ތެޔޮ ޓޭންކަރެއް ޓައިވާނުގެ ކީލުންގްގައި ހުންނަ ކީލުންގް ބަނދަރަށް ކައިރިކުރަނީ. (ފޮޓޯ/ރޮއިޓާސް)
އީރާނު-އެމެރިކާ ހަނގުރާމަ ހޫނުވުމާ އެކު ތެލުގެ އަގު އިތުރަށް އުފުލިއްޖެ
ރޭ އެމެރިކާއިން އީރާނަށް އާ ހަމަލާތަކެއް ދިނުމުންނާއި ރަތްކަނޑުން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީން ހަމަލާދިނުމާ ގުޅިގެން، ތެލުގެ އަގު %1.5އަށް ވުރެ މައްޗަށް ގޮސް، ފާއިތުވި ހަ ހަފުތާގެ ތެރޭގައި ތެލުގެ އަގު ނުދާ މިންވަރަށް އުފުލިއްޖެ އެވެ.
ބްރެންޓް ކުރޫޑް ފިއުޗާސްގެ އަގުން 1.93 ޑޮލަރު ނުވަތަ %2 މަތިވެ، ފީފާއެއްގެ އަގު 96 ޑޮލަރަށް ވަނީ އަރައިފަ އެވެ. މިއީ 8 ޖޫންގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
އޭގެ ކުރީގެ މުއާމަލާތްތައް ނިމުނު އިރު ބްރެންޓް ކުރޫޑްގެ އަގު ހުރީ 3 ޑޮލަރަށް ވުރެ ބޮޑުތަން މަތިވެ، 94.07 ޑޮލަރުގަ އެވެ. އެއީ އޭރު ހަ ހަފުތާގެ އެންމެ މަތީ އަގާ ދާދި ގާތްކުރާ އަދަދެކެވެ.
އެމެރިކާ އިން އީރާނަށް ވިދިވިދިގެން ހަމަލާދޭތާ މިހާރު ވަނީ 12 ދުވަސް ފާއިތުވެފަ އެވެ. އެ ހަމަލާތައް ފަށާފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދަކަށް އީރާނުން ހަމަލާދޭ ކޮންމެ ފަހަރަކު، އީރާނުގެ ބުރިޖެއް ނުވަތަ ޕަވާ ޕްލާންޓެއް ހަލާކުކޮށްލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެ، ވައުދުވެވަޑައިގަތްތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނީ ހޮރްމޫޒް ކަނޑުއޮޅީގެ ދެކުނުން މައިން އަޅާފައިވާ މަގަކުން ދަތުރުކުރި ތެޔޮ ޓޭންކަރެއް ގޮވައި ރޯވި ކަމަށެވެ. އެއާ އެކު ދެ ޓޭންކަރެއް އެނބުރި ދިޔަ ކަމަށެވެ.
އެ ކަނޑުގެ މަގުގެ ކޮންޓްރޯލް ހޯދުމަށް ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކުގެ އިތުރުން، އީރާނަށް ވާގިވެރިވާ ހޫތީން ވަނީ ބާބުލް މަންދަބު ކަނޑުއޮޅިން ސައުދީގެ ތެޔޮ އުފުލާ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީފަ އެވެ. އެއާ އެކު ހަނގުރާމައިގެ އާ މައިދާނެއް ވަނީ ހުޅުވިފަ އެވެ. އަދި ސައުދީ އަރަބިއްޔާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައިވާކަން ވެސް އެ ޖަމާއަތުން ވަނީ އިއުލާނުކޮށްފަ އެވެ.
ހޫތީން ބުނި ގޮތުގައި، އެ މީހުން ވަނީ ސައުދީގެ ދެ ތެޔޮ ޓޭންކަރަކަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަނެއް ހިންގައިފަ އެވެ. އަދި ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ ރިޕޯޓްތަކުން އެނގޭ ގޮތުގައި، ސައުދީގެ ދިދަ ޖަހާފައިވާ 'އެންސެލިއާ' ޓޭންކަރަށް ރަތްކަނޑުގެ ތެރެއިން ވަނީ ހަމަލާއެއްދީފަ އެވެ.
ސައުދީގެ ބަނދަރުތަކަށް ދަތުރުނުކުރުމަށް އުޅަނދުފަހަރަށް އިންޒާރުދިނުމަށް ފަހު، ގާތްގަނޑަކަށް 10 އުޅަނދެއް އެނބުރި ދިއުމަށް މަޖުބޫރުކުރުވާފައިވާނެ ކަމަށް ވެސް ހޫތީން ބުނެފައިވެ އެވެ. ނަމަވެސް އެކަން ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
ރަތްކަނޑުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ހޫތީން ހިންގަމުންދާ ކަނޑުގެ ބްލޮކޭޑްގެ ސަބަބުން، ގަލްފުގެ ސަރަހައްދުން ބޭރަށް ދުނިޔޭގެ ހަކަތަ ފޯރުކޮށްދޭ މަގުތަކަށް ބުރޫއެރުމުގެ ނުރައްކާ އޮތްއިރު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ތަރުޖަމާނު ވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ހޮރްމޫޒް ކަނޑުއޮޅީގެ ދެކުނު މަގުގައި މައިން އަތުރާފައިވާނެ ކަމަށް ބުނެ ދަތުރުފަތުރުކުރާ ކުންފުނިތަކަށް ވަނީ އިންޒާރުދީފަ އެވެ.
އެމެރިކާގެ ސަޕްލައިއަށް ބަލާއިރު، ރިފައިނަރީތަކުގެ ހިންގުން ދަށްވުމާއި ކުރޫޑް އެކްސްޕޯޓް މަދުވެ، އިމްޕޯޓް މަތިވުމުގެ ސަބަބުން، ވޭތުވެދިޔަ ހަފުތާގައި ކުރޫޑް ރިޒާވް ދެ މިލިއަން ފީފާއަށް އިތުރުވެފައިވާ ކަމަށް އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ބުނެ އެވެ.
ކޮމެންޓް