އިންޑިއާގެ ވެރިރަށް ދިއްލީގައި މުޒާހަރާ ކުރަނީ. (ފޮޓޯ/އޭއެފްޕީ)

އިންޑިއާ

މުޒާހަރާތައް ކުރިއަށްދާއިރު، ދަރިވަރުންގެ ލީޑަރުންނާ އެކު އިންޑިއާ ސަރުކާރުން މަޝްވަރާތައް ފަށައިފި

ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަނީ އިމްތިހާނުގެ މަކަރާއި ހީލަތް ހަދާ މީހުންނާ ދެކޮޅަށް ވަރުގަދަ ގާނޫނުތަކެއް ހަދައި، އަވަސް މުއްދަތެއްގައި ޝަރީއަތް ކުރިއަށްގެންދާނެ ކަމަށް އިއްޔެ ވައުދުވެވަޑައިގެންފައި
1 ގަޑިއިރު ކުރިން

އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލާގައި އިންޑިއާގެ ޒުވާނުން އިސްވެ ހިންގާ ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)ގެ ލީޑަރުން ސަރުކާރާ އެކު މަޝްވަރާތައް މިއަދު ފަށައިފި އެވެ.

ނަމަވެސް އެ މީހުންގެ މައިގަނޑު ޑިމާންޑްތައް ހާސިލުވަންދެން މުޅި ގައުމުގައި ކުރިއަށްދާ މުޒާހަރާތައް ކުރިއަށްދާނެ ކަމަށް އެ ހަރަކާތުން ބުންޏެވެ.

ސަރުކާރުގެ ދެ އިސް ވަޒީރުންނާއި ސީޖޭޕީގެ ދެ ލީޑަރުންގެ ދެމެދުގައި ނިއުދިއްލީގައި ބޭއްވި މި ބައްދަލުވުން އޮތީ، އެކްޓިވިސްޓް ސޯނަމް ވަންގްޗުކް އޭނާގެ 26 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ ސަރުކާރުން މި މަޝްވަރާއަށް އަންނާނީ ހުޅުވާލެވިފައިވާ މާހައުލެއްގައި ކަމަށް. އަދި ވަރަށް ދިގު މުއްދަތަކަށް މަގުމައްޗަށް ނުކުމެ ތިބި މި ގައުމުގެ ރައްޔިތުންގެ އަޑު އަހާނެ ކަމަށް،" މި ހަރަކާތް ސުލްހަވެރިކަމާ އެކު ކުރިއަށްދާނެކަން ފާހަގަކުރައްވަމުން، ސީޖޭޕީގެ ތަރުޖަމާނު ސައުރާވް ދާސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. ހަގީގީ ހޭލުންތެރިކަން ފެށެނީ އާންމު ރައްޔިތުންގެ ތެރެއިން."

ސީޖޭޕީން ދަނީ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި، މުޒާހަރާގެ ބައިވެރިންނަށް ޖިނާއީ ދައުވާ ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމަށާ އަދި އިމްތިހާނު ކަރުދާސްތައް ލީކުވުމާއި ކެންސަލްވުމާ ގުޅިގެން އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލު ދިނުމަށް އެދެމުންނެވެ.

ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަނީ އިމްތިހާނުގެ މަކަރާއި ހީލަތް ހަދާ މީހުންނާ ދެކޮޅަށް ވަރުގަދަ ގާނޫނުތަކެއް ހަދައި، އަވަސް މުއްދަތެއްގައި ޝަރީއަތް ކުރިއަށްގެންދާނެ ކަމަށް އިއްޔެ ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނަނީ ކުރިމަގުގައި ކަރުދާސް ލީކުވުން ހުއްޓުވުމަށްޓަކައި މިއަށް ވުރެ ފުޅާ ދާއިރާއެއްގައި އިސްލާހުތައް ބޭނުންވާ ކަމަށެވެ.

އިންޑިއާގެ ގިނަ ރަށްތަކަކަށް ފެތުރިފައިވާ މި މުޒާހަރާތަކަކީ، 2014 ވަނަ އަހަރު މޯދީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އޭނާގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ ފުލުހުން ބޭނުންކޮށްގެން ފިޔަވަޅުތައް އަޅައި، ރޭލު ސްޓޭޝަންތައް ބަންދުކޮށް އަދި ނިއުދިއްލީގެ ބައެއް ސަރަހައްދުތަކުން މޮބައިލް އިންޓަނެޓްގެ ހިދުމަތްތައް ކަނޑާލާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް