އިންޑިއާގެ ވެރިރަށް ދިއްލީގައި މުޒާހަރާ ކުރަނީ. (ފޮޓޯ/އޭއެފްޕީ)

އިންޑިއާ

އިމްތިހާނުގެ އޮޅުވާލުންތަކަށް ހަރުކަށި އަދަބު ދޭނަން: މޯދީ

ސީޖޭޕީން ވަނީ، ވަޒީފާ ނެތުމުގެ މައްސަލަ އާއި ޒުވާނުންނަށް ހުރި ފުރުސަތުތަކާ އަދި ވެރިކަން ހިންގުމާ ގުޅޭ ކަންބޮޑުވުންތައް ހިމެނޭހެން އެ މީހުންގެ ކެމްޕޭން ފުޅާކޮށްފައި
52 މިނިޓު ކުރިން

އިމްތިހާނު ކަރުދާސްތައް ލީކުވުމާ ގުޅިގެން މުޅި އިންޑިއާގައި ދަރިވަރުން ކުރިއަށްގެންދާ މުޒާހަރާތަކަށް ފުރަތަމަ ފަހަރަށް ސީދާ ރައްދެއް ދެއްވައި، އިމްތިހާނުގެ އޮޅުވާލުންތަކުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދެއްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވައުދުވެވަޑައިގެންފި އެވެ.

"އަޅުގަނޑުމެންގެ ޒުވާނުންގެ ލާބަ އާއި މުސްތަގުބަލަށް ވުރެ މުހިންމު އެއްވެސް ކަމެއް ނެތް. އަޅުގަނޑުމެންގެ ޒުވާނުންގެ މުސްތަގުބަލަށް ގެއްލުން ދޭން މަސައްކަތްކުރާ އެއްވެސް މީހަކު ސަލާމަތެއް ނުވާނެ،" އަވަސް ނިޔާ އިއްވާ ކޯޓުތަކެއް ގާއިމުކުރުމަށް ވައުދުވެވަޑައިގަންނަވަމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވި އެވެ.

މޯދީ މިހެން ވިދާޅުވެފައިވަނީ އިއްޔެ ނިއު ދިއްލީގައި އަލުން ހަމަނުޖެހުންތަކެއް ހިންގި ދަނޑިވަޅެއްގަ އެވެ. އެ މުޒާހަރާގައި ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)ން އިސްވެ، މުޒާހަރާގެ ބައިވެރިން ވަނީ އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލާފަ އެވެ. ފުލުހުން ބުނި ގޮތުގައި، ކުރިން ހިންގި ހަމަނުޖެހުންތަކުގައި ސެކިއުރިޓީ އޮފިޝަލުން ހިމެނޭހެން މަދުވެގެން 178 މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އިންޓަނެޓްގައި މަޖާ މޫޑެއްގައި ފެށުނު ހަރަކާތެއްގެ ގޮތުގައި އުފެދުނު ސީޖޭޕީން ވަނީ، ވަޒީފާ ނެތުމުގެ މައްސަލަ އާއި ޒުވާނުންނަށް ހުރި ފުރުސަތުތަކާ އަދި ވެރިކަން ހިންގުމާ ގުޅޭ ކަންބޮޑުވުންތައް ހިމެނޭހެން އެ މީހުންގެ ކެމްޕޭން ފުޅާކޮށްފަ އެވެ. މުޒާހަރާތައް މިހާރު ވަނީ އިންޑިއާގެ އެކި ސިޓީތަކަށް ފެތުރި، އިދިކޮޅު ޕާޓީތަކުގެ ތާއީދު ވެސް ލިބިފަ އެވެ.

ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ވަނީ ދަރިވަރުންގެ ކަންކަމުގައި މޯދީ ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

"އަޅުގަނޑުމެންގެ ޒުވާނުންގެ މުސްތަގުބަލަށް އެންމެ ބޮޑު ގެއްލުމެއް ދިން މީހަކީ ތިޔައީ. ސަރުކާރުން ވަނީ ތައުލީމީ ނިޒާމު މުޅިން ހިސާރުކޮށް ހަލާކުކޮށްލުމަށް ފުރުސަތުދީ، އެކަމަށް ހިތްވަރުދީފައި،" އެކްސްގައި އޭނާ ލިޔުއްވާފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް