ފައިލް ފޮޓޯ: ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން، ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒްއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން

ދިގުލާފައިވާ ސައުދީ- ޔޫއޭއީގެ ނުތަނަވަސް ގުޅުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިޔާދަކޮށްފި

ގަލްފުގެ މި ދެ ބޮޑު ބާރުގެ މަސްލަހަތު، ތެލުގެ ކޯޓާއިން ފެށިގެން ސަރަހައްދީ ސިޔާސަތާ ހަމައަށް ތަފާތުވާން ފަށާފައިވާތާ އަހަރުތަކެއް ވަނީވެފައި، އަދި އެކަން އިތުރަށް ގޯސްވީ ޔަމަނު ހަނގުރާމައިގައި، މިދިޔަ އަހަރު އެ ދެ ގައުމުން ދެ ފަރާތަކަށް ވާގިވެރިވުމާ ގުޅިގެންެ
1 ގަޑިއިރު ކުރިން

ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ދެމެދުގައި މަސްތަކެއް ވަންދެން އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު އެ ދެ ގައުމުގެ އިސް އޮފިޝަލުންތަކެއް، ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ގާތް ގުޅުމާއި "ބުއްދިވެރި ވެރިކަން" ޔަގީންކޮށްދޭ ފަދަ އެއްގޮތް ޕޯސްޓުތަކެއް އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފި އެވެ.  

ސައުދީގެ މީޑިއާ މިނިސްޓަރު ސަލްމާން އަލް-ދޯސަރީ އަދި ޔޫއޭއީގެ ނޭޝަނަލް މީޑިއާ އޮތޯރިޓީގެ ޗެއާމަން އަބްދުﷲ ބިން މުހައްމަދު އަލްހާމިދު އެކްސްގައި ކުރެއްވި މި ޕޯސްޓުތައް އާންމުކުރައްވާފައި ވަނީ އިއްޔެ ހަވީރު އެވެ.

"އެމިރޭޓްސް އާއި ސައުދީގެ ގުޅުމަކީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅިފައިވާ އެއް ވިސްނުމެއް ހިއްސާކުރާ، އަހުވަންތަ ދެ ގައުމެއްގެ މެދުގައި އޮތް ބަދަހި ތާރީހަކާއި ފުން އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްގެ ދިގުދެމެގެންދާ ކުރިއެރުމެއް،" އަލްހާމިދު ލިޔުއްވާފައިވެ އެވެ.

އަލް-ދޯސަރީގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، "ސައުދީ ރަސްކަމާއި އެމިރޭޓްސްއާ ދެމެދު އޮތް ގުޅުމަކީ، ލާމެހިފައިވާ ތާރީހަކާއި ސަގާފަތެއްގެ އިތުރުން، ދެ ގައުމުގެ ބުއްދިވެރި ވެރިކަމުން ގުޅުވައިދޭ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް" ކަމަށެވެ.

މީޑިއާތަކުން ވެސް އެ ގުޅުމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށާއި އެ ގުޅުމަށް ބުރޫއަރާފާނެ ފަދަ ކަންކަމުން ދުރުހެލިވާންޖެހޭނެ ކަމަށް ދެ ބޭފުޅުންގެ ޕޯސްޓުގައި ވެސް ވިދާޅުވެފައިވެ އެވެ.

ގަލްފުގެ މި ދެ ބޮޑު ބާރުގެ މަސްލަހަތު، ތެލުގެ ކޯޓާއިން ފެށިގެން ސަރަހައްދީ ސިޔާސަތާ ހަމައަށް ތަފާތުވާން ފަށާފައިވާތާ އަހަރުތަކެއް ވަނީވެފަ އެވެ. އަދި އެކަން އިތުރަށް ގޯސްވީ ޔަމަނު ހަނގުރާމައިގައި، މިދިޔަ އަހަރު އެ ދެ ގައުމުން ދެ ފަރާތަކަށް ވާގިވެރިވުމާ ގުޅިގެންެވެ. 

އަދި ޔަމަނުގައި އަބޫދާބީން ވާގިވެރިވާ ފެކްޝަނަށް ޔޫއޭއީގެ އަސްކަރީ ފޮނުވި ސާމާނުތަކެއް ކަމަށް ބުނެ، ސައުދީން ވަނީ އެ ތަކެއްޗަށް އަމާޒުކޮށް ވައިގެ ހަމަލާއެއް ދީފަ އެވެ.

އޭގެ ފަހުން ސައުދީ އަދި އެމިރޭޓްސްގެ ނުފޫޒުގަދަ ސޯޝަލް މީޑިއާ އެކައުންޓްތަކާއި މުހައްލިލުންނާއި ބައެއް މީޑިއާ ޖަމާއަތްތަކުން ދަނީ ފާޅުކަން ބޮޑު ގޮތެއްގައި ބަހުސްކޮށް، ފާޑުކިޔަމުންނެވެ.

އަދި މިދިޔަ މާރިޗު މަހު ޔޫއޭއީ އިން ވަނީ ސައުދީގެ ޓީވީ ޗެނަލެއް ކަމަށްވާ "އަލް-އަރަބިއްޔާ"ގެ އެކްސް އެކައުންޓްތައް ބަންދުކޮށްފަ އެވެ.

ގަލްފުގެ ސަލާމަތަށް ނުރައްކާވި އީރާނު ހަނގުރާމައިގެ ތެރޭގައި ވެސް އެ ދެ ގައުމުގެ ހިޔާލުތައް ވަނީ ކަފިވެފަ އެވެ. އެގޮތުން އެ ހަމަލާތަކަށް ދޭންޖެހޭ ރަނގަޅު ރައްދަކީ ކޮބައިކަމާ މެދު ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ އިން ދެކޭގޮތް ގިނަ ފަހަރަށް ތަފާތުވި އެވެ.

އަދި މިދިޔަ މޭ މަހު ޔޫއޭއީ އިން ވަނީ، ރިޔާދުގެ ފުރިހަމަ ނުފޫޒު އޮންނަ، ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމާއަތް، އޯޕެކުން ވަކިވެފަ އެވެ.

"އަޅުގަނޑު ހިތުން މި ފެނުނީ ކުޑަކުޑަ ކަމެއް ބޮޑުވެގެން ދިޔަތަން. މިއަށްވުރެ މާ ގޯސް ހާލަތްތައް ވެސް މީގެ ކުރިން ފެނިފައި އެބަހުރި، އެކަމަކު އެއީ ދުވަހަކު ވެސް އިސްތުރާތީޖީ ކަމަކަށް ނުވޭ،" ދުބާއީ ޕަބްލިކް ޕޮލިސީ ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ބަހާރޫން ވިދާޅުވި އެވެ.

ސައުދީ އާއި ޔޫއޭއީގެ ގުޅުމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ "ދެ ފަރާތުން ވެސް ހާލަތާ އެއްގޮތަށް ބަދަލުތަކެއް ގެނެސްފައިވާނެ ކަމުގެ ޔަގީންކަން އެބައޮތް" ކަމަށާއި "އެކަމަކު ހަގީގަތަކީ އަޅުގަނޑުމެންގެ މެދުގައި ހުރި ހިޔާލުތަފާތުވުންތަކަށް ވުރެ، އެއްގޮތްވާ ކަންކަން މާ ގިނަ ކަން" ކަމަށެވެ.

އީރާނުގެ ހަމަލާތަކާއި އެންމެ ފަހުން ރަތްކަނޑުގެ ދަތުރުފަތުރަށް ހުރަސްއަޅާނެ ކަމަށް ބުނެ އީރާނަށް ވާގިވެރިވާ ހޫތީން ދެމުންދާ އިންޒާރުތަކާ ގުޅިގެން، ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ހަ ގައުމުގެ މެދުގައި އެއްބައިވަންތަކަން އިސްކުރުމަށް ގަލްފުގެ އޮފިޝަލުން ފަހަކަށް އައިސް ދަނީ ގޮވާލައްވަމުންނެވެ.

އިއްޔެގެ ޕޯސްޓުތައް ކުރަން މެދުވެރިވި ސަބަބާ ބެހޭ ގޮތުން މެސެޖުކޮށް ސުވާލުކުރުމުން، ސައުދީގެ އޮފިޝަލުން އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

އަހްވަންތަ ގުޅުން

މީޑިއާގެ އިސް އޮފިޝަލުން އެ ޕޯސްޓުތައް ކުރެއްވުމުގެ އެއް ގަޑިއިރު ކުރިން، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަރިސް ބޭފުޅެއް ކަމަށްވާ ތުރްކީ އަލް-އައްޝައިހް ވަނީ، އޭގެ ދުވަސްކޮޅެއް ކުރިން ނަގާފައިވާ ފޮޓޯއެއް ކަމަށް ބުނެ އެކްސްގައި ފޮޓޯއެއް ހިއްސާކުރައްވާފަ އެވެ.

އެ ފޮޓޯއިން ފެންނަނީ މުހައްމަދު ބިން ސަލްމާންގެ ކޮއްކޯފުޅު، ސައުދީގެ ޑިފެންސް މިނިސްޓަރު ހާލިދު ބިން ސަލްމާން އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ނައިބު ރައީސް ޝެއިހް މަންސޫރު ބިން ޒައިދު އަލް ނަހްޔާން، އެކަކު އަނެކެއްގެ ކޮނޑާއި ކޮނޑު ޖައްސަވައި ހިނިތުންވެވަޑައިގެން ސަލާމް ކުރައްވަނިކޮށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް