޭ ވަނީ މެދުކަނޑާލާފަ އެވެ.
"އެ މީހުން މިހާރު ވެސް ދަނީ އަޅުގަނޑުމެންނާ ވާހަކަދައްކަމުން. އެ މީހުން ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން. އަޅުގަނޑު މިހުރީ އަޑުއަހަން ތައްޔާރަށް،" ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުގެ އޮފިޝަލުން ވަނީ މެދުވެރިން މެދުވެރިކޮށް ދެ ފަރާތުގެ ދެމެދުގައި މެސެޖުތައް ބަދަލުކުރެވެމުންދާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، އިތުބާރު ނެތުމުގެ ސަބަބުން އަދި މާ ބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ސަރަހައްދީ ބޭސްތަކުގައި ހުރި އެމެރިކާގެ އަސްކަރީ އެތައް މަތިންދާބޯޓެއް ހަލާކުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ވޮޝިންޓަނުން މިކަމާ މެދު އެއްޗެއް ބުނެފައެއް ނުވެ އެވެ.
ދުނިޔޭގެ ހަކަތައިގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ މެދު ދެ ގައުމުގެ ދެމެދުގައި ހިޔާލު ތަފާތުވުންތައް ދެމިއޮތްއިރު، އީރާނާއި އެމެރިކާއިން ދަނީ އެ ކަނޑުއޮޅިން ކުރާ ދަތުރުފަތުރަށް ވަކިވަކި ފިޔަވަޅުތަކާއި ދަތިކުރުންތައް ކުރިމަތިކުރުވަމުންނެވެ.
ކޮމެންޓް