އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. (ފޮޓޯ/ރޮއިޓާސް)
އީރާނާ އެކު މަޝްވަރާކުރަން އެމެރިކާ ތައްޔާރު: ރޫބިއޯ
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ބޮޑު ބައެއް ބަރޯސާވާ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކަށް ހަނގުރާމައިގެ ސަބަބުން ބުރޫއަރަމުންދާއިރު، އީރާނާ އެކު ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް މަޝްވަރާކުރުމުގެ ފުރުސަތު ވޮޝިންޓަނުން އަދިވެސް ހުޅުވާލާފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މިއަދު ވިދާޅުވެއްޖެ އެވެ.
ނަމަވެސް، ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ތެހެރާނުން ދޭ އިސްކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ މައްސަލައަކީ، މަޝްވަރާތަކަށް އެ ބޭފުޅުން ސީރިއަސް ނުވުން. އެ ބޭފުޅުން ސީރިއަސް ނަމަ، އަޅުގަނޑުމެން ވެސް މި ތިބީ ސީރިއަސްކޮށް،" ރޫބިއޯ ވިދާޅުވި އެވެ.
މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އެމެރިކާ އަދި އެ ގައުމުގެ ބައިވެރިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް އެމެރިކާއިން ކުރާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ނެގުމާ ދެކޮޅަށް ރޫބިއޯ އިންޒާރު ދެއްވައި، އެފަދަ ފިޔަވަޅެއްގެ ސަބަބުން ބައިނަލްއަގުވާމީ ކަނޑުގެ މަގުތަކަށް ވަރަށް ނުރައްކާތެރި އުސޫލެއް ގާއިމުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ ސައުދީ އަރަބިއްޔާގެ ތެޔޮ އުފުލާ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމަށް ޔަމަނުގެ ހޫތީން އިންޒާރު ދިނުމާ ގުޅިގެން، ސައުދީގެ ތިން ތެޔޮ ޓޭންކަރެއް ރަތްކަނޑުގެ ތެރެއިން އެ މީހުންގެ މިސްރާބު އަނބުރާލި ދަނޑިވަޅެއްގަ އެވެ. މިއާ އެކު، ތެލުގެ އަގު އިތުރަށް މައްޗަށް ގޮސް، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 91 ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ.
މެދުވެރިން މެދުވެރިކޮށް 10 ދުވަހުގެ ސުލްހައިގެ އެއްބަސްވުމަކަށް އީރާނަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށް އީރާނުން ބުނުމާ ގުޅިގެން ސިޔާސީ މަސައްކަތްތައް ކުރިއަށްދިޔަ ނަމަވެސް، އެމެރިކާއިން ވަނީ ޖެހިޖެހިގެން 11 ވަނަ ރޭ އީރާނަށް ހަމަލާތަކެއް ދީފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވި ގޮތުގައި، މި ހަމަނުޖެހުމުގައި އެމެރިކާ ސިފައިންގެ 18 މީހަކު ވަނީ މަރުވެފަ އެވެ. އީރާނުގެ އޮފިޝަލުން ބުނި ގޮތުގައި، އެމެރިކާއިން ދާދި ފަހުން ދިން ހަމަލާތަކުގައި އާންމުންގެ 50 މީހަކު މަރުވެ، ގާތްގަނޑަކަށް 500 މީހުން ވަނީ ޒަހަމްވެފަ އެވެ.
ކޮމެންޓް