އިންޑިއާގެ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް. (ފޮޓޯ/އޭއެފްޕީ)
އިންޑިއާގެ ސޯނަމް 26 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި އިންޑިއާގެ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ކުރިއަށްގެންދިޔަ 26 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އިއްޔެ ނިންމާލައިފި އެވެ.
އޭނާ ބުނީ މި ނިންމުން ނިންމީ ތަފާތު ޝަރުތުތަކާ މެދު ކުރެވުނު ދިގު މަޝްވަރާތަކަށް ފަހު އަދި ގައުމުގައި ހަމަނުޖެހުމެއް ހިންގާފާނެތީ އެކަމަށް ބަލާފައި ކަމަށެވެ.
އޭނާ މިކަން އިއުލާނުކުރީ، އިމްތިހާނުގެ މަކަރާއި ހީލަތް ހަދާ މީހުންނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަރުގަދަކުރާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރާ މޯދީ އިއްޔެ ވައުދުވެވަޑައިގެންނެވިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. މޯދީ ވަނީ ކަރުދާސްތައް ލީކުވުމަކީ ވަރަށް ބޮޑު ދެރައެއް އަދި ހިތާމައެއް ކަމަށް ސިފަކުރައްވައި، އެކަމުގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ވަރުގަދަ ގާނޫނުތަކެއް ތައާރަފުކޮށް، ކޯޓު މަރުހަލާތައް އަވަސްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ވަންގްޗުކް ހަޅުތާލުކުރަމުން ދިޔައީ ޒުވާނުން އިސްވެ ހިންގާ ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)އަށް ތާއީދުކުރުމުގެ ގޮތުންނެވެ. އެ ހަރަކާތުން ދަނީ މިލިއަނަކަށް ވުރެ ގިނަ ދަރިވަރުން އަލުން އިމްތިހާނު ހަދަންޖެހުނު މެޑިކަލް އެންޓްރެންސް އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލާގައި މިނިސްޓަރު ޕްރަދާން އިސްތިއުފާ ދިނުމަށް އަދިވެސް އެދެމުންނެވެ.
ވަންގްޗުކް އޭނާގެ ހަޅުތާލު ނިންމާލި ނަމަވެސް، ނިއުދިއްލީގެ ޖަންތަރު މަންތަރު މުޒާހަރާ ސަރަހައްދާއި އިންޑިއާގެ ތަފާތު ރަށްތަކުގައި އެތައް ހާސް މުޒާހަރާގެ ބައިވެރިން އަދިވެސް ދެމިތިއްބެވެ.
ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ ވަނީ ސޯނަމްގެ އާދާޔާހިލާފު ކެރުމާއި ވީ ގުރުބާނީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
"ދަރުމެންދުރާ ޕްރަދާން އިސްތިއުފާ ދެއްވަންދެން ޖަންތަރު މަންތަރުގައި ކޮކްރޯޗު ޖަންތާ ޕާޓީން ކުރާ ސުލްހަވެރި މުޒާހަރާ ކުރިއަށްދާނެ،" އޭނާ ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ވޮޗު އަދި އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މުޒާހަރާތަކާ ދެކޮޅަށް އިންޑިއާ ސަރުކާރުން އަމަލުކުރި ގޮތަށް ފާޑުކިޔާފަ އެވެ. އެއީ ބާރުގެ ބޭނުން ކުރި ކަމަށް ކުރެވޭ ތުހުމަތުތަކާއި މޮބައިލް އިންޓަނެޓް ކަނޑާލި ކަނޑާލުމާ ގުޅިގެންނެވެ.
ކޮމެންޓް