މީހަކު ޕާކިސްތާނު ރުޕީސްތަކެއް ގުނަނީ. (ފޮޓޯ/ރޮއިޓާސް)
ޕާކިސްތާނުގެ ރިޒާވް ރަނގަޅު ކުރަން 10 ބިލިއަން ޑޮލަރު ދޭން އެމެރިކާގައި އެދިއްޖެ
ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް، ރުޕީސްގެ އަގަށް އޮތް ފިއްތުންތައް ލުއިކުރުމުގެ މަގްސަދުގައި އެމެރިކާއިން 10 ބިލިއަން ޑޮލަރުގެ އެކްސްޗޭންޖް ސްޓެބިލައިޒޭޝަން ފެސިލިޓީއެއް ހޯދުމަށް އެދިފައިވާ ކަމަށް ރޮއިޓާސް އިން މިއަދު ރިޕޯޓްކޮށްފި އެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓަށް ހުށަހެޅި މި ހުށަހެޅުމަކީ ގިނަވެގެން ފަސް އަހަރުގެ މުއްދަތަށް ދެވޭ ދެ ގައުމުގެ ދެމެދުގައިވާ ބައިލެޓަރަލް ފެސިލިޓީ އެކެވެ. މި ހުށަހެޅުން ފާސްވެއްޖެ ނަމަ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ފައިސާއަށް ޕާކިސްތާނުން ބަރޯސާވާ މިންވަރު ކުޑަވެ، ގައުމުގެ އިގްތިސާދީ ހަމަޖެހުމަށް އެހީތެރިވެދޭނެ އެވެ.
މި ކަމަށް އެދިފައި މި ވަނީ އީރާނުގެ ހަމަނުޖެހުންތައް ލުއިކުރުމުގެ މަސައްކަތުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނައިރު އެވެ. މިއާ އެކު، އިސްލާމާބާދާއި ވޮޝިންޓަންއާ ދެމެދު އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފަ އެވެ.
ބެސެންޓާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު، ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު މުހައްމަދު އައުރަންގްޒޭބް ވިދާޅުވީ، ސަރަހައްދީ މަޝްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ޕާކިސްތާނުގެ އިގްތިސާދަށް ހުރި ނާޒުކުކަންކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި ގައުމުގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުން ހިމެނޭހެން ޕާކިސްތާނުގެ އިގްތިސާދީ ކުރިއެރުމަށް އެމެރިކާގެ ބޮޑު އެހީތެރިކަމަކަށް އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާކިސްތާނުން ދަރަނި ނުދެއްކޭ ހާލަތަށް ނުވަތަ ޑިފޯލްޓަށް 2023 ވަނަ އަހަރު ދިއުމާ ވަރަށް ގާތަށް ދިޔަ އެވެ. އެ ގައުމު އަދިވެސް އޮތީ އައިއެމްއެފްގެ 7 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއްގެ ދަށުގަ އެވެ. މީގެ އިތުރުން، ޗައިނާ އާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގެ އެހީތެރިކަމަށް އެ ގައުމުން ދަނީ އަދިވެސް ބަރޯސާވަމުންނެވެ.
ކޮމެންޓް