ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން. (ފޮޓޯ/ރޮއިޓާސް)
ހަސީނާއާ ގުޅުން އޮތް ބަންގްލަދޭޝްގެ ރައީސް ޝަހާބުއްދީން އިސްތިއުފާ ދެއްވައިފި
ސިއްހީ ހާލަތު ހުރި ގޮތުން ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވައިފި ކަމަށް އޭނާގެ އޮފީހުން މިއަދު ބުނެފި އެވެ.
ނެރުއްވި ބަޔާނެއްގައި، އުމުރުން 76 އަހަރުގެ ޝަހާބުއްދީން ވިދާޅުވީ ދާދި ފަހުން ހެއްދެވި މެޑިކަލް ޓެސްޓްތަކުން އޭނާއަށް ނާރުގެ ބައްޔެއް ކަމަށްވާ އޮޓޯނޮމިކް ނިއުރޯޕެތީ ޖެހިފައިވާކަން އެނގިފައިވާ ކަމަށެވެ. މި ބަލީގެ ސަބަބުން، އޭގެ އަސަރުކޮށްގެން ކުއްލިއަކަށް ހޭނެތޭ ގޮތް މެދުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޕްރިލް 2023ގައި ރައީސްކަމާ ހަވާލުވެވަޑައިގަތް ޝަހާބުއްދީން މަގާމުގައި ހުންނެވީ، 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ހިންގި އިންގިލާބާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ޝޭހް ހަސީނާ އިންޑިއާއަށް ފިއްލަވައިގެން ވަޑައިގަންނަވަން ޖެހުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގަ އެވެ.
އޭނާ އިސްތިއުފާ ދެއްވުމުން، ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަތުމަށް ރާއްވަވަމުންދާ ހަސީނާއަށް ސަރުކާރުގެ މަތީ މަގާމެއްގައި ހުންނެވި އޭނާއާ ގުޅުން އޮތް ބޭފުޅާ ވަނީ ގެއްލިފަ އެވެ. ހަސީނާގެ އަވާމީ ލީގު ޕާޓީ އަދިވެސް އޮތީ ސިޔާސީ ހަރަކާތްތަކުން މަނާކޮށްފަ އެވެ. އަދި އޭނާގެ ސަރުކާރު ވައްޓާލި ފަހުން އެ ޕާޓީގެ ގިނަ ލީޑަރުންނާއި ތާއީދުކުރާ ފަރާތްތައް ވަނީ ޖަލަށްލެވި ނުވަތަ ފިލައިގެން ގޮސްފަ އެވެ.
އާ ރައީސަކު އިންތިހާބުކުރެވެންދެން ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވާނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސެވެ. ރައީސަކީ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ ކަމުގައިވީ ނަމަވެސް، ބަންގްލަދޭޝްގެ ވެރިކަން ހިންގުމުގެ އެންމެހާ ބާރުތައް އޮންނަނީ ބޮޑުވަޒީރާއި ކެބިނެޓަށެވެ.
ކޮމެންޓް