އިންޑިއާގައި މުޒާހަރާ ކުރަނީ. (ފޮޓޯ/ރޮއިޓާސް)
ފިއްތުންތައް ބޮޑުވެ، އިންޑިއާގެ ތައުލީމީ ވަޒީރު އިސްލާހުތަކަށް އެއްބަސްވެއްޖެ
ޒުވާނުން އިސްވެ ހިންގާ 'ކޮކްރޯޗު' ހަރަކާތް ދުވަހުން ދުވަހަށް ވަރުގަދަވަމުންދަނިކޮށް، އިމްތިހާނުގެ އިސްލާހުތަކާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން މިއަދު ވިދާޅުވެއްޖެ އެވެ.
މިއީ ހަފުތާތަކެއް ވަންދެން ކުރިއަށްދާ މުޒާހަރާތަކަށް ސަރުކާރުން ދިން އެންމެ ވަރުގަދަ ރައްދެވެ.
"ނީޓް އިމްތިހާނާ މެދު ބަހުސްކޮށް، އަޅުގަނޑުމެންގެ ޒުވާނުންގެ ހުރި ކޮންމެ ކަންބޮޑުވުމަކަށް ހައްލު ހޯދައިދިނުމަށް އަޅުގަނޑުމެންގެ ސަރުކާރު އޮތީ %100 ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
"ދަރިވަރުންނަށް އަޅުގަނޑުމެން ދައްކަންޖެހެނީ ހަމައެކަނި ރުޅިވެރިކަމެއް ނޫން. އަޅުގަނޑުމެން އެ ކުދިންނަށް ޖަވާބުދާރީވާންޖެހޭ، އިސްލާހުތައް ގެންނަންޖެހޭ އަދި ޒިންމާދާރުވާންޖެހޭ."
ގާތްގަނޑަކަށް ދެ މިލިއަން ދަރިވަރުންނަށް އަސަރުކުރި މެޑިކަލް އެންޓްރެންސް އިމްތިހާނުގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން ފެށުނު މި މުޒާހަރާތަކަކީ، 2014 ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޒުވާނުންގެ ފަރާތުން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. މި ހަފުތާގައި ނިއު ދިއްލީގައި އެތައް ހާސް ބަޔަކު އެއްވެ ހިނގާލުން ބޭއްވުމާއި މި މައްސަލައިގައި ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރުމަށް ގޮވާލައި އިދިކޮޅު ލީޑަރު ރާހުލް ގާންދީ މި ކެމްޕޭނާ ގުޅިވަޑައިގަތުމާ އެކު މުޒާހަރާތައް ވަނީ އިތުރަށް ވަރުގަދަވެފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވައި ގާންދީ ވަނީ އިންޑިއާގެ ތައުލީމީ ނިޒާމުގެ ހާލަތާ މެދު ސުވާލު އުފައްދަވާފަ އެވެ.
"އިންޑިއާގެ ތައުލީމީ ނިޒާމު އިނދަޖެހެނީ ކީއްވެގެން؟ ކަރުދާސްތައް ލީކުވަނީ ކީއްވެގެން؟،" ފުލުހުން ދިން ހަމަލާތަކަށް މޯދީ މާފަށް އެދިވަޑައިގަތުމަށާއި ވަގުތުން އިސްލާހީ މަސައްކަތްތައް ފެށުމަށް ގޮވާލައްވަމުން ގާންދީ ވިދާޅުވި އެވެ.
ސަރުކާރުން މިފަދަ ރައްދެއް ދީފައިވަނީ، ލީކުވި މައްސަލައިގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް އަދަބު ދެއްވާނެ ކަމަށް މޯދީ ވިދާޅުވުމާއި ހެލްތު މިނިސްޓަރު ޖޭޕީ ނައްޑާ މުޒާހަރާގެ ލީޑަރުންނާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި އެ މީހުންގެ ކަންބޮޑުވުންތަކަށް ވިސްނަވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް ފަހު އެވެ.
ކޮމެންޓް