ކުރީގެ މިނިސްޓަރު ބާސިލް ރާޖަޕަކްސާ.
ބާސިލް ރާޖަޕަކްސާ ހައްޔަރުކުރަން ލަންކާގެ ކޯޓަކުން އަލުން އަމުރުކޮށްފި
ކޯޓުގައި ހިނގަމުންދާ މިލްކިއްޔާތުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުނުވުމުން، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު އަދި ކުރީގެ މިނިސްޓަރު ބާސިލް ރާޖަޕަކްސާ ހައްޔަރުކުރުމުގެ އަމުރެއް ސްރީ ލަންކާގެ މާތަރާ ޗީފް މެޖިސްޓްރޭޓް ކޯޓުން އަނެއްކާވެސް އިއްޔެ ނެރެފި އެވެ.
މާތަރާގެ ބްރައުންސް ހިލްއިން 1.5 އޭކަރުގެ ބިމެއް ގަތުމާ ގުޅޭ ގޮތުން ހިންގާ މައްސަލައިގެ އަޑުއެހުމުގައި، އަލުން ހައްޔަރުކުރުމުގެ އަމުރު ނެރުއްވީ ޗީފް މެޖިސްޓްރޭޓް ޗަތުރަންގަ އޭރަންގަ ދިސާނާޔަކަ އެވެ. މި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ އެ ބިން ގަނެފައިވަނީ ގައިރުގާނޫނީ ވަސީލަތްތަކުން ހޯދި ފައިސާއިން ކަމަށެވެ.
ބާސިލް ރާޖަޕަކްސާ އާއި ދައުވާލިބޭ އަނެއް މީހާ ކަމަށްވާ އަޔޯމާ ގަލައްޕައްތި ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.
ނަމަވެސް ކަފާލާތުގެ ދަށުން އެ މީހުންގެ ފަރާތުން ޖާމިނުވެ ތިބި މީހުން ކޯޓަށް ހާޒިރުވި އެވެ. ދައުވާލިބޭ ފަރާތްތައް ކޯޓަށް ހާޒިރުކޮށްދެވިފައި ނުވާތީ، އެ މީހުން ބަހައްޓާފައިވާ ކަފާލާތުގެ ފައިސާ ދައުލަތަށް ނުނަގާންވީ ސަބަބު ބަޔާންކޮށްދިނުމަށް މެޖިސްޓްރޭޓް ވަނީ އަމުރުކުރައްވާފަ އެވެ.
ކޯޓަށް ހާޒިރުނުވުމާ ގުޅިގެން މިދިޔަ 22 މޭގައި ވެސް ބާސިލް ރާޖަޕަކްސާ ހައްޔަރުކުރުމުގެ އަމުރެއް ވަނީ ނެރެފަ އެވެ. ލިޔުމުން ހުށަހަޅާ ހުށަހެޅުންތަކަށްޓަކައި މައްސަލައިގެ އަޑުއެހުން އަންނަ މަހު 18އަށް ފަސްކޮށްފައިވާއިރު، ރާޖަޕަކްސާ ގައުމުން ބޭރަށް ދިއުން މަނާކުރާ އަމުރު އަދިވެސް ދެމިއެބައޮތެވެ.
ކޮމެންޓް