ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/ރޮއިޓާސް)

ތެޔޮ

ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އޮމާނުން އީރާނާ އެކު މަޝްވަރާތައް ބާއްވައިފި

ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ގޭސް އެކްސްޕޯޓުގެ ގާތްގަނޑަކަށް %20 ދަތުރުކުރި ހޮރްމޫޒް ކަނޑުއޮޅި އަދިވެސް އޮތީ މި ނުރައްކާތެރި ކުރިމަތިލުންތަކުގެ މައި މަރުކަޒެއްގެ ގޮތުގައި
47 މިނިޓު ކުރިން

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެންމެ މުހިންމު އެއް ހަކަތައިގެ މަގަށް ނުރައްކާވަމުންދާތީ، ހޮރްމޫޒް ކަނޑުއޮޅިން ކުރާ ކަނޑުދަތުރުފަތުރު ބެލެހެއްޓުމުގެ އޮޕްޝަންތަކާ މެދު މަޝްވަރާކުރުމަށް، ރާއްޖެއަށް ވެސް އެންމެ ގިނައިން ތެޔޮ ފޯރުކޮށްދޭ އޮމާންގެ ވަފުދެއް ތެހެރާނަށް އިއްޔެ ގޮސްފި އެވެ.

އީރާނުގެ ދައުލަތުގެ އައިއާރުއެންއޭ ނިއުސް އޭޖެންސީން ބުނީ މި ޒިޔާރަތަކީ ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ބައެއް ކަމަށެވެ. އަދި އީރާނުގެ ފޮރިން މިނިސްޓަރު ޢައްބާސް އަރާގްޗީ ވަނީ އޮމާންގެ ފޮރިން މިނިސްޓަރު ބަދްރް އަލްބުސައިދީއާ އެކު ވެސް މަޝްވަރާތައް ބާއްވަވާފަ އެވެ.

"ހޮރްމޫޒް ކަނޑުއޮޅި ހިމެނޭހެން މުހިންމު ކަނޑުގެ މަގުތަކަކީ، ބައިނަލްއަގުވާމީ ދަތުރުފަތުރާއި ވިޔަފާރީގެ އޮއިވަރަށް ހުރަސްއެޅޭ ފަދަ އެއްވެސް ފިޔަވަޅަކުން ދުރުހެލިވެވި، ދަތުރުފަތުރު ކުރެވޭ ގޮތަށް ހުޅުވާލެވިފައިވާ ތަންތަނަށް ވާންޖެހޭނެ،" އަލްބުސައިދީ އެކްސްގައި ވިދާޅުވި އެވެ.

މި ހާރިޖީ މަސައްކަތްތައް ފެށިފައިވަނީ އެމެރިކާ އާއި އީރާނުން ޖެހިޖެހިގެން 14 ވަނަ ދުވަހަށް ވައިގެ ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ޔަމަނުގެ ހޫތީ ހަރަކާތުން ބާބު އަލްމަންދަބު ކަނޑުއޮޅި ބަންދުކުރި ކަމަށް އިންކާރުކުރި ނަމަވެސް، ސައުދީ އަރަބިއްޔާއާ ގުޅުންހުރި އުޅަނދުފަހަރަށް ދެމުންދާ ހަމަލާތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

އީރާނުން ވަނީ ކުވައިތު، ބަހްރޭން އަދި އުރުދުންގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާދީފަ އެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެމެރިކާއިން ދާދި ފަހުން ދިން ހަމަލާތަކުގައި މަދުވެގެން 55 މީހުން މަރުވެ، 650އާ ގާތްކުރާ އަދަދަކަށް މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ގޭސް އެކްސްޕޯޓުގެ ގާތްގަނޑަކަށް %20 ދަތުރުކުރި ހޮރްމޫޒް ކަނޑުއޮޅި އަދިވެސް އޮތީ މި ނުރައްކާތެރި ކުރިމަތިލުންތަކުގެ މައި މަރުކަޒެއްގެ ގޮތުގަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް