އެމެރިކާ އަދި ސައުދީގެ ދިދަތަކެއް. (ފޮޓޯ/ރޮއިޓާސް)
އެމެރިކާ އާއި ސައުދީން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާ އާއި ސައުދީ އަރަބިއްޔާއިން ތާރީހީ މަދަނީ ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމެރިކާ އާއި ސައުދީން މަދަނީ ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމާއި ޔުރޭނިއަމް ފައްކާކުރުމުގެ ފުރުސަތު ސައުދީއަށް ލިބިގެންދާނެ އެވެ. ނަމަވެސް، މިއީ ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުން އަމާޒުވެފައިވާ ނިންމުމެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް އާއި ސައުދީގެ އެނާޖީ މިނިސްޓަރު އަބްދުލްއަޒީޒް ބިން ސަލްމާން އެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ އެމެރިކާގެ ކޮންގްރެސްއިން މުރާޖައާކުރުމަށް ފަހު އެވެ.
ކުރީގެ ހުށަހެޅުންތަކާ ހިލާފަށް، މި އެއްބަސްވުމުގައި އދ.ގެ އިތުރު އިންސްޕެކްޝަން ފިޔަވަޅުތަކެއް ހިމަނާފައެއް ނުވެ އެވެ. އަދި ޔުރޭނިއަމް ފައްކާކުރުމާއި ނިއުކްލިއާ ކުންޏަށް ބަދަލުތައް ގެނެސްގެން އަލުން ބޭނުންކުރުމުގެ ހުއްދަ ސައުދީއަށް ލިބިގެންދެ އެވެ. މި ދެ ކަމަކީ ވެސް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގައި ބޭނުންކުރެވިދާނެ ދެ ކަމެކެވެ.
އާމްސް ކޮންޓްރޯލް އެސޯސިއޭޝަންގެ ކެލްސީ ޑޭވަންޕޯޓް ވަނީ މި އެއްބަސްވުން ބާތިލުކުރުމަށް ނުވަތަ އިސްލާހުކުރުމަށް ކޮންގްރެސްއަށް އިލްތިމާސްކުރައްވާފަ އެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރު ފެތުރުމުގެ ފުރުސަތު އިތުރަށް ހުޅުވިގެންދާނެ ކަމަށް އޭނާ އިންޒާރުދެއްވި އެވެ.
ޑިމޮކްރެޓިކް ސެނެޓަރުގެ އެޑްވާޑް މާކީ ވެސް ވަނީ މި އެއްބަސްވުމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައުދީއަށް ނިއުކްލިއާ ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީކުރުމުގެ ފުރުސަތު ލިބި، އެންމެންގެ ރައްކާތެރިކަން ކުޑަވެގެންދާނެ އެވެ.
ސައޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކުރިން ވިދާޅުވެފައިވަނީ، ސައުދީއަކީ ނިއުކްލިއާ ހަތިޔާރު ހޯދަން މަސައްކަތްކުރާ ގައުމެއް ނޫން ކަމަށާއި، ނަމަވެސް އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފައްދައިފި ނަމަ، ސައުދީން ވެސް އެފަދަ ހަތިޔާރެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ކޮމެންޓް