އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީ. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

އިންޑިއާގައި އާ އެއާލައިނެއް ފެށުމަށް އަދާނީ ގްރޫޕުން ވިސްނަނީ

އެއާ އިންޑިއާއަށް ދިމާވި ރައްކާތެރިކަމުގެ ގޮންޖެހުންތަކާއި އިންޑިގޯގެ އޮޕަރޭޝަންތަކަށް އައި ބުރޫއެރުންތަކާ ގުޅިގެން، އާ އެއާލައިނެއް ފެށުމަށް އިންޑިއާ ސަރުކާރުން ވަނީ ބޮޑެތި ވިޔަފާރި ގްރޫޕްތަކަށް ހިތްވަރުދީފައި
1 ގަޑިއިރު ކުރިން

އިންޑިއާގެ އިންޑިގޯ އާއި އެއާ އިންޑިއާގެ ނުފޫޒަށް ގޮންޖެހުމެއް ކުރިމަތިވެދާނެ ފިޔަވަޅެއްގެ ގޮތުން، އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީގެ ގްރޫޕުން އާ އެއާލައިނެއް ފެށުމަށް ނުވަތަ މިހާރު ހިންގަމުން އަންނަ އެއާލައިނެއް ގަތުމަށް ވިސްނަމުން އަންނަ ކަމަށް މައުލޫމާތު އެނގޭ މަސްދަރުތަކުން ބުނެފި އެވެ.

މި ހުށަހެޅުން އައިސްފައިވަނީ އެއާލައިން ވިޔަފާރިއަށް ވަނުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އެ ގްރޫޕުން ކުރިން ބުނެފައި ވަނިކޮށެވެ.

އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، އެއާ އިންޑިއާއަށް ދިމާވި ރައްކާތެރިކަމުގެ ގޮންޖެހުންތަކާއި އިންޑިގޯގެ އޮޕަރޭޝަންތަކަށް އައި ބުރޫއެރުންތަކާ ގުޅިގެން، އާ އެއާލައިނެއް ފެށުމަށް އިންޑިއާ ސަރުކާރުން ވަނީ ބޮޑެތި ވިޔަފާރި ގްރޫޕްތަކަށް ހިތްވަރުދީފަ އެވެ.

"މިއީ އުނދަގޫ ވިޔަފާރިއެއް. ނަމަވެސް ގައުމީ މަސްލަހަތަށްޓަކައި އަދާނީ ބޭނުންވަނީ މިކަމާ މެދު ވިސްނަން،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

އިތުރު ބޮޑު އެއާލައިނެއް ބޭނުންވާ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

މިކަމުގައި އަދި ސީދާ ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. އަދި ހުރިހާ ފުރުސަތުތަކަކަށް ވެސް އަންނަނީ ވިސްނަމުންނެވެ. އޭގެ ތެރޭގައި މިހާރު ހިންގަމުން އަންނަ އެއާލައިނަކުން ހިއްސާ ގަތުން ވެސް ހިމެނެ އެވެ.

އިންޑިއާގައި އަށް އެއާޕޯޓް ހިންގަމުން އަންނަ އަދި ވައިގެ ދަތުރުފަތުރުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަ އަދާނީ ގްރޫޕުން މި ރިޕޯޓްތަކާ މެދު އެއްޗެއް ބުނެފައެއް ނުވެ އެވެ. އެނަލިސްޓުން ވިދާޅުވި ގޮތުގައި، އެއާޕޯޓްތަކާއި އެއާލައިނެއްގެ މިލްކުވެރިކަން އެއް ފަރާތަކަށް ލިބުމަކީ މަސްލަހަތު ފުށުއެރުމުގެ ކަންބޮޑުވުންތައް އުފެދިދާނެ ކަމެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް