އިންޑިއާގެ ވެރިރަށް ދިއްލީގައި މުޒާހަރާ ކުރަނީ. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

މިނިސްޓަރު އިސްތިއުފާ ދެއްވުމުން އިންޑިއާގެ ޒުވާނުން މުޒާހަރާތައް ނިންމާލައިފި

އިންޑިއާގެ މައި ސަރުކާރުގެ މިނިސްޓަރަކު ވަނީ މި ހަރަކާތުގެ ޑިމާންޑްތައް ސަރުކާރުން ގަބޫލުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފައި
1 ގަޑިއިރު ކުރިން

އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން އިސްތިއުފާ ދެއްވުމާ ގުޅިގެން ސަރުކާރުން އެ މީހުންގެ ޑިމާންޑްތައް ގަބޫލުކުރުމުން، އިންޑިއާގެ ޒުވާނުން އިސްވެ ހިންގާ ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)ން މުޅި ގައުމުގައި ކުރިއަށްގެންދިޔަ ހަފުތާތަކެއްވީ މުޒާހަރާތައް މިއަދު ނިންމާލައިފި އެވެ.

"އަޅުގަނޑުމެންގެ އެންމެހާ ޑިމާންޑްތައް ވަނީ ގަބޫލުކޮށްފައި. އެހެންކަމުން މުޒާހަރާގެ ބައިވެރިން ވަގުތުން މުޒާހަރާތައް ނިންމާލައި ސުލްހަވެރިކަމާ އެކު ގެއަށް އެނބުރި ދިއުމަށް އެދެން،" ސީޖޭޕީގެ ތަރުޖަމާނު އަޝުތޯޝް ރަންކާ ވިދާޅުވި އެވެ.

އިންޑިއާގެ މައި ސަރުކާރުގެ މިނިސްޓަރަކު ވަނީ މި ހަރަކާތުގެ ޑިމާންޑްތައް ސަރުކާރުން ގަބޫލުކޮށްފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ޕްރަދާން މިއަދު އޭނާގެ އިސްތިއުފާ އިއުލާނު ކުރައްވަމުން ވިދާޅުވީ، މަގާމުން ވަކިވެވަޑައިގަތީ "ގައުމާ ދެކޮޅު ބާރުތަކުން" މި މަސްރަހުގެ ނާޖާއިޒު ފައިދާ ނެގިޔަނުދިނުމަށާ އަދި ގައުމުގެ ޒުވާނުންގެ އުންމީދުތަކާއި އިހުސާސްތަކާ އަދި ހައްގު އެދުންތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.

މިކަމާ ގުޅިގެން ނިއުދިއްލީގެ ޖަންތަރު މަންތަރު މުޒާހަރާ ސަރަހައްދާއި އިންޑިއާގެ އަވަށްތަކުގައި ތާއީދުކުރާ ފަރާތްތަކުން ވަނީ އުފާ ފާޅުކޮށްފަ އެވެ.

"ކޮކްރޯޗުން ކާމިޔާބު ހޯދައިފި. ޑިމޮކްރެޓިކް ނިޒާމު ކާމިޔާބު ހޯދައިފި،" ސީޖޭޕީން އެކްސްގައި ބުނެފައިވެ އެވެ.

މިދިޔަ ހަފުތާގެ ކުރީކޮޅު 26 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލި އެކްޓިވިސްޓް ސޯނަމް ވަންގްޗުކް، މިނިސްޓަރުގެ އިސްތިއުފާ ސިފަކުރެއްވީ ސުލްހަ އާއި ކެތްތެރިކަމާ އަދި ސާބިތުކަމަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގަ އެވެ.

މި ހަރަކާތުން ދިޔައީ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލުމުގެ އިތުރުން، އިމްތިހާނުގެ މައްސަލަތަކާ ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުމަށާއި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު ނޭޅުމަށާ އަދި މުޒާހަރާތައް ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކުރި ގޮތާ މެދު އާންމުކޮށް މާފަށް އެދުމަށް އެދެމުންނެވެ.

މިނިސްޓަރުގެ އިސްތިއުފާއަށް ފަހު ކަމާބެހޭ ފަރާތްތަކުން ވަނީ މައި މުޒާހަރާ ސަރަހައްދުން ކަނޑާލާފައިވާ މޮބައިލް އިންޓަނެޓްގެ ހިދުމަތްތައް އަލުން ދީފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް