އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބައްދަލުކުރައްވަނީ. (ފޮޓޯ/ގެޓީ އިމޭޖަސް)

ނިއުކްލިއަ އެއްބަސްވުން ދެމިއޮންނާނީ ސައުދީން އިޒްރޭލު ގަބޫލުކޮށްގެން: ޓްރަމްޕް

ސައުދީން ކުރިން ވެސް ބުނަމުން ގޮސްފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުކުރަނީސް އިޒްރޭލު ގަބޫލުނުކުރާނެ ކަމަށް
1 ގަޑިއިރު ކުރިން

ސައުދީ އަރަބިއްޔާއާ އެކު ހަދާ ތާރީހީ މަދަނީ ނިއުކްލިއަ އެއްބަސްވުމައިގެން ކުރިއަށްދެވޭނީ، އެ ގައުމުން އިޒްރޭލާ އެކު ގުޅުން ގާއިމުކުރުމުގެ އެއްބަސްވުން ނުވަތަ އަބްރަހާމް އެކޯޑްސް'އާ ގުޅި، އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި ގަބޫލުކުރުމުން އެކަނި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.

"މަދަނީ ނިއުކްލިއަ އެއްބަސްވުން ފާސްކުރެވޭނެ. ނަމަވެސް އެކަން އެއްކޮށް ބިނާވެގެންވަނީ ސައުދީ އަރަބިއްޔާއިން ވަރަށް ކާމިޔާބު އަބްރަހާމް އެކޯޑްސްއާ ގުޅުމުގެ މައްޗަށް،" ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

މި އެއްބަސްވުމުގެ ދަށުން ނިއުކްލިއަ މާއްދާތައް މުއްސަނދިކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުދީން ކުރިން ވެސް ބުނަމުން ގޮސްފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުކުރަނީސް އިޒްރޭލު ގަބޫލުނުކުރާނެ ކަމަށެވެ. ޓްރަމްޕްގެ މި ފަހުގެ ވާހަކަތަކަށް ސައޫދީން އަދި ރަސްމީކޮށް ޖަވާބެއް ދީފައެއް ނުވެ އެވެ.

އިޒްރޭލުން ވަނީ ޓްރަމްޕްގެ މި ބަޔާނަށް މަރުހަބާ ކިޔާފަ އެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ ސައުދީން އަބްރަހާމް އެކޯޑްސްއާ ގުޅުމަކީ މެދުއިރުމަތީގެ ސުލްހައަށް ލިބިގެންދާނެ ތާރީހީ ބޮޑު ކުރިއެރުމެއް ކަމަށެވެ.

އިއްޔެ އިއުލާނުކުރި މަދަނީ ނިއުކްލިއަ އެއްބަސްވުމުގެ ސަބަބުން، ސައުދީގެ މަދަނީ ނިއުކްލިއަ އެނަޖީ ޕްރޮގްރާމްގައި އެމެރިކާގެ ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިއީ މިހާރު އެމެރިކާގެ ކޮންގްރެސްގެ ދިރާސާކުރުމުގެ މަރުހަލާގައި އޮތް އެއްބަސްވުމެކެވެ.

ފާޑުކިޔާ ފަރާތްތަކުން ނިއުކްލިއަ ހަތިޔާރު ފެތުރުމުގެ ނުރައްކާ އޮތްކަމުގެ ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް މި އެއްބަސްވުން ފާސްކުރުމަށް ބޭނުންވާ ވަރަށް ކޮންގްރެސްގެ ތާއީދު ލިބޭނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް