އެމެރިކާއަށް އެތެރެކޮށްފައިވާ ކޮންޓެއިނަރުތަކެއް. (ފޮޓޯ/ރޮއިޓާސް)

އެމެރިކާ

60 ބައިވެރިއެއްގެ މުދަލުން އެމެރިކާއިން އާ ޓެރިފްތަކެއް ނަގަން ފަށައިފި

ތެލާއި ގޭހާއި ކެމިކަލް ގަސްކާނާ އާއި ބައެއް ކާބޯތަކެއްޗާއި މަތިންދާބޯޓުގެ ބައިތަކާ އަދި މުހިންމު މިނަރަލްތައް ފަދަ ތަކެތި އިސްތިސްނާކުރެވުނު ނަމަވެސް، މި ފިޔަވަޅުގެ ދަށުން އެމެރިކާއަށް އެތެރެކުރާ މުދަލުގެ %99.4 ކަވަރުކުރެވޭނެ
1 ގަޑިއިރު ކުރިން

މަޖުބޫރުކުރުވައިގެން މަސައްކަތް ކުރުވުން މަނާކުރާ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުނުކުރާ ކަމަށް ބުނެ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޗައިނާ ހިމެނޭހެން ވިޔަފާރިކުރާ 60 ބައިވެރިއެއްގެ ފަރާތުން އެތެރެކުރާ މުދަލުން %10 އާއި %12.5އާ ދެމެދުގެ އާ ޓެރިފްތަކެއް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

އެގޮތުން، 1974 ވަނަ އަހަރުގެ ޓްރޭޑް އެކްޓްގެ ސެކްޝަން 301ގެ ދަށުން ތައާރަފުކުރެވުނު މި ޓެރިފްތައް ނަގަން ފަށާފައިވަނީ، މުޅި ދުނިޔެއަށް އަމާޒުކޮށްގެން ވަގުތީ ގޮތުން ނަގަމުންދިޔަ %10ގެ ޓެރިފްގެ މުއްދަތު ހަމަވުމުންނެވެ.

ވައިޓް ހައުސްއިން ބުނި ގޮތުގައި، ތެލާއި ގޭހާއި ކެމިކަލް ގަސްކާނާ އާއި ބައެއް ކާބޯތަކެއްޗާއި މަތިންދާބޯޓުގެ ބައިތަކާ އަދި މުހިންމު މިނަރަލްތައް ފަދަ ތަކެތި އިސްތިސްނާކުރެވުނު ނަމަވެސް، މި ފިޔަވަޅުގެ ދަށުން އެމެރިކާއަށް އެތެރެކުރާ މުދަލުގެ %99.4 ކަވަރުކުރެވޭނެ އެވެ.

"މަޖުބޫރުކުރުވައިގެން މަސައްކަތް ކުރުވައިގެން އުފައްދާ މުދާ އެތެރެކުރުން އެމެރިކާއިން މަނާކޮށްފައިތާ ގާތްގަނޑަކަށް ގަރުނެއް ވެއްޖެ. މިއަދު މި އެޅުނު ފިޔަވަޅުގެ ސަބަބުން، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން ވިޔަފާރީގެ ހަމަހަމަކަން ގެއްލުވާލާ މި އަމަލު އިސްލާހުކުރެވިގެންދާނެ،" އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓެޓިވް ޖޭމިސަން ގްރީއާ ވިދާޅުވި އެވެ.

މި ފިޔަވަޅާ އެކު ވިޔަފާރިކުރާ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން އެމެރިކާއަށް ވަނީ އަމާޒުވެފަ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޖާ ކާލަސް ވިދާޅުވީ، އީޔޫގައި ވަރަށް ރަނގަޅު މަސައްކަތުގެ މާހައުލެއް އޮތްއިރު، މި ޓެރިފްތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫން ކަމަށެވެ.

މީގެ އިތުރުން އޮސްޓްރޭލިއާ، ބްރެޒިލް އަދި ނޯވޭއިން ވެސް ވަނީ މިއާ ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ކެނެޑާއިން ބުނީ ވޮޝިންޓަނާ އެކު މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލުކުރި ޓްރަމްޕްގެ ކުރީގެ ބަދަލުގައި ނަގާ ޓެރިފްތަކާ އަޅާބަލާއިރު، މި އާ ފިޔަވަޅުތަކަށް ގާނޫނީ ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް