ރާހުލް ގާންދީ ހައްޔަރުކުރަނީ. (ފޮޓޯ/އޭއެފްޕީ)
އިންޑިއާގެ 'ކޮކްރޯޗު' މުޒާހަރާތައް ވަރުގަދަވަމުންދަނިކޮށް ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޒުވާނުން އިސްވެ ހިންގާ 'ކޮކްރޯޗު' ހަރަކާތުގެ މުޒާހަރާތައް އިތުރަށް ފުޅާވަމުންދަނިކޮށް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރަސްމީ ގެކޮޅު ކުރިމަތީގައި އިއްޔެ ބޭއްވި މުޒާހަރާއެއްގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ތައުލީމީ އިސްލާހުތަކަށާއި އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ދިން ހަމަލާތަކާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އިށީނދެ ތިބެ ކުރި މުޒާހަރާއަށް ފަހު، ގާންދީ އާއި އިދިކޮޅު އިތުރު ލީޑަރުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ހައްޔަރުކުރުމުގެ ކުރިން ގާންދީ ވަނީ މޯދީ އާއި ހޯމް މިނިސްޓަރު އަމިތު ޝާހް އަދި ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ. ފަހުން އޭނާ ލިޔުއްވާފައިވަނީ "އިންޑިއާގެ ޒުވާނުންގެ މުސްތަގުބަލު ހަލާކުކޮށްލުމުގެ" ޒިންމާ ނަންގަވައި މޯދީ އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން އެއްވެސް ޒިންމާއެއް ނެގުމަށް ނުވަތަ މި މައްސަލައިގައި ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރުމަށް ސަރުކާރުން ދެކޮޅު ހަދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.
މިލިއަނުން މީހުންނަށް އަސަރުކުރި އިމްތިހާނު ކަރުދާސް ލީކުވި މައްސަލައާ ގުޅިގެން ފެށުނު ކޮކްރޯޗު ޖަންތާ ޕާޓީގެ ހަރަކާތް، ދަރިވަރުންގެ އިތުރުން މިހާރު ވަނީ އެކި ދާއިރާތަކުގެ ފަންނީ މީހުންނާއި އާއިލާތަކަށް ވެސް ފުޅާވެފަ އެވެ.
"އަޅުގަނޑުމެންގެ މުޒާހަރާތައް ކުރިއަށްގެންދާނަން،" އެ ހަރަކާތުގެ ބާނީ އަބީޖީތު ދިޕްކޭ އިއްޔެ ވިދާޅުވި އެވެ.
ދިއްލީ ފުލުހުން ބުނި ގޮތުގައި، ހޯމަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ސެކިއުރިޓީގެ 118 މެންބަރުންނާއި މުޒާހަރާގެ 60 ބައިވެރިން ހިމެނޭހެން ގާތްގަނޑަކަށް 180 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.
ކޮމެންޓް